22 އެޕްރީލް 2022 - 08:27

އިންޑިއާގެ ދުންފަތް ބްރޭންޑެއް އިޝްތިހާރުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ އިޝްތިހާރު ކުޅެވުނީތީ އަކްޝޭ ކުމާރު މަފާށް އެދިއްޖެ އެވެ.
ވަރަށް ފަހުން އަކްޝޭ ސޯޝަލް މީޑިއާ އަށް ދޫކޮށްލި "ވިމާލް އިލައިޗީ" އަކީ ދުންފަތް އެކުލެވޭ ގޮތަށް ހަދާފައިވާ ދުފުމެކެވެ. އެ އިޝްތިހާރުގައި އަކްޝޭއާ އެކު އަޖޭ ދޭވްގަން އާއި ޝާހްރުކް ޚާން ވެސް ފެނެ އެވެ.
ދުންފަތުގެ ބާވަތްތައް އެއްގޮތަކަށް ވެސް ބޭނުން ނުކުރާ އަކްޝޭ އެ ކަހަލަ އިޝްތިހާރަކުން ފެނުމުން މީހުން ހިތްހަމައެއް ނުޖެހުނެވެ. އެ ޕޯސްޓަށް އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޮއްސާލި އެވެ.
އެހެންވެ، މަފާށް އެދި އަކްޝޭ ނެރުނު ބަޔާނެއްގައި ބުނީ އެ އިޝްތިހާރު ކުޅުމުގެ ސަބަބުން ސަޕޯޓަރުންގެ ފަރާތުން އައި ހިތްހަމަނުޖެހުންތަކުގެ އަސަރު އޭނާ އަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ.
އޭނާ އަކީ ދުންފަތް ބޭނުންކުރާ މީހެއް ނޫން ކަމަށާއި ދުންފަތް އެކުލެވޭ ބާވަތްތައް ވެސް ދެން އިޝްތިހާރު ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.
އަކްޝޭ ބުނި ގޮތުގައި އޭނާ އަށް އެ ބްރޭންޑް އިޝްތިހާރުކޮށްގެން ލިބުނު ފައިސާ ބޭނުންކުރާނީ މުޖުތަމައު އަށް ފައިދާ ކުރާނެ ކޮންމެ ވެސް ކަމަށް ކަމަކަށެވެ.
އެ އިޝްތިހާރާ އޭނާ މިހާރު ދެކޮޅު ހެދިޔަސް، ކުރިއަށް އޮތް ތަނުގައި ވެސް އެ އިޝްތިހާރު ޓީވީތަކުން ދައްކަފާނެ ކަމަށް ވެސް އަކްޝޭ ބުންޏެވެ. އެކަމަކު އެއީ އޭނާއާ އެކު އެއްބަސްވުން ހެދި ވަކި މުއްދަތެއް ހަމަވަންދެކަށެވެ.
"ދެން އިޝްތިހާރުތައް ކުޅުމާ މެދު ގޮތެއް ނިންމުމުގައި އިތުރަށް ފަރުވާތެރިވާނަން، އެކަމަށް ވައުދުވަން،" އަކްޝޭ ބުންޏެވެ.