21 އެޕްރީލް 2022 - 12:14

ރަޝިޔާ ސިފައިންގެ ހިސޯރުގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ، ޔޫކްރޭންގެ ދެކުނު ސަހަރެއް ކަމަށްވާ މަރިއުޕޯލް، ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް މިއަދު ގެންދާނެ ކަމަށް، ރަޝިޔާއާ އެކުގައި ހަނގުރާމައިގައި ބައިވެރިވާ ޗެޗްނިޔާގެ އިސް ލީޑަރު ރަމަޒާން ގަދީރޯވް ބުނެފި އެވެ.
އޭނާ ބުނި ގޮތުގައި މަރިއުޕޯލްގައި މިހާރު ޔޫކްރޭންގެ ސިފައިން ތިބީ އެ ސަހަރުގައި ހުންނަ، ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި އެކަންޏެވެ. އެ ތަނުގައި ތިބި ސިފައިން ސުލްހަވެރިކަމާ އެކު ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް، ރަޝިޔާ ސިފައިން ދީފައިވާ މުހުލަތު މިހާރު ހަމަވެފައިވާތީ، ރަޝިޔާ ސިފައިން މިއަދު އެ ކާރުޚާނާ ހިފާނެ ކަމަށް އޭނާ ބުންޏެވެ.
ރަޝިޔާ ސިފައިން މިއަދު އެ ކާރުޚާނާ ހިފައި، މުޅި މަރިއުޕޯލް ރަޝިޔާގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް މިބުނީ، އެ ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭން ސިފައިންނާއި އާންމުން މިނިވަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޔޫކްރޭން ސަރުކާރުން ރަޝިޔާ ސަރުކާރަށް ހުށަހަޅާފައި ވަނިކޮށެވެ. މަރިއުޕޯލް ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށަށް މިއަދު ދިއުމުން، އެ ސަހަރަކީ، މީގެ އަށް ހަފުތާ ކުރިން ރަޝިޔާ އިން ފެށި ހަނގުރާމައިގައި ޔޫކްރޭނުން ފަތަހަ ކުރެވުނު އެންމެ ބޮޑު ސަހަރަށް ވާނެ އެވެ.
ރަމަޒާން ގަދީރޯފް ބުނި ގޮތުގައި ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް، އެ ކާރުޚާނާ ގެންނާނީ މިއަދު މެންދުރު ނުވަތަ މެންދުރު ފަހުގެ ވަގުތުގަ އެވެ. އަނެއްކޮޅުން މަރިއުޕޯލްގައި ހުރި ޔުކްރޭން ސިފައިންގެ 36 ވަނަ މެރިން ބްރިގޭޑްގެ އިސް ކޮމާންޑަރު ސެރްހީ ވޮލީނާ ވަނީ، އެ ކާރުޚާނާގެ އެތެރޭގައި ތިބި، ޒަޚަމްވެފައިވާ ސިފައިން އެ ތަނުން ނެރެދިނުމުގައި އެހީތެރިވެދިނުމަށް އެދި ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލައިފަ އެވެ.
ރަޝިޔާ ސިފައިންގެ ހިސޯރުގައި އޮތް ކާރުޚާނާގެ ތެރޭގައި ހުރި ކޮމާންޑަރު ބުނި ގޮތުގައި އެމީހުންގެ ކުރިމަތީގައި އޮތީ މަދު ގަޑިތަކެއް ނުވަތަ މަދު ދުވަސްކޮޅެކެވެ. ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭން ސިފައިންނަށް ވުރެ، ބޭރުގައި ތިބި ރަޝިޔާ ސިފައިންގެ އަދަދާއި ހަތިޔާރުގެ އަދަދު ވެސް އެތައް ގުނައެއް އިތުރު ކަމަށް އޭނާ ބުންޏެވެ.
ޔޫކްރޭންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ހިސޯރުގައި އޮތް ކާރުޚާނާގެ ތެރޭގައި ތިބީ ހަމައެކަނި ސިފައިންނެއް ނޫނެވެ. އެ ތަނުގެ ތެރޭގައި، ރަޝިޔާ ސިފައިންގެ ހަމަލާތަކުން ސަލާމަތްވުމަށް ވަދެ ތިބި އާންމުންގެ 1،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ތަނުގެ އެތެރޭގައި ތިބި އަހަރެމެންގެ ރައްޔިތުން، އާންމުންނާއި ކުޑަކުދިންނާއި އަންހެނުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި، އަދި އެ ތަނުގައި ދިރިތިބި މީހުންނާއި ޒަޚަމްވެފައި ތިބި މީހުން ސަލާމަތް ކުރުމަށްޓަކައި، އެއްވެސް ޝަރުތަކާ ނުލައި އާ މަޝްވަރާތަކެއް ކުރަން އަހަރެމެން މިތިބީ ތައްޔާރަށް،" ރަޝިޔާއާ އެކުގައި ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ޔޫކްރޭން ވަފްދުގެ އިސް ވެރިޔާ މިޚައިލޯ ޕޮޑޮލްޔަކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
ކާރުޚާނާގެ ތެރޭގައި ތިބި ޔޫކްރޭން ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް މިދިޔަ ހޯމަ ދުވަހު ރަޝިޔާ ސިފައިން ވަނީ މުހުލަތެއް ދީފަ އެވެ. ނަމަވެސް ޔޫކްރޭން ސިފައިން އެކަމަށް އިޖާބަ ނުދިނުމުން، އިއްޔެ ވެސް ރަޝިޔާ ސިފައިން ވަނީ އިތުރު މުހުލަތެއް ދީފަ އެވެ. އެކަމަށް ވެސް ޔޫކްރޭން ސިފައިން އިޖާބައެއް ނުދެ އެވެ.