17 ކިލޯ ޑްރަގާ އެކު ހައްޔަރުކުރި ބަޔަކު ދޫކޮށްލައިފި
17 ކިލޯ ޑްރަގާ އެކު ހައްޔަރުކުރި ބަޔަކު ދޫކޮށްލައިފި

މިދިޔަ މަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 17 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.

ވައިގެ މަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްއިން ދިން މައުލޫމާތަކާ ގުޅިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނުގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ސޯސަންމަގާއި ރަތްވިލާމަގު ގުޅޭ ކަންމަތީގައި ދިޔަ ޕިކަޕެއްގެ ތެރެއިންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރުގެ ދިވެއްސަކާއި, 32 އަހަރުގެ ދިވެއްސަކާއި, ބަންގްލަދޭޝްގެ ދެ ފިރިހެނެކެވެ. އެ ހަތަރު މީހުން ވެސް ހައްޔަރު ކުރީ ސޯސަންމަގާއި ރަތްވިލާމަގު ގުޅޭ ކަންމަތިން ޕިކަޕުން ފޮށިގަނޑުތައް ބާލަން އުޅެނިކޮށެވެ.

ބަންގްލަދޭޝްގެ ދެ މީހުން ބުނެފައި ވަނީ އެ މީހުންނަކީ އެކި ފަރާތްތަކުން ބުނުމުން ފައިސާ އަށް މަސައްކަތްކޮށްދޭ މީހުން ކަމަށާއި, ފޮށިގަނޑު ބޭލުމުގެ މަސައްކަތް ވެސް ކުރީ ވެސް ފައިސާ އަށް ކަމަށެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. ދޫކޮށްލަން އަމުރުކުރި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ އެ ދެ މީހުން މިހާތަނަށް ބަންދުގައި 30 ދުވަސް ހޭދަކޮށްފައިވާއިރު, ލިބިފައިވާ ހެއްކަކީ ކުށްކުރި ކަމަށް ބެލެވޭނެ ވަރުގެ ހެކިތަކެއް ކަމަށް ވާތީ، އިތުރަށް ބަންދުގައި ބެހެއްޓޭނެ ހާލަތެއް ނެތް ކަމަށެވެ. އެ ދެ މީހުން ދޫކޮށްލީ ޝަރުތު ކުރުމަށްފަހު އަދި ޕާސްޕޯޓު ވެސް ހިފެހެއްޓުމަށް ފަހު އެވެ. ގާޒީ ވަނީ ތަހްގީގު ނިމެންދެން އެ ދެ މީހުންގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި 32 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިއްޔެއަށް ހަމަވެފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ކަމެއް ނުވަތަ ބަންދުން ދޫކޮށްލީކަމެއް އަދި ސާފެއްނުވެ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ކްރިމިނަލް ކޯޓުގެ ބަހެއް ވެސް އަދި ލިބޭ ގޮތެއްނުވެ އެވެ.

މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި 27 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ހަވާލުވާން ގޮސް ތިއްބަ އެވެ. ނަމަވެސް 27 އަހަރުގެ މީހާ ބުނެފައި ވަނީ މަސްތުވާތަކެތި އަތުލައިގަތް ސަރަހައްދަށް އޭނާ ދިޔައީ މީހަކާ ބައްދަލު ކުރުމަށް ކަމަށެވެ. އަދި އެ ސަރަހައްދުގައި ހިނގަހިނގާ ހުއްޓާ ހައްޔަރުކުރީ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ދެ މީހުންނަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި ކުށްތަކުގެ ރެކޯޑު ގިނަ އަދަަދަކަށް އޮތް ދެ މީހުންނެވެ.

ކަސްޓަމްސްއިން މީގެކުރިން ހާމަކުރި ގޮތުގައި މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި ތަހްލީލު ކުރުމުން  ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު ތޭރަ މިލިއަން ހަލައްކައަށް އަރާ ކަމަށެވެ.