21 އެޕްރީލް 2022 - 10:45

ޕަޕަރާޗާ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ތަދު، އެންމެ އަގުބޮޑު މަހުރަބެވެ. ނީލޯފަރު މަލުގެ މަޑު ފިޔާތޮށީގެ ތެރެއަށް އިރުގެ ގަދަ ރަންކުލަ ފޭދިގެންދާ ހިނދު ފައުޅު އެވާ ހިތްގައިމުކަމާ އެއްވަރުގެ ގުދުރަތީ ކުރެހުމަކާއި އޮމާންކަމެއް ފެންނަ މި ޖަވާހިރު އެންމެ ތިޔާގި ކަމަށް ބުނެވޭ އޮޅުދޫކަރައިން ވެސް މިއީ ހޯދަން ފަސޭހަ، ގަންނަން ފަސޭހަ އެއްޗެއް ނޫނެވެ. އެކަނި މާ އެކަނި ކޮޅުނބުގެ އެސް ބާޒާރަކަށް ހިނގައްޖެ ނަމަ އެނބުރި އަންނަން ޖެހޭނީ މަރަކާއި ހީލަތުގެ ކެހިން ޖީބުތައް ފުރިގެންނެވެ. އެކަމަކު ބޮކަރު މާލިމީ ކަލޭފާނުގެ ސިއްކަ ފެނުމުން މިފަދަ ނީލަމާއި މަހުރަބުތައް ވިއްކާ ސައުދާގަރުންނަށް އެ މީހުންގެ ސިއްރު ހޮރުތަކުން ނުކުންނަން މަޖުބޫރުވެގެންދެއެވެ. އެހެންކަމުން ހިޖާޒުކަރައިގެ އެންމެ ބޮޑެތި މަހުޖަނުން ވެސް ޕަޕަރާޗާއެއް ބޭނުން ނަމަ އެންމެ ފުރަތަމަ އަރަން ޖެހޭނީ ގޮސް ބޮކަރު އޮޑިއަކަށެވެ. މާލިމީ ކަލޭފާނުގެ ޒަފުތުވެރިކަމުގެ އާރާބާރު ފެތުރިގެން ގޮސްފައި އޮތް މިންވަރަކީ އެއީ އެވެ.
އުތުރުކަރައިގެ ރަން ވިއްކާ ބާޒާރުތަކާއި ރަނުގެ ވަޅުވަޅުތަކުގެ ޗާޓުގައި ވެސް ކަލޭފާނުގެ ބާރު ނުހިނގާ އެއްވެސް މައިދާނެއް ނެތެވެ. ސީނުކަރައިގެ ހަލަބޮލި ބާޒާރުތަކާއި އެންމެ ނުފޫޒުގަދަ ސައުދާގަރުންގެ މައިދާނުގައި ވެސް ކަލޭފާނަކީ އިހުތިރާމާއި ވެރިއެއްގެ ހައިސިއްޔަތު އަބަދުވެސް ލިބިވަޑައިގެން ހުންނެވި ތަހުތުގެ ގަދަފަދަ ވެރިއެކެވެ.
އަސޭކަރައިގެ ބާޒާރަކަށް ކުރެއްވި ދަތުރުފުޅެއްގައި އެ ކަރައިގެ އެންމެ ބޮޑު ސައުދާގަރު އަދި ހަތިޔާރުގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ހާޝިމް ޕްރަބޯވޯގެ ސަމާލުކަން ވެސް އެހާ ފަސޭހައިން ކަލޭފާނަށް ލިބުނު ސަބަބަކީ އެއީއެވެ. ޕްރަބޯވޯގެ ދައުވަތު ލިބިވަޑައިގެންނެވިއިރު ކަލޭފާނު ހުންނެވީ ކާލިންގާ ސާގަރު ހުރަސްކޮށް ކުރާ ދިގު ދަތުރުތަކުގައި ކުރިމަތިލާން ޖެހޭ ބަންގާޅުގެ ނުރައްކާ ކަނޑުފޭރޭ މީހުންގެ އުނދަގުލުން މިންޖުކޮށްދޭނެ އަސްކަރީ ފަސޭހަ އާލާތްތަކަކަށް ނުހަނު ބޭނުންވެފައެވެ.
ޕްރަބޯވޯ ފޯރުކޮށްދިން ހަތިޔާރުތަކާއި ލަޝްކަރުތަކާ އެކުގައި ގޮސް ބޮކަރު ލަޝްކަރުން ބަންގާޅުގެ ކަނޑުފޭރޭ ފުރޭތައިން، އެކަތި ދެއެއްޗަށް ކޮށައި ކުދިކޮށް ކަނޑު ފެއްތި އެވެ. އޭގެ ފަހުން ހާޝިމް ޕްރަބޯވޯ ވެގެންދިޔައީކީ ހަމައެކަނި އަސޭކަރައިގައި ހުރި އެންމެ ބޮޑު މަހުޖަނަކަށް ނޫނެވެ. އެ ކަރައިގައި ހުރި ކަލޭފާނުގެ އެންމެ ބޮޑު ރަޚުމަތްތެރިޔާ އަށް ވެސްމެއެވެ.
ދެ ބޯ ލީ ސާމަރާދޫންޏެއްގެ ސިފައަށް ޖަރީކޮށްފައި އޮތް ފޯއްވަޅި އަކީ ޕްރަބޯވޯ ކަލޭފާނަށް އެރުއްވި ހާއްސަ ހަދިޔާއެކެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަކޮށް އެއްކޮށްފައިވާ ވަރަށް ހާއްސަ ހަޒާނާއަކަށް ނިސްބަތްވި، ވަރަށް ހާއްސަ ހަތިޔާރެކެވެ. ޕްރަބޯވޯގެ އެ ހަޒާނާ ބައްލަވައިލެއްވުމަށް ކަލޭފާނު ކުރެއްވި ޒިޔާރަތެއްގައި އޭނާ ކިޔައިދިން ގޮތުން ނަމަ އެ ފޯއްވަޅިއަކީ އަސޯކާގެ ތަހުތަށް ނިސްބަތްވި ސިއްރު ހަޒާނާއެކެވެ.
"ސާމަރާ ދޫންޏެއްހެން ހީވާ ގޮތަށް ޖަރީކޮށްފައި އެވާ ދެ ބޯ ލީ ދޫންޏަކީ ގަންޑާބެރުންޑާ. އާދަޔާހިލާފު ބާރުތަކެއް އެއަށް ލިބިފައިވާ މާ ސިންގާ ދޫންޏެއް. އަދި ހަތިޔާރެއް ތިޔައީ،" މާދަރީބަސް، ޖަވަނީސް ބަހުރުވައިން ޕްރަބޯވޯ ކިޔައިދެމުން ދިޔައިރު ކަލޭފާނު ހުންނެވީ ރަނާއި ރިހިން ޖަރީކޮށް ކުލަކުލައިގެ އެސް ހަރުކޮށްފައިވީ ނަލަ ފޯއްވަޅިއަށް ގެއްލި ހުސްވެފައެވެ. ދުފައި ރަތްކޮށްލައިގެންނެވެ.
"މި އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ތިޔަ ހަދިޔާ ގެންދަވާ."
ޕްރަބޯވޯ އެހެން ދެންނެވުމުން ކަލޭފާނު ހިނިތުންވެ ބަލައިލިއެވެ.
"ހަނގުރާމައިގެ މައިދާނުގައި ގަންޑާބެރުންޑާ ކަލޭފާނަށް ކާމިޔާބު ހޯދައިދޭނެ."
ޕްރަބޯވޯ އެހެން ބުނުމުން ކަލޭފާނު ދެން ޖަހައިލީ ކުރު ހިނިގަނޑެކެވެ. އެކުވެރި ސައުދާގަރުގެ ހަދިޔާ ގަބޫލުކުރެއްވިޔަސް އޭނާ ދެން އެ ބުނި ވާހަކަ ސަމާސާއަކަށް ހައްދަވަމުންނެވެ.
ދެ ބޯ ލީ ސާމަރާދޫނީގެ ސިފަ ފައުޅުވާ ފޯއްވަޅީގެ އިތުރުން ވަރަށް ހާއްސަ އިތުރު ދެ ހަތިޔާރެއް ވެސް ޕްރަބޯވޯ ކަލޭފާނަށް ހަދިޔާކުރެއްވިއެވެ. އޭގެ ތެރެއިން އެއް ހަތިޔާރަކީ އަސޭޒަމްބިއާއޭ ކިޔުނު ދެ ފަރާތަށް މިޔައެޅި ވަރަށް ތޫނު ޚަންޖަރެކެވެ. ދުޝްމަނަކަށް ގާތުން ކުއްލި ހަމަލާއެއް ދޭން އެފަދަ ދެ ވަނައެއް ނެތް ހަތިޔާރެކެވެ. އެއީ ޒެމްބިއާގެ މަޝްހޫރު ރިއްސެވެ. އެ ޚަންޖަރުގެ މުށްގަނޑުގެ ގޮބުން ސިފަވެގެން އަންނަނީ ބާޒު އާއިލާގެ އެންމެ ނުލަފާ ވައްތަރުކަމުގައިވާ އެހަނޑައެކެވެ.
އަނެއް ހަތިޔާރަކީ އޭގެ މޮޅުކަމާއި ގަދަފަދަކަމަށް މަޝްހޫރު ހުދުއެކަތައިގެ ދެ މިޔަލީ ބޮޑު ކަނޑިއެކެވެ. އެއީ މަޝްހޫރު ތިނީން ކަނޑިއެކެވެ. މުޅި ދުނިޔޭގައި ވެސް އޮތީ އޭގެ އެންމެ ތިން ކަނޑި އެވެ. ހަނގުރާމައިގެ މައިދާނުގައި މި ކަނޑި އުފުލާ ފަހުލަވާނުގެ ހިމާޔަތުގައި އަލިފާނުގެ ނޭވާލާ ހުދުކުލައިގެ ތިނީން ހައިވާނެއް ނުކުމެގެން އަންނާނެ ކަމަށް ބުނެވެއެވެ. ތިނީންގެ އަނެއް ދެ ކަނޑިވީ ތަނެއް ނޭނގެއެވެ.
ޕްރަބޯވޯ ކިޔައިދިން އެއިން އެއްވެސް ވާހަކައެއް ކަލޭފާނަކަށް މުހިންމެއް ނުވިއެވެ. ޖަރީކޮށްފައި އޮތް ފޯއްވަޅިއަށް ވުރެން ހާއްސަވި އަދި ގަޔާވެ ވަޑައިގެންނެވި ހަތިޔާރެއް ވެސް ނުދެއްކުނެވެ. އެކުވެރިޔާ ކިޔައިދިން ވާހަކަތައް ފްލޯކަށް ހައްދަވަމުން ސަމާސާކުރައްވަމުން އެ ބިންގަރާހުގެ ހަޒާނާއިން ނުކުމެ ވަޑައިގެން ހަށިފާރަވެރިންނާ އެކުގައި ބޮކަރު އޮޑިއަށް ވަޑައިގެންނެވިއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ. އަސޭކަރައިގެ ހަލަބޮލި ބަނދަރުން ނުކުމެ ރިޔައު ކޮށިކުރަމުން ގޮސް ކާލިންގާ ސާގަރޭ ކިޔުނު ކަނޑަށް ނުކުތްއިރު ފަޖުރުތަރި ލޮލަށް ދައްކާލަނީ އެވެ.
ހަ މަސް ދުވަހުގެ ދިގު ދަތުރަކަށް ފަހު، ކަރަތަކުން އެއްކުރި މުދަލާއި ކާޑާއެކުގައި ގޮސް ބޮކަރު އޮޑި ބަނދަރުކުރީ ރަސްގެފުރެންސޫގެ މައި ކިއްލާ ކަމުގައިވީ ފުރަމާލެ އަށެވެ. ދުވަސްވަރަކީ އަނެއްކާވެސް ސުވަދީވާގެ ހަނގުރާމަވެރިންނާއި ޖާސޫސުން ތަހުތާ ދެކޮޅު ހަރަކާތްތައް ވަރުގަދަކޮށް ހަނގުރާމައިގެ ބެރުގެ އަޑު ގަދަކޮށްލާފައި އޮތް ދުވަސްވަރެކެވެ. ދާޚިލީ ހަނގުރާމައިގެ ކަޅުބޯވިލާގަނޑެއްގެ ދަށަށް ތަހުތުގެ ޖަޒީރާ ރަށްތައް ދަމައިގެންގޮސްފައި އޮތްއިރު ކެތި ނަކަތުގެ އަނދިރިކަމާއި ވިއްސާރަ އަށް ވެސް ބޯދިއްކޮށްލެވޭ ވަރެއް ނޫނެވެ.
މާލޭގެ ރަސް ބަނދަރުގައި ބަނދަރުކުރިގޮތަށް ކަލޭފާނުގެ ބޮކަރު އޮޑި ޖެހިގެން އައި ތިން މަހަށް ވެރިރަށުގައި ތާށިވީއެވެ. އެ ދުވަސްތަކުގައި އެތެރެކޮއިލުން އެންމެ ގިނައިން ފެނިވަޑައިގެންނެވި މަންޒަރަކީ ސުވަދީވާގެ ޖާސޫސުން ހިފައި ހައްޔަރުކޮށްގެން ގުޅަކުޅޭފަސްގަނޑަށް ގެންގޮސް ދުއްރައިން ތަޅައި އެ މީހުންގެ ބުރިން ހަންނަގައި ހަވަރަށް ދެމުން ދިޔަ މަންޒަރެވެ. އޭރު ވެސް ރަދުންގެ ލަޝްކަރެއް ދެކުނަށް ފޮނުއްވައިގެން ސުވަދީވާގެ ހަނގުރާމަވެރިން މައިތިރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ދެއެވެ. ބާޣީންގެ ގޮތުގައި އަތުލައިގަނެވޭ ބައެއް މީހުން ދަން ޖެއްސުމާއި ކަނޑުފެއްތުމަކީ ވެސް އޭރު އާންމުކޮށް ދެމުން ގެންދިޔަ އަދަބެކެވެ. ނަމަވެސް ސުވަދީވާގެ ހަނގުރާމަވެރިން ތަހުތު ދެކެ ބިރުން އުޅޭ މަންޒަރެއް ނުފެނެއެވެ.
އުތުރު ހަތަރު އަތޮޅުގެ ވެރިޔާ މާލިމީ ކަލޭފާނަށް ރަށަށް ދެވުނީ މާލެއިން ފުރައިގެން ބަރާބަރު ސާދަ ދުވަސް ފަހުންނެވެ. ބޮކަރު ގަނޑުވަރަށް ވަޑައިގެންނެވިއިރު އަނބިކަނބަލުން ތުއްތުގޮމާ ވޭންވަރަށް ހިފަނީ އެވެ. ކޮޓަރިކޮޅުގެ ބޭރުގައި ދުންއަޅަން އިން މީހަކު ހަރުއަޑުން މަރިޔަމް ސޫރަތް ކިޔަވައި ހުރި ތަނަށް ދެމިދެމިފައި ރޮއި ހޭރެނީ އެވެ.
ދުންގަނޑު ފައްސަމުން ފުންމައިގެން ގޮސް ދޮރުފޮތިގަނޑު ކަހާލާފައި ކަލޭފާނު ކޮޓަރިކޮޅަށް ވަންއިރު ވޭންވަރުގައި ތުއްތުގޮމާ ހީވަނީ ހަނާވެ ނެތި ނިމިދާން އުޅޭ ހެންނެވެ. އެވަގުތު ފޫޅުމާމައިންގެ ތެރޭގައި ހުރި އެންމެ އިސް ބޭކެނބިކަނބާ ހާސްވެފައިވާ މޫނަކާއެކު އައިސް ކަލޭފާނު ގޮވައިގެން ކޮޓަރިކޮޅުން ބޭރަށް ނުކުތެވެ. އަދި ދެން ދިން ޚަބަރަށް ފަހު ކޮޓަރިއަށް އެނބުރި ދާކަށް ކަލޭފާނު އެއްގޮތަކަށް ވެސް ބޭނުންފުޅެއް ނުވި އެވެ. އޭގެ ބައިގަޑިއެއްހާއިރު ފަހުން ތުއްތުކުއްޖެއްގެ ރުއިމުގެ އަޑުން ގަނޑުވަރުތެރެ ގުގުމައިގަތެވެ. އެކަމަކު ދުނިޔެ އަޅައި އެ ދިޔަ ތުއްތުގޮމާއާ ނުލައި އެ ދަރިފުޅުގެ އުފަލުގައި ބައިވެރިވާނެ ގޮތެއް ކަލޭފާނަކަށް ނުވިސްނުނެވެ. ފިކުރުތައް ހިފައިގެން ގޮސް ބޮޑު އުނދޯލީގައި އިންގޮތަށް ހުއްޓުން އަރާފައި އިންދައި އިސްފޫޅުމާ ގެނެސް ދައްކާލީ ކަލޭފާނުގެ އަލަތު އައުލާދެވެ.
ނަމަވެސް އެ ކުއްޖާ އުރާލާނެ ހިތްވަރެއް ވެސް ކަލޭފާނުގެ ކިބައަކުން ނުފެނުނެވެ. އެ ކުއްޖާގެ ގައިގައި ބައްދާލާނެ ހިތްވަރު ވެސް ނުލިބުނެވެ. ނުވަތަ އެ މައުސޫމު ދެ ލޮލުގައި ފޮރުވިފައިވީ ސިއްރާއި މުޑުދާރުކަން ކަލޭފާނަށް ރަނގަޅަށް ފެނިލައްވާތީ އެ ކުއްޖާ އުރާލަން ބޭނުންފުޅު ނުވީ އެވެ. އެކަމަކު އެވަރުގެ ތުއްތު މައުސޫމު ކުއްޖެއްގެ ބޮލުގައި އެހައި ހުތުރު އިލްޒާމްތަކެއް އަޅުވާނީ ހިތެއް ނެތް އިންސާނެކެވެ.
ނަމަވެސް ކަލޭފާނަކީ ރަޚުމާއި ކުލާއި އޯގާވެރިކަމުގައި ލާމަސީލު ބޭކަލެކެވެ. އެ ހިތް ތަޣައްޔަރު ކުރީ ކޮން ވަބާއެއް ހެއްޔެވެ؟ ހަތް ދުވަސް ފުރިގެން ކޮލިލުމަށް ދަރިކަލުންގެ ބޯބޭލުމަށާއި ނަންކިޔުމާއި ލަގަބާއި ދަރަޖަ ކަނޑައެޅުމަށް ބޭއްވި ރަސްމީ ހަފުލާގައި ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިނުގަތުމަށް އެ ކަލޭގެފާނު ނިންމެވި ނިންމެވުމަކީ އެތައް ބަޔަކު އަޖާއިބު އަންތަރީސްކޮށްލި ކަމެކެވެ.
އެންމެފަހުން ކޮލިލުމުގެ އެ ރަސްމިއްޔާތު ފަސްކޮށް ސާދަ ދުވަސް ފަހުން އެ ދަރިކަލަށް ހަސަންތަކުރުގެ ނަމުން ނަންދީ ކުރަފަތަކުން އެ ކުއްޖާގެ ބޯބޭލީ ކަލޭފާނުގެ އެއްބަޑު އެއްބަފާ ކޮއްކޮ ވާލިދުކަލޯ އެވެ. އޭނާ އަކީ ބޮކަރު ނާފަހަރުތަކުގެ ދެ ވަނަ އަށް އެންމެ އިސް ސަރަނގެވެ. އެއްވެސް އިރެއްގައި ކަލޭފާނު އެއްވެސް ވަރަކަށް ހިތްޕުޅާވެ ވަޑައިގަތް އާއިލީ ބޭފުޅެއް ނޫނެވެ. ވާލިދުގެ ހިތުގައި ކަލޭފާނާ މެދު އަބަދުމެ އެ ދެމޭ ނަފުރަތާއި ހަސަދަ އާއި ނުބައި ނުލަފާ ރޭވުންތަކުގެ ހަގީގަތް އަބަދުވެސް އެނގިވަޑައިގަންނަވާތީއެވެ. ތަހުތުގެ ދަހިވެތިކަމުގައި އޭނާ ކޮންމެ ފަދަ ނުބައި ކަމެއް ވެސް ކޮށްފާނެތީ އެވެ. ތަހުތާއި ގަނޑުވަރާ ވީ އެންމެ ދުރެއްގައި އަބަދުވެސް އޭނާ ގެންގުޅެވޭތޯ ކަލޭފާނު ބަލަނީ އޭނާގެ ހިތުގައި ރާވާ ރޭވުންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ. އިސް ސަރަނގުކަން ވެސް ނުދީ ބަހައްޓާފައި އެ ހުންނަނީ ސަބަބުތަކެއް ހުރީމައެވެ. ވާލިދުކަލޯގެ ނިޔަތް ދުވަހަކުވެސް ރަނގަޅުނުވާނެކަން ކަލޭގެފާނަށް ކަށަވަރުވާތީއެވެ.
ބޯބާލައި ހަސަންތަކުރު ފެންވަރުވައި ރީތިކޮށް ނިމުމުން ކަލޭފާނު އަވަސްވެގަތީ އެ މަޖިލީހުން ނުކުމެ ވަޑައިގަތުމަށެވެ. ތުއްތުގޮމާ ނެތި ދިއުމުގެ ހިތާމައިން އެ ހިތް އަދިވެސް އަރައިނުގަންނަ ކަހަލައެވެ. ނުވަތަ ތުއްތުގޮމާ ނެތް ދުނިޔެއެއްގައި އޭނާ ބަނޑުއަޅައިވިހެއި ދަރިއަކު ވެސް ބޭނުން ނުވަނީ ތޯއްޗެވެ.
މަޖިލިސް ދޫކޮށް ނުކުމެ ވަޑައިގެން ދިޔަ ގޮތަށް ގޮސް ކަލޭފާނު ވަދެ ވަޑައިގަތީ ހިރިގަލުގެ ބިންގަރާހުގައި ގާއިމުކޮށްފައިވާ އެކަހެރި ކޮޓަރިކޮޅަކަށެވެ. އުށްބައްތީގެ ފަނޑު އަލިކަމުގެ ތެރެއަށް ވަދެގެން ގޮސް އަތްގަނޑުލީ އަދަރާދަގޮނޑިއެއްގައި އިށީނދެ އަސޭކަރައިގެ މޮޅު ސުއްޓާއެއް ނަގައި ރޯކޮށް ދުންއަރުވަމުން ގޮނޑީގައި ހަމަޖެހިލިއެވެ. މާޔޫސްކަމާއި އެކަނިވެރިކަން އައިސް ވަށާލާފައި އޮތްއިރު ކަލޭފާނުގެ ރޫހު އެކުގައި ޖަހައިގެން ގެންގޮސްފައިވާ ކަހަލައެވެ. މިލައި މޯޅިވެފައިވާ އެ މޫނު މަތީގައި ހަމަ އެއްވެސް ދިރުމެއް ނުވެއެވެ.
ސުއްޓާގަނޑު ބޮމުން ފިކުރާއި ތުރާލުގެ ދާނަކަށް ޣަރަގުވަމުން ދަނިކޮށް ކަލޭފާނުގެ ލޮލުގައި އަޅައިގަތީ އަސޭކަރައިގެ ސައުދާގަރު އޭނާ އަށް ހަދިޔާކުރި ފޯއްވަޅިއެވެ.
"މި ފޯއްވަޅީގެ މިޔައިން ޖަހައި އިނގިލިން ލޭކޮށާލީމަ ގަންޑާބެރުންޑާ ފާޅުވާނެތެވެ."
"ގަންޑާބެރުންޑާ ކަލޭގެފާނުގެ ހުރިހާ އުދާހެއް ފިއްލަވާނެތެވެ."
ގޮތް ހުސްވެ ދުނިޔެ އާއި ދިރިއުޅުންމަތިން ފޫހިވެފައި އިން ކަލޭފާނުގެ ބޮލަށް ކުއްލިއަކަށް ވަނީ އޭނާގެ އެކުވެރި އަސޭކަރައިގެ ސައުދާގަރު ބުނި ވާހަކައެކެވެ.
ފުންމައިގެން ތެދުވެ އަޅިކެނޑިއަކަށް ސުއްޓާ ނިއްވާލާފައި ހަރު ފިޔަވަޅުތަކެއްގައި ގޮސް ފޯއްވަޅި ނަގައި އެއަށް ކަލޭފާނުގެ ނަޒަރު ހުއްޓުވާލިއެވެ. ދެ ބޯ ލީ ސާމަރާދޫނީގެ ސިފަ ލިބިފައިވާ ގަންޑާބެރުންޑާ ސީދާ ކަލޭފާނުގެ ދެ ލޮލަށް ބަލަހައްޓައިގެން އޮތް ކަހަލައެވެ.
ބަލަން ނުހުރެ ފޯއްވަޅި ހުޅުވާލުމަށް ފަހު އޭގެ މިޔައިން ޖަހައި ވައަތުގެ ޝަހާދަތް އިނގިލިން ކަލޭފާނު ލޭކޮށާލިއެވެ.
** ** ** **
ތުއްތުގޮމާ ވިހެއި ދަރިކަލުން، ބޮކަރު މާލިމީ ކަލޭފާނުގެ ފުރިހަމަ އައުލާދެއްގެ ގޮތުގައި ބަލައިނުގަނެ، ތަހުތުގެ މަތިފުށުން ނައްގަވައި އެއްލަވައިލެއްވި ހިސާބުން ވާލިދުކަލޯ އަށް އޭނާގެ ބޭބެގެ ނިޔަތާއި މަގުސަދާއި މަކަރުވެރި ރޭވުން ވަރަށް ރަނގަޅަށް ސާފުވި އެވެ. ނަމަވެސް ބޮލު ތެރޭގައި އެނބުރެމުން ދިޔަ އެ ވަހުމުގެ ހަގީގަތް ހޯދުމަށް އޭނާ އަށް މަޖުބޫރުވީ ގަނޑުވަރުގެ ބޭކެނބި ކަނބާގެ ކޮޓަރިއަށް ދަންވަރުގެ ވަގުތުގައި ވަދެ ޚަންޖަރަކުން އޭނާ އަށް ބިރު ދައްކާށެވެ.
"މުސްކުޅި އަންހެނާ މަށަށް ކިޔައިދީ. ކަލޭ އޭނަ އަށް އެ ދުވަހު ދިން ޚަބަރަކީ ކޮބައިތަ؟ މި ޚަންޖަރުން ކަލޭގެ ވައިނޮޅި ކޮށައި ފުރާނަ ޖަހައި ނުގެންދަނީސް މަށަށް އެ ހުރިހާ ވާހަކައެއް ކިޔައިދީ، މި އޮތް މުސްކުޅި މުޑުދާރު އަންހެނާ،" އެނދުއަށީގައި އޮތް ބޭކެނބި ކަނބާގެ ގައިމައްޗަށް އަރައި އޭނާގެ ކަރުގައި ވާލިދުކަލޯ ޚަންޖަރުގެ ކޮޅު ޖައްސާލައިގެން އޮތްއިރު އޭނާގެ ކިބައިން ސަލާމަތްވާން ތެޅިގެންފި ނަމަ އެ ޚަންޖަރުން ވައިނޮޅި ފޫއަޅުވާލާނެކަން އެނގޭ ހާލުގައި އިސްފޫޅުމާ އޮތީ ހިރި ވެސް ނުލައި، ނޭވާ ހިފަހައްޓާލައިގެންނެވެ. ބޭއިހުތިޔާރުގައި ދޫކޮށްލެވޭ ނޭވާ ވެސް އެންމެ ފަހު ނޭވާއަށް ވެދާނެތީއެވެ.
އެހެން އޮތްވައި ފުންމައިގެން ތެދުވެ ބޭކެނބިކަނބާގެ ލަފުގައި ހިފައި ކުރުކުއްލި ޖަހައި އޭނާ ތަންމަތިން ނަގައި ހޫރުވާލިއެވެ. އަށިމަތިން ފައިބައިގެން އައިސް ފާނޫޒުގެ އަލިކަމުގައި ދެ ވަނަ ހަމަލާ އަށް އެނބުރުނުއިރު ވާލިދުކަލޯގެ ދެ ލޮލުން އަލިފާން އަނދަމުން ގެންދެއެވެ. އެ ދެ ލޮލާއި އޭނާގެ ނިކަމެތިވި ނަފުސު ޝަރާބެއްގެ މަސްތަށް އަޅުދާސްތުވެ ބަލިކަށިވެފައިވީ މިންވަރު އޭރު ވަރަށް ސާފުކޮށް ފެނެއެވެ.
"މިހިރަ މުޑުދާރު މުސްކުޅި އަންހެނާ. ކަލެއަށް އެނގެނީ ކޮން ސިއްރެއް ހެއްޔޭ؟"
މިހެން ކިޔައި ހަޅޭފަޅޭޖަހައިގަތްގަތުމާ އެކު ހަންޖަރު ހޫރަމުން ވާލިދުކަލޯ ބޭކެނބިކަނބާގެ ފުރާނަ ޖަހައިގަތުމަށް ދުއްވައިގަތެވެ. ނަމަވެސް ހުސިޔާރުކަމާއެކުގައި އެ ހަމަލާއިން ކަސިޔާރުވެ ފާނޫޒު ނަގައި ވާލިދުކަލޯގެ ބޮލުގައި ބޭކެނބިކަނބާ އަޅުވައިލި އެތިފަހަރާއެކު ފާނޫޒުގެ ބައިތައް ރޫޅި ބުރައިގެން ގޮސް ކޮޓަރި ތެރޭގައި ހުޅު ރޯވެއްޖެއެވެ.
ރޯވި އަލިފާންގަނޑު ނިއްވަން ފޫޅުމާމަ ތެޅިގަތްވަގުތު ބަލައި ޚަންޖަރު ހިފައިގެން ގޮސް ވާލިދުކަލޯ ކުޑަދޮރުން ބޭރަށް ފުއްމާލައިގެން ފިލައިފިއެވެ. އިސްފޫޅުމާގެ ކިބައިން ބޭނުންވި މައުލޫމާތު ނުލިބުނަސް ކަލޭގެފާނުގެ ހިތް އޮތް ގޮތާއި ރާއްވަވަމުން ގެންދަވާ މަކަރުވެރި ނުބައި ރޭވުންތަކުގެ ހަގީގަތް ވާލިދަށް މިހާރު ވަރަށް ސާފެވެ. ތުއްތުގޮމާއާ އޭނާއާ އަޅުވާ ކިޔައިގެން ގަނޑުވަރު ތެރޭ ޚާދިމުން ދެބައޮޑުވާވަރާއި އެ ހުރިހާ ވާހަކައެއް ގޮސް ބޭކެނބިކަނބާއާ ހަމަ އަށް ނިމޭއިރު ކަލޭގެފާނުގެ އަރިހުގައި އެ އަންހެނާ ނެތިމޮށޭނެވަރު ހިތަށް އަރައި ވާލިދުކަލޯ ހަމަ ރަނގަޅަށް ވެސް ގޮތްހުސްވެއްޖެއެވެ.
ނުކުރާ ކަންތަކަކަށް ތުހުމަތުކޮށް، ނުހިންގާ ގުޅުންތަކަކަށް ޝައްކުކޮށް ބަޔަކު މީހުން ފެތުރި ރޯމަރުދޮގުތަކަކަށް އިތުބާރުކޮށް ކަލޭގެފާނު މިހާރު ރާއްވަވަމުން އެ ގެންދަވަނީ އޭނާ ގަތުލުކުރައްވާނެ ގޮތަކާ މެދުގައިކަން ވެސް ޔަގީންވެ ވާލިދުކަލޯ ނިންމީ ބޮކަރު ގަނޑުވަރާއި ފެލިފަރިދޫ ވެސް ދޫކޮށް ކަލޭފާނުގެ ބާރު ނުހިނގާ ހިސާބަކަށް ފިލައިގެން ދާށެވެ. އެ ރައްކާތެރިކަން ކަށަވަރުވާނެ މަންޒިލެއްގެ ގޮތުގައި އޭނާ އަށް ފެނުނީ ދެކުނު ބިތުގައި އޮތް ސުވަދީބެވެ.
ވަފާތެރި ސިފައިންގެ ދޮޅަހަކަށް މީހުންގެ ފައުޖަކާ އެކުގައި ބޮކަރު އޮޑިއެއް ވަގަށް ނަގައިގެން ކަޅުފޮއެރެއެއްގައި އޭނާ ދެން ދަތުރު ފެށީ ސުވަދީވާއަށެވެ.
ނަމަވެސް ވާލިދަށް ފިލައިގެން އުޅެވުނީ އަހަރެއްހާ ދުވަހަށެވެ. ސުވަދީވާ އިން ހިމާޔަތަށް އެދިގެން ދިޔަ ނަމަވެސް އެ ރަށްތަކުގެ ހަނގުރާމަވެރިންނަށް އޭނާގެ ނަސަބުގެ ހަގީގަތް އެނގުނު ހިސާބުން އެމީހުން ބޭނުންވީ އޭނާ ހިފައި ހައްޔަރުކޮށް އަމިއްލަ އެދުމަށް ކަތިލާށެވެ. އެންމެފަހުން އެ ނުބައި އަނިޔާވެރިންގެ ކިބައިން ސަލާމަތްވެ ފިލައިގެން ކަނޑުމަތީގައި އުޅެނިކޮށް ރަދުންގެ ހަވަރު ލަޝްކަރުގެ ސިފައިންނަށް ފެނިގެން އޭނާ ހައްޔަރުކޮށް ބޮކަރު ސިފައިންގެ އޮޑިއަކާ ހަވާލުކުރީ އެވެ.
ހަސަންތަކުރަށް އަހަރު ފުރުނު ދުވަހު ވާލިދުކަލޯ އޮތީ އޭނާގެ ހަތަރެސްފައިގައި ވައު ޖަހައި ހަތަރު ފަރާތަށް ވާންކޮށް ފެލިފަރިދޫގެ ހުސް ބިމުގެ ވާދީއެއްގައި ހުސްގަޔާ އަނގަވަތަށް އެލުވައިފައެވެ. ގަހެއް ރުކެއްގެ ހިޔަލެއް ނުވާ އެ ވާދީގެ އުސްބިމުގައި ނަގާފައިވާ ފޭލިގެއެއްގެ ތެރޭގައި ޝަރާބުގެ ސިލްވަރު ތައްޓެއް ހިއްޕަވައިގެން ވާލިދުކަލޯގެ ހާލުން ހިތްހަމަޖެހުން ހޯއްދަވަމުން ގެންދެވި ފަރާތަކީ ބޮކަރު ކަލޭގެފާނެވެ. އޭރު ކާޅުތައް ގޮސް ވާލިދުކަލޯގެ ބުރަކަށިމައްޗަށް ތިރިކޮށް ހޭރި އޭނާގެ ގައިން ލޭ ކޮށަމުން ގެންދެއެވެ. އެ ދިމާލު މަތިން ބުރުޖަހަމުން ދާ މިނިކާދޫނިތައް އިރުވަރުބަލަމުން އެ ގެންދަނީ ކާޅުތައް ފައްސައި ވާލިދުގެ ހަށިގަނޑު ނޮޅައި ކާން ލިބޭނެ އިރަކަށެވެ. ނަމަވެސް ކަލޭގެފާނުގެ އިންތިޒާރު ގޮސް ހުއްޓިފައި އެ ވަނީ އަދި މުޅިން އެހެން ބާރަކަށެވެ. ގަންޑާބެރުންޑާގެ ފެނިލުމަށެވެ.
ކަންފަތްތައް ފަޅަފަޅައިގެންދާހާ ތޫލި އަޑުފަތްގަނޑަކާއެކު ދެ ބޯ ލީ އެ ބިޔަ މާ ސިންގާ ދޫނި ރަށްބޭރުން ދައްކައިލުމުން ކަލޭގެފާނަކަށް އޭނާގެ ކުރުސީގައި މަޑަކުންނެއް ދެނެއް ނުހުރެވުނެވެ. ބޭއިހުތިޔާރުގައި ތެދުވެ ފޭލިގެއިން ބޭރަށް ހިނގައިގަނެވިއްޖެއެވެ. އަތުން ދޫވެ ޝަރާބުގެ ތަށި ބިމަށްވެއްޓިޖެއެވެ. ސާމަރާ ދޫންޏެއްގެ ހިތްގައިމު ކުލަތަކާ އެކުގައި ދައްކާލި ގަންޑާބެރުންޑާގެ އަޑުފަތްގަނޑަށް ކާޅުތަކާއި މިނިކާ ދޫނިތައް ބިރުން ފިލައިފިއެވެ.
އުދުހިގެން އެއައި ބާރު މިނުގައި އައިސް އެ ބިޔަ ދޫނި ތިރިކުރީ އެލުވާފައި އޮތް ވާލިދުކަލޯގެ ބުރަކައްޓަށެވެ. ވަކިތައް ބާރުކޮށްލުމާއެކު ބުރަކަށީގެ މަސްތައް ކަފައިގެންގޮސް ލޭތައް އޮހޮރިގަތެވެ. ވާލިދުކަލޯ ރޮއި ހޭރި އޭނާގެ ބޭބެއަށް އާދޭސްކުރަން ފެށިއެވެ. އެވަގުތު ދެ ފިޔަގަނޑު ތަންމިނަށް ހުޅުވައި ވިހުރުވައިލުމާއެކު ގަންޑާބެރުންޑާގެ ތޫލި އަޑުފަތްގަނޑުން މުޅި ހިސާބުގަނޑު ގުގުމާލިއެވެ. ވާލިދު ފަކީރު ހީވަނީ ބާޒެއްގެ ވަކިތަކުގެ ތެރޭގައި ތާށިވެފައި އޮތް ކުޑަވަރެއްގެ ހިޔަޅެއް ހެންނެވެ.
ދެ ކަންފަތުގައި އަތް އަޅައިގެން ގޮސް ކަލޭގެފާނު ވަނީ ފޭލިގެއަށެވެ. އޭނާގެ ހަށިފާރަވެރިންނާއި ސިފައިންތައް ވެސް މިހާރު އެތިބީ ބިރުންނެވެ. އެކަމަކު ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟ އެއީ ސީދާ ކަލޭފާނުގެ ލޭ ގުރުބާންކޮށްގެން އެކަލޭފާނަށް އަޅުވެތިކޮށްފައިވާ ހައިވާނެކެވެ.
ވާލިދު ނޮޅައިގެން ކައި ހުސްކޮށްލުމަށް ފަހު އުދުއްސާލައިގެން އައިސް ގަންޑާބެރުންޑާ ޖެއްސީ ފޭލިގޭގެ ކުރިމައްޗަށެވެ. އެވަގުތު ހީވީ އެތަނަށް ނަގޫރޯޅިއެއް އެރިހެންނެވެ. ފޭލިގެއިން ކަލޭގެފާނު ނުކުތުމާއެކު އިހުތިރާމް އަދާކުރުމުގެ ގޮތުން ދެ ބޯ ތިރިކޮށް ވެލިގަނޑުމަތީގައި ބަނޑުޖައްސައި ގަންޑާބެރުންޑާ ނިކަން އަދަބުވެރިކަމާ އެކު އޮށޯތެވެ. ކަލޭފާނު ހުރީ ބިރުގެންފައެވެ. ނަމަވެސް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ޖެހެމުން ގޮސް އޭތީގެ ދެ ބޮލުގެ ދެމެދަށް ވަދެ ދެ އަތުން އެ ދެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު މުޅި ގަޔަށް ވަރުގަނޑެއް އަރުވާލަމުން ނިކަން ބާރަށް އޭތި ކުކުރައިގަތެވެ. އެއާ އެކު ކަލޭގެފާނު މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އަދި ހަށިފާރަވެރިޔަކަށް އިޝާރާތްކޮށްލުމުން އޭނާ ފޭލިގެ ތެރެއަށް ވަދެގެން ހިނގައިގަތެވެ.
ނުކުމެގެން އައީ ތުއްތު ހަސަންތަކުރު އުރާލައިގެންނެވެ. އެއީ ވާލިދު އާއި ތުއްތުގޮމާ ގަނޑުވަރުގެ ދާނުގައި ވަގަށް ކުޅުނު ކުޅިގަނޑުން އުފަން ކުރުވި އެމީހުންގެ ހަރާން އައުލާދެވެ. އެ ޚަބަރު ލިބިވަޑައިގަތުމާއެކު ކަލޭގެފާނުގެ އަމުރަށް އެންމެ ފުރަތަމަ ފުރާނަ ދުއްވައިލެވުނީ ތުއްތުގޮމާގެއެވެ. އޭގެ އެއް އަހަރު ފަހުން ވާލިދުކަލޯ އާއި އޭނާގެ ކުޑަކުޑަ ހަސަންތަކުރެވެ.
ކަލޭގެފާނުގެ އަމުރަށް ހަސަންތަކުރު ހޫރާލެވުނީ ވައިގެ ތެރެއަށެވެ. ޝިކާރަވެރިއެއްގެ އަމާޒު ސީދާވަރު ބެލުމަށް ވައިގެ ތެރެއަށް އެއްލައިލެވޭ ކޮތަރުގަނޑެއް ފަދައިންނެވެ. އެވަގުތު ތޫލި ގަދަ އަޑުފަތްގަނޑަކާއެކު ނަގޫރޯޅިއެއްގެ ބާރު މިނުގައި ހަސަންތަކުރާ ދިމާލަށް ގަންޑާބެރުންޑާ އުދުއްސައިގަތެވެ. ތުއްތު ހަސަންތަކުރަކީ ދުވަހުގެ އެންމެ ފަހު ކެއުންކަން އެނގޭ ހާލުގައެވެ.
ހަސަންތަކުރަކީ ބޮކަރު ކަލޭގެފާނު އަބަދުވެސް އެންމެ ގަޔާވެ ވަޑައިގެންނެވި ފިރިހެން ބޭފުޅުގެ ނަމެވެ. ފިރިހެން ބޭފުޅެއް ލިބިވަޑައިގެންފި ނަމަ އަބަދުވެސް ކިޔަން ހިތުލެއްވި ނަމަކީ އެއީ އެވެ. ކަލޭގެފާނު ދެން ކައިވެނި ބައްލަވައިގަތީ ގަނޑުވަރުގެ އިސް ބޭކެނބި ކަނބާއާއެވެ. އޭގެ ތިން އަހަރު ފަހުން ބޭފުޅެއް ލިބިވަޑައިގަތެވެ.
އަސޭކަރައިގެ އެކުވެރި ސައުދާގަރު ހަދިޔާކުރި ހުދުއެކަތައިގެ ދެ މިޔަލީ ތިނީން ކަނޑިކޮޅު އެރުވީ ކަލޭފާނުގެ މި ދަރިކަލަށެވެ. ބޮކަރު މާލިމީ ކަލޭފާނުގެ އަސްލާއި ނަސަބު ބިމުގައި ދަމަހައްޓައިދޭނެ އައުލާދަކު އެންމެފަހުން އެކަލޭގެފާނަށް ލިބިވަޑައިގަތުމުގެ އުފަލުގައެވެ.