އިންޑިއާ އައުޓް ބެނާތައް ނަގަން ފުލުހުން އަންގައިފި
އިންޑިއާ އައުޓް ބެނާތައް ނަގަން ފުލުހުން އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގަ އާއި ޕީޕީއެމް އޮފީސް ހިންގާ އިމާރާތާއި އެހެން ތަނެއްގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން މިއަދު އަންގައިފި އެވެ.

ފުލުހުންގެ އެންގުމުގައި ބުނީ އިންޑިއާ އައުޓް ކެމްޕޭނަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށެވެ. އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކޮށް އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށް ވެސް ގެއްލުންވެދާނެ ކަމަށް އެންގުމުގައި ބުންޏެވެ.

އެ ކަންތައްތަކަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގެއްލުންވާނެ ފިތުނަވެރި އަމަލަކަށް ވާތީ، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލައި ދެނެގަނެ އެކަންކަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާ އައުޓު ޖަހާފައިވާ ބެނާ ނަގަން އެންގީ ކަމަށް އެ އެންގުމުގައި ވެ އެވެ.

ފުލުހުން ބުނީ ބެނާތައް ނަގަން ފުލުހުން ލިޔުމުން އެންގީ "އާންމު މަސްލަހަތު ރައްކާތިކުރުމާއި، އާންމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމުކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް" ފިޔަވަޅު އެޅުމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންވެ އިސްވެ ހުންނަވައި އިދިކޮޅު ކޯލިޝަނުން ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތައް ހިންގަމުންނެވެ. ޔާމީން މީގެ ކުރިން ވަނީ ގޭގޭގެ ފާރުތަކުގައި ވެސް އިންޑިއާ އައުޓް ލިޔުމަށް ގޮވާލައްވައިފަ އެވެ.