3177 ދަރިވަރުންނަށް އެކި ގްރޭޑުތަކުން އަންނަ އަހަރަށް ފުރުސަތު ދީފިން: އެޑިއުކޭޝަން މިނިސްޓްރީ
3177 ދަރިވަރުންނަށް އެކި ގްރޭޑުތަކުން އަންނަ އަހަރަށް ފުރުސަތު ދީފިން: އެޑިއުކޭޝަން މިނިސްޓްރީ

ގްރޭޑް 1-10އަށް، އަންނަ އަހަރަށް 3177 ދަރިވަރުންނަށް ފުރުސަތު ދީފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ އަބްދުއް ސަމަދު ވިދާޅުވީ މާލޭގެ ޕްރީ ސްކޫލުތަކުގައި ކިޔެވި ދަރިވަރުންގެ ތެރެއިން 2122 ދަރިވަރުންނަށް، ގްރޭޑް އެކަކުން ފުރުސަތު ދީފައިވާ ކަމަށެވެ. އަދި މާލޭން ބޭރުގައި ކިޔަވަން އުޅުނު ދަރިވަރުންނާއި އަމިއްލަ ސްކޫލުތަކުން ސަރުކާރުގެ ސްކޫލުތަކަށް ބަދަލުވުމަށް 1055 ދަރިވަރުން އެދިފައިވާ ކަމަށާއި އޭގެ ތެރޭގައި، އެކި ގްރޭޑުތަކަށް ވަނުމަށް ރަށްރަށުން 940އެއްހާ ދަރިވަރުން ހިމެނޭކަން ޝެރީނާ ފާހަގަކުރެއްވި އެވެ

"އިންޓަނޭޝަނަލް ސްކޫލުތަކުން ސަރުކާރުގެ ސްކޫލުތަކަށް ބަދަލުވުމަށް އަދި ބޭރުގައި ކިޔަވަން އުޅުނު ދަރިވަރުންނާއި ރަށްރަށުގައި ކިޔަވަން އުޅުނު ކުދިންގެ ތެރެއިން ވެސް މާލޭގެ އެކި ސްކޫލުތަކަށް ފޯމުތައް ހުށަހަޅާފައިވޭ،" ޝެރީނާ ވިދާޅުވި އެވެ.

ޝެރީނާ ވިދާޅުވީ ޖާގަ ހުރި ވަރަކުން އެ ދަރިވަރުން ދިރިއުޅޭ ގެއާ އެންމެ ކައިރި ސްކޫލުތަކުން ފުރުސަތު ދެމުން އަންނަ ކަމަށެވެ.

ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައިވަނީ ޖެނުއަރީ އަށްވަނަ ދުވަހު އެވެ. އެޑިއުކޭޝަން މިިނިސްޓްރީން މިހާރު އަންނަނީ ރާއްޖޭގެ 212 ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމާއި ސްކޫލުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.