ޕަޕަރާޒީންނަށް މޫނު ފޮރުވީ މަންމަ އަށް ފަޅާއަރާފާނެތީ: ޕަލަކް
ޕަޕަރާޒީންނަށް މޫނު ފޮރުވީ މަންމަ އަށް ފަޅާއަރާފާނެތީ: ޕަލަކް

ބޮލީވުޑުގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު، އިބްރާހިމް އަލީ ޚާނާއި ޓީވީ ތަރި، ޝްވެތާ ތިވާރީގެ އަންހެން ދަރިފުޅު ޕަލަކް އުޅުނު ގޮތުން "ޝައްކު" ވިޔަސް، އެއީ މަންމަ އަށް ފެނިދާނެތީ އުޅުނު ގޮތެއް ކަމަށް ޕަލަކް ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު އާންމުވި ވީޑިއޯއަކުން ފެނުނީ އިބްރާހިމާ އެކު ކާރުގައި ދަނިކޮށް ޕަޕަރާޒީން ފޮޓޯނަގަން ފެށުމާ އެކު ޕަލަކްގެ އޭނާ މޫނު އެކީ ފޮރުވޭ ގޮތަށް އަތް އަޅައިގެން އިންދަ އެވެ. އޭރު އޭނާއާ ޖެހިގެން އިން އިބްރާހިމް އިނީ ސަމާސާ ފާޑަކަށް ހިނިއައިސްފަ އެވެ. އެއާ އެކު އެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށް ވެސް އަޑުއެރި އެވެ.

އެކަން ހިނގި ގޮތް ކިޔައިދެމުން ޕަލަކް ބުނީ، އެ ރޭ މޫނު ފޮރުވަން ޖެހުނީ، އޭގެ އެއް ގަޑިއިރު ކުރިން ގެއަށް ދާން ނިކުމެފައިވާ ކަމަށް މަންމަ ގާތު ބުނެފައިވަނިކޮށް ޕަޕަރާޒީނަށް ފެނުމުން ފިލަން ހަދައިގެން ކަމަށެވެ.

"އަހަރެން ބުނީ ވަރަށް ޓްރެފިކް އެބަ އޮތޭ. ގެއަށް ދިއުމުގެ މަގުމަތީގައޭ މިއުޅެނީ. މަންމަ ބުނި އޯކޭއޭ ވެސް. އެކަމަކު އޭގެ އެތައް އިރެއް ފަހުން ކައިގެން ނިކުތްތަނާ ޕަޕަރާޒީންނަށް ފެނުމުން އަވަހަށް ފިލަން އުޅުނީ،" އޭނާ ބުންޏެވެ.

ޕަލަކް ބުނި ގޮތުގައި ކަންވީ ވެސް އޭނާ ހީކުރި ގޮތަށެވެ. އެ ސޯޝަލް މީޑިއާގައި ވައިރަލްވެގެން، މަންމަ އޭނާ އަށް ފޮޓޯ ފޮނުވާފައި ދޮގު ހެދީ ކަމަށް ބުނެ ރުޅިގަދަވި އެވެ.

އޭނާ ބުނީ އިބްރާހިމަކީ ވަރަށް ރަނގަޅު ރައްޓެއްސެއް ކަމަށެވެ. އެ ދުވަހު އެމީހުން ކާން ދިޔައީ ދެމީހުން އެކަނި ނޫން ކަމަށާއި އެކުގައި ގާތް އިތުރު ރައްޓެހިންތަކެއް ވެސް ދިޔަ ކަމަށެވެ.

"ކަސޯޓީ ޒިންދަގީ ކޭ"ގައި ޕްރެނާގެ ރޯލު ކުޅުނު ޝްވެތާގެ ދަރިފުޅުގެ ޕަލަކް މިހާތަނަށް ބޮލީވުޑަށް ތައާރަފު ނުވިޔަސް، އޭނާ ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ނެރުނު ލަވަ "ބިޖްލީ ބިޖްލީ" އިން ފެނިފަ އެވެ. ވަރަށް ހިޓްވި އެ ލަވައިގައި ޕަލަކްގެ ހުށަހެޅުން ވަރަށް ކަމުގޮސްގެން ގިނަ ބަޔަކު އޭނާ އަށް ތައުރީފުކުރި އެވެ.

އިބްރާހިމްގެ މިސްރާބު ވެސް ހުރީ ބޮލީވުޑަށެވެ. އޭނާ މި ވަގުތު އުޅެނީ ކަރަން ޖޯހަރްގެ ފިލްމެއްގެ ކެމެރާ ފުރަގަހުގެ މަސައްކަތްތަކުގަ އެވެ.