21 އެޕްރީލް 2022 - 08:04

މީހަކަށް ހަމަލާ ދިން މައްސަލައަކާ ގުޅިގެން، ޑީސީގެ ސުޕަހީރޯ "ފްލެޝް"ގެ ރޯލު ކުޅޭ އެކްޓަރު އެޒްރާ މިލާ މި މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ހައްޔަރުކޮށްފި އެވެ.
މި މަހުގެ ކުރީކޮޅުގައި އެންމެ ފުރަތަމަ އިވުނީ ކެރިއޯކީ ބާއެއްގެ ތެރޭގައި އޭނާ މީހަކަށް އުނދަގޫކޮށް، އެ މީހާ އަށް އަނިޔާ ކުރި ވާހަކަ އެވެ. އަދި އެ މައްސަލަ އަށް އޭނާ ކޯޓުގައި އެއްބަސްވިތާ ހަފުތާއެއް ވެސް ނުވަނީސް އަނެއްކާ ވެސް އޭނާގެ އިތުރު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިލާ މި ވަގުތު ހުރީ ހަވާއީގަ އެވެ. ހަވާއީ އަށް ގޮސް އުޅެނިކޮށް އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މިފަހަރު އޭނާ ހައްޔަރުކޮށްފައި ވަނީ ޕާޓީއެއްގެ ތެރެއިން އަންހެނެއްގެ މޫނާ ދިމާލަށް ގޮނޑިއެއް އެއްލައި، ހަމަލާ ދިނުމާ ގުޅިގެންނެވެ.
ހަވާއީ އައިލެންޑް ފުލުހުން ބުނީ އެކަމެއް ހިނގާފައި ވަނީ މިލާ ދަންނަ ރަށްޓެއްސެއްގެ ގާތް މީހެއްގެ ޕާޓީއެއްގެ ތެރެއިން ކަމަށެވެ. އަދި އަނިޔާކޮށްފައި ވަނީ މިލާގެ އެކުވެރިޔެއްގެ ގާތް މީހަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރި ނަމަވެސް ޖޫރިމަނާއެއް ދެއްކުމަށް ފަހު ވަނީ ޖަލުން ދޫކޮށްލަައިފަ އެވެ. އޭނާ ވަނީ 500 ޑޮލަރުގެ ފީއެއް ދައްކާފަ އެވެ.