21 އެޕްރީލް 2022 - 12:08

ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނަށް ވެސް ކޮންމެ ބޭސް ސިޓީއަކަށް ދެން ބޭސް ދޫކުރާނީ އެއް ފަހަރު ކަމަށް ނިންމައި، ކޮވިޑް ތެރޭގައި އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރަން ދިން ލުއިތައް އެ އާސަންދަ ކުންފުނިން މިއަދު އުވާލައިފި އެވެ.
ކޮވިޑާ ގުޅިގެން އާސަންދަ ސްކީމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމާއި ބޭސް ނެގުމުގައި ލުއި ގޮތްތަކެއް އާސަންދައިން ހަމަޖައްސައިދިނެވެ.
އެކަމަކު އާސަންދައިން ކުރި އިއުލާނެއްގައި ބުނީ ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާތީ، އާސަންދަ ސްކީމުގެ ދަށުން ދެމުންދިޔަ ލުއިތައް ވެސް އުވާލަން ނިންމާފައިވާ ކަމަށެވެ.
އާސަންދައިގެ ލުއިތައް އުވާލައި، އެ ކުންފުނިން ދެން އަމަލުކުރަމުންދާތީ ކޮވިޑްގެ ކުރިން ވެސް އަމަލުކުރަމުން ދިޔަ ގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އާސަންދައިން ބުނި ގޮތުގައި ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނަށް ވެސް ކޮންމެ ބޭސް ސިޓީއަކަށް ދެން ބޭސް ދޫކުރާނީ އެއް ފަހަރު އެވެ. އަދި އަލުން ބޭސް ނަގަން ޖެހޭ ނަމަ، އާ ބޭސް ސިޓީއެއް ހޯދަން ޖެހޭނެ ކަމަށް ބުންޏެވެ.
އެ ސްކީމުގެ ދަށުން ބޭސް ދޫކުރާނީ ވެސް ހަމައެކަނި އީ-ޕްރިސްކްރިޕްޝަނަށް އެކަންޏެވެ. އަތުން ލިޔެފައިވާ ބޭސް ސިޓީތަކަށް ދެން ބޭސް ދޫނުކުރާނެ ކަމަށް ވެސް އާސަންދައިން ބުނެ އެވެ.
އާސަންދައިން ގެނައި ބަދަލާ އެކު އާސަންދަ ސްކީމުގެ ކަވަރޭޖް ދެވޭނީ އައިޑީކާޑު/ ޕާސްޕޯޓްގެ އަސްލު ނުވަތަ ސޮފްޓް ކޮޕީއެއް ހުށަހަޅައިގެންނެވެ.
އާސަންދައިން ބުނީ އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ފޯރުކޮށްދެވޭނީ ހަމައެކަނި "ވިނަވި" ޕޯޓަލް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން އެކަނި ކަމަށެވެ. އޮންލައިން ކޮންސަލްޓޭޝަންގެ ތެރެއިން ބަލި މީހާއަށް އިތުރު އެއްވެސް ހިދުމަތެއް ނަގަން ރިކުއެސްޓްކުރާ ނަމަ، އެ ރިކުއެސްޓެއް ކުރަންވާނީ "ވިނަވި" ޕޯޓަލުންނެވެ. އެ ނޫން ގޮތަކަށް ހިދުމަތް ނުދެވޭނެ ކަމަށް އާސަންދައިން ބުނެ އެވެ.