އިންޑިއާ މައްސަލާގައި ޔާމީންގެ ރައްދު: "ހާދަ ވަރަކަށް ދަށުވެފަ އޭ ދޯ"
އިންޑިއާ މައްސަލާގައި ޔާމީންގެ ރައްދު: "ހާދަ ވަރަކަށް ދަށުވެފަ އޭ ދޯ"

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ނެގުމުގެ ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ގެކޮޅުން ނިކުމެވަޑައިގެން އެކަމަށް ރައްދު ދީފި އެވެ.

ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ގޭގައި ހަރުކޮށްފައިވާ ބެނާ ނަގަން ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއް ހިފައިގެން އެ ގެއަށް ވަދެފަ އެވެ.

ބެނާ ނައްޓާލުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ގެކޮޅުން ނިކުމެވަޑައިގެން ޔާމީން ވިދާޅުވީ ސަރުކާރު އޮތީ އިންޑިއާގެ ދަށުވެފައި ކަމަށެވެ.

"ހާދަ ވަރަކަށް ދަށުވެފަ އޭ ދޯ،" ކާރުކޮޅަށް އަރައިވަޑައިގަންނަވަމުން ޔާމީން ވިދާޅުވި އެވެ.

ފުލުހުން މިހާރު ވަނީ ޔާމީން ގެކޮޅުގައި ހަރުކޮށްފައި ހުރި ބެނާ ނަގައިފަ އެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. އެ ކެމްޕެއިން ކުރާ ފަރާތްތައް ހުއްޓުވަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގޮވާލައިފަ އެވެ.

ޕީޕީއެމް/ޕީއެންސީން އިންޑިއާ އައުޓްގެ ނަމުގައި ކެމްޕެއިން ކުރަނީ ރާއްޖެ އާއި އިންޑިއާ ދެމެދު ގާއިމް ކޮށްފައިވާ އެއްބަސްވުންތަކުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެވެ. އަދި އެކި ނަން ނަމުގައި ރާއްޖެ އައިސް އުޅޭ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ.

ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ރާއްޖެ އާއި އިންޑިއާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ނުހިމެނޭ ކަމަށް ނިންމައިފަ އެވެ.