20 އެޕްރީލް 2022 - 18:00

ސްރީ ލަންކާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާކުރާ ސަރަހައްދުގައި ދިރިއުޅޭ ދިވެހިން އެ ކަންކަމަށް ސަމާލުވެގެން އުޅުމަށް، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން މިއަދު އެދެފި އެވެ.
އެމްބަސީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ މުޒާހަރާތަކާއި އެއްވުންތަކުގެ ތެރޭގައި ހަމަނުޖެހުން އުފެދި ބައެއް ފަހަރު އާއްމުންނަށް ވެސް އަނިޔާވަމުންދާ ކަމަށެވެ. އެހެންވެ، ބޭރަށް ނުކުންނައިރު ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ޕާސްޕޯޓު ހިފައިގެން ނުކުތުމަށް އެދިފައިވެ އެވެ.
ލަންކާގެ އެކި ހިސާބުތަކުގައި ސިލްސިލާ މުޒާހަރާތަކާއި އެއްވުންތައް ބާއްވަން ފެށީ ފަހުގެ ތާރީހެއްގައި އެ ގައުމުގެ އިގުތިސާދު ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސް އާންމު ދިރިއުޅުމުގެ ކަންކަން ވަރަށް ބޮޑަށް ދަތިވުމާ ގުޅިގެންނެވެ.
ރަމްބުއްކަނާގައި އިއްޔެ ހަވީރު ބޭއްވި މުޒާހަރާގެ ހަމަނުޖެހުން ބޮޑުވެ ފުލުހުން ބަޑި ޖެހުމުން އެކަކު މަރުވެ، 27 މީހުން ޒަހަމްވި އެވެ.
ފުލުހުން ބުނީ ބަޑި ޖަހަން ޖެހުނީ ރަމްބުއްކަނާ ރެއިލްވޭ ކްރޮސިން އަށް އިއްޔެ ހެނދުނުއްސުރެ ހުރަސް އަޅައިގެން ތިބި ބަޔަކު ދުރަށް ޖައްސަން ކަމަށެވެ. ބަޑިޖެހީ އެތައް ފަހަރަކު އިންޒާރު ދިނުމަށް ފަހު ކަމަށާއި ބަޑިޖެހުމުގެ ކުރިން ތެޔޮ ބައުޒަރެއްގައި ރޯކޮށްލަން އެ ގްރޫޕުން މަސައްކަތް ކުރި ކަމަށް ފުލުހުން
ބުންޏެވެ.