21 އެޕްރީލް 2022 - 11:39

ޔާމީންގެ ގެކޮޅުގައި އިއްޔެ ހަވީރު ނެގި "އިންޑިއާ އައުޓް" ބެނާ ކޯޓް އަމުރެއްގެ ދަށުން އެ ގެކޮޅަށް ފުލުހުން ވަދެ ނަގައިފި. ދެ ގަޑިއެއްހާއިރުގެ މަސައްކަތުން ފުލުހުން އެ ބެނާ ނެގިއިރު، އެ ސަރަހައްދަށް އެއްވެ އިދިކޮޅު ސަޕޯޓަރުން ވަނީ އިންޑިއާއާ ދެކޮޅަށް މިއަދު ވެސް އަޑުއުފުލާފައި. އެ ގެކޮޅަށް ވަދެ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ދިން އަމުރުގައިވާ ގޮތުން، ބަލަައި ފާސްކުރަން ބޭނުންވަނީ އިންޑިއާ އައުޓް ބެނާ ދެމުމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކޮށް އަދި އެ ކަމުގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންގެ މަސްލަހަތަށް ބުރޫއަރާގޮތަށް އެ ގައުމަށް ނިސްބަތްކޮށް ނަފްރަތާއި ފިތުނަ އުފައްދައި އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއްގެ ގޮތުގައި ސިފަވާތީ.

ޔާމީން ގެކޮޅުން "އިންޑިއާ އައުޓް" ބެނާ ނެގުން ކުރިއަށް ގެންދާއިރު، އިދިކޮޅު މީހުން މިހާރު ގެންދަނީ އެ ގެކޮޅު ކައިރި އަށް އެއްވެ އިންޑިއާއާ ދެކޮޅަށް އަޑުއުފުލަމުން. އަދި އެ މީހުން ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުން ވެސް އެ ސަރަހައްދުގައި އެބަތިބި.

"އިންޑިއާ އައުޓް" ކެމްޕެއިނުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރޭ ވަނީ ކަނޑައަޅާފައި. އެހެންވެ، ގައުމުތަކާ ދެކޮޅު އެފަދަ ހަރަކާތްތައް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ހުއްޓުވުމުގެ ގަރާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނެރުއްވާފައި.

ޔާމީންގެ ގެކޮޅުގައި އިއްޔެ ނަގާފައިވާ "އިންޑިއާ އައުޓް" ބެނާ ނެގުމުގެ ކަންކަން ފުލުހުން އަދިވެސް ދަނީ ކުރަމުން. އިމާރާތުގެ އެންމެ މަތީގައިވާ ބައިން މިހާރު ވަނީ ބެނާ ކަނޑާލާފައި. އޭގެ ކުރިން ފުލުހުން ވަނީ އިދިކޮޅު ޕާޓީ ޕީޕީއެމްގެ އޮފީހުގައި ނެގި "އިންޑިއާ އައުޓް" ބެނާ މިއަދު ނަގާފައި. މި ބެނާތައް ނަގަނީ ކޯޓް އަމުރު ހޯދައިގެން.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން އެ ގެކޮޅަށް ދެންމެ ފުލުހުން ވަދެއްޖެ އެވެ.

ފުލުހުން ގެޔަށް ވަނީ ކޯޓް އަމުރާ އެކުގަ އެވެ. ފުލުހުން ވަނީ މާލޭގެ އެހެން ގެތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނަގަން ވެސް އަމުރު ހޯދައިފަ އެވެ.

ބެނާ ނަގަން ވަނުމުގެ ކުރިން ފުލުހުން ވަނީ އެ ފޮތިގަނޑު ނެގުމަށް އަންގައިފަ އެވެ.

ގެޔަށް ވަދެ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ދިން އަމުރުގައިވާ ގޮތުން، ބަލަައި ފާސްކުރަން ބޭނުންވަނީ އިންޑިއާ އައުޓް ބެނާ ދެމުމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކޮށް އަދި އެ ކަމުގެ ސަބަބުން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންގެ މަސްލަހަތަށް ބުރޫއަރާގޮތަށް އެ ގައުމަށް ނިސްބަތްކޮށް ނަފްރަތާއި ފިތުނަ އުފައްދައި އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއްގެ ގޮތުގައި ސިފަވާތީ އެވެ.
ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖޭގެ ހިމާޔަތާއި ރައްކާތެރިކަމުގައި ތިބޭ ބިދޭސީ ޑިޕްލޮމެޓުންނާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތަކަށްވާއިރު، އިންޑިއާ އައުޓް ބެނާ ދެމުން ފަދަ އަމަލުތަކުގެ ސަބަބުން އެ ފަރާތްތައް ވެސް ނުރައްކަލަށް ހުށަހެޅި ރާއްޖެއާ ދިވެހިންގެ މަސްލަހަތަށް ސީދާގޮތުންނާއި ނުސީދާގޮތުން އަސަރުކުރާނެ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
ބެނާތައް ނަގަން ފުލުހުން ލިޔުމުން އެންގީ "އާންމު މަސްލަހަތު ރައްކާތިކުރުމާއި، އާންމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމުކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް" ފިޔަވަޅު އެޅުމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.