20 އެޕްރީލް 2022 - 23:04

ހުޅުމާލޭގެ ދެ ތަނަކުން ކާރު ޕާކިން އަށް ޖާގަ ކުއްޔަށް ދޭން އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފީ ދައްކައިގެން ކާރު ޕާކްކުރުމަށް ފޭސް އެކެއްގެ ދެ ސަރަހައްދަކަށް ބިޑަށް ހުޅުވާލާނެ ކަމަށެވެ.
ޖާގަ ކުއްޔަށް ދޭން ފެރީ ޓާމިނަލް ކައިރިން ފިތުރޯނު ޕާކިންނަށް 50 ޖާގަ އަދި ރެޑްވޭވް މެގަމޯލް ކައިރިން އުނިމާ ޕާކިން އިން 20 ޖާގަ ކަނޑައަޅާފައިވެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
ކުރިން ގަރާޖެއް ނެތަސް ހުޅުމާލޭގެ ކޮންމެތަނެއްގައި ޕާކު ކުރެވޭ ގޮތަށް އެޗްޑީސީން ދިޔައީ އުޅަނދު ރަޖިސްޓްރީ ކޮށްދެމުންނެވެ. ފަހުން އެ އުސޫލު ބަދަލުކޮށް، ފްލެޓުތަކާއި ރޯ ހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް ވެސް ބަދަލުކުރި އެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ކުރިން ވިދާޅުވީ ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީކުރުން އެއްކޮށް ހުއްޓާނުލާއި ކަމަށެވެ. ދެ ގޮތަކަށް މިހާރު ރަޖިސްޓްރީކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއް ގޮތަކީ ގަރާޖު ހުރި ތަންތަނަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުމެވެ. އަދި ކުރިން ވަކިވަކި ފްލެޓްތަކަށް ރަޖިސްޓްރީކޮށްފައިވާ ހުއްދަތައް ބާތިލުކޮށް އެތަނަށް ހުއްދަ ރިޕްލޭސް ކޮށްދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.