ހަށިގަނޑު ހިއްކާލައި، އަންޝުލާގެ މިސްރާބު ބޮލީވުޑަށް؟
ހަށިގަނޑު ހިއްކާލައި، އަންޝުލާގެ މިސްރާބު ބޮލީވުޑަށް؟

އެކްޓަރު އަރްޖުން ކަޕޫރްގެ ކޮއްކޮ އަންޝުލާ ކަޕޫރް، ބޮލީވުޑަށް ނިކުންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އީޓައިމްސްއާ ވާހަކަ ދައްކަމުން، އަންޝުލާގެ ބައްޕަ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރާ ގާތް ގުޅުމެއް އޮންނަ މީހަކު ބުނީ އަންޝުލާއަކީ ވެސް ފިލްމީ ދާއިރާ އަށް ނިކުންނަން ޖެހޭ ކުއްޖެއް ކަމަށް އޭނާގެ ބައްޕަ ގަބޫލުކުރާ ކަމަށެވެ.

އޭނާ ބުނީ އަންޝުލާ ސްކޫލް ދައުރުގައި ބައިވެރިވި އެކި ޑްރާމާތައް ވެސް ބޮނީ އަށް ފެނިފައިވާ ކަމަށާއި އޭނާއަކީ އެކްޓްކުރުމުގެ ހުނަރު ހުރި ކުއްޖެއް ކަމަށް ވެސް ބޮނީ ގަބޫލުކުރާ ކަމަށެވެ.

އަންޝުލާ ފިޔަވައި، ބޮނީގެ ހުރިހާ ދަރިންނަކީ ވެސް މިހާރު އެކްޓަރުންނެވެ. އަރްޖުން އާއި ޖާންވީ މިހާރު ވެސް ފިލްމީ މަސައްކަތްތަކުގައި އަވަދިނެތި އުޅެމުން އަންނައިރު، އޭނާގެ އެންމެ ހަގު ދަރިފުޅު، ހުޝީ ވެސް އަންނަނީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު އޭނާގެ ފިލްމު އަދި ރިލީޒެއް ނުކުރެ އެވެ.

އެ އާއިލާއަކީ ވެސް ވަރަށް ފިލްމީ އާއިލާއެކެވެ. މުޅިންހެން ވެސް ތިބީ އެކްޓަރުންނާއި ޕްރޮޑިއުސަރުންނެވެ. އޭގެ ތެރޭގައި އަނިލް ކަޕޫރާއި ސަންޖޭ ކަޕޫރާއި ސޯނަމް ފަދަ ތަރިން ހިމެނެ އެވެ.

އަންޝުލާ ބޮލީވުޑަށް ނިކުންނަން އުޅޭކަމުގެ އަޑުގަދަވިޔަސް، އެކަން އަދި ކަށަވަރެއް ނުވެ އެވެ. ބޮނީ އާއި އަންޝުލާ ވެސް އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ނުބުނެ އެެވެ. ކުރިން ތަންކޮޅެއް ފަލަކޮށް އަންޝުލާ ހުއްޓަސް، އޭނާ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއަކުން ފެންނަ ގޮތުގައި އޭނާ ވަނީ ވަރަށް ބޮޑަށް ހަށިގަނޑު ހިއްކާލައިފަ އެވެ.