ކީޕަރު މައްސަލައިގައި ޑެލް ބޮސްކޭ ގޮތެއް ނުނިންމާ
ކީޕަރު މައްސަލައިގައި ޑެލް ބޮސްކޭ ގޮތެއް ނުނިންމާ

މެޑްރިޑް (ޖޫން 7) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ގައުމީ ޓީމުގެ އެއް ވަނަ ކީޕަރުކުރަން ދޭނެ ކުޅުންތެރިޔަކު އަދި ނުނިންމާ ކަމަށް އެ ޓީމުގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.

އެއް ވަނަ ކީޕަރުގެ މަގާމަށް ވާދަކުރަނީ ސްޕެއިނާ އެކު ދެ ފަހަރު ޔޫރޯ އަދި ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައިވާ އިކާ ކަސިޔަސް އަދި މެންޗެސްޓާ ޔުނައިޓެޑުގެ ޑޭވިޑް ޑެހެއާ އެވެ.

"ޖޯޖިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ޑެހެއާ ކުޅެފާނެ. ދެކުނު ކޮރެއާ މެޗުގައި ކުޅުނީ ކަސިޔަސް. އެއީ މިވަގުތަށް އެކަން އޮތް ގޮތް. އަހަރެން މިވަގުތަށް ނުނިންމަން މުބާރާތުގައި ގޯލް ބަލަހައްޓާނެ ކީޕަރަކު. ފަހުން އެކަން ނިންމާނީ،" ބޮސްކޭ ބުންޏެވެ.

ރެއާލް މެޑްރިޑުން ދޫކޮށްލުމުން މިވަގުތު ޕޯޓޯ އަށް ކުޅޭ ކަސިޔަސްގެ ތަޖުރިބާ ބޮޑު ނަމަވެސް ފޯމަށް ބަލާއިރު މިވަގުތު ކުރީގައި އުޅެނީ ޑެހެއާ އެވެ.

ޔޫރޯގައި ސްޕެއިން ވާދަކުރާނީ ޗެކް ރިޕަބްލިކާއި ތުރުކީ އަދި ކްރޮއޭޝިއާއާ އެވެ.