ގުޅުން ކަނޑާނުލައި އެމްޑީޕީގެ ރީތި ކެމްޕޭނަކަށް ފައްޔާޒް އެދިވަޑައިގެންފި
ގުޅުން ކަނޑާނުލައި އެމްޑީޕީގެ ރީތި ކެމްޕޭނަކަށް ފައްޔާޒް އެދިވަޑައިގެންފި

ޒާތީ ތުހުމަތާއި އިލްޒާމް އަޅުވައި ގުޅުން ކަނޑާލާ ކެމްޕޭނަކަށް އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ނުހަދައި ރީތިކޮށް ކެމްޕޭނެއް ކުރަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެދިވަޑައިގެންފި އެވެ.

ގުޅުން ކަނޑާނުލައި އެމްޑީޕީގެ ރީތި ކެމްޕޭނަކަށް ފައްޔާޒް އެދިވަޑައިގެންފި
ގުޅުން ކަނޑާނުލައި އެމްޑީޕީގެ ރީތި ކެމްޕޭނަކަށް ފައްޔާޒް އެދިވަޑައިގެންފި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިދާރީ ހިންގުމުގައި އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ގްރޫޕްގައި ފައްޔާޒް ވަނީ މި ކެމްޕޭނުގައި އެކަކު އަނެކަކަށް ޒާތީ ޒުވާބުކޮށް އިލްޒާމް އަޅުވާއިރު، އެކަން ހުއްޓުވުމަށް ޕާޓީގެ ލީޑަޝިޕުން މަސައްކަތް ނުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އިންތިހާބަށް ކުރިމަތިލައްވައި ފުރަތަމަ ދެއްވި މެސެޖްތަކުގެ ތެރޭގައި، އޭނާގެ ވާދަވެރިޔާ، އިމްތިޔާޒް ފަހުމީ (އިންތި) އަށް ފާޑުވިދާޅުވެ ކެމްޕޭން ނުކުރެއްވުމަށް އޭނާގެ ޓީމުގެ ކިބައިން އެދިވަޑައިގެންފައިވެ އެވެ.

އަދިވެސް ކެމްޕޭން ކުރިއަށް ގެންދާނީ އެގޮތުގައި ކަން ހާމަކުރައްވައި ފައްޔާޒް ވިދާޅުވީ، ހުތުރު އެއްޗެހި ގޮވައި އިލްޒާމްތައް އަޅުވަމުންދާއިރު، އެކަން ހުއްޓުވަން ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށެވެ. އެކަމަކު ކެމްޕޭނުގައި ދެ ފެކްޝަނުގެ ދެމެދު ހިނގާ އަރައިރުން ހުއްޓުވަން ލީޑަޝިޕުން މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވާކަން ފާހަގަކުރެއްވި އެވެ.

"ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް އެދެން ދަތިފުޅު ނޫން ނަމަ މި ގްރޫޕްގައި ބޭކާރުކޮށް މި ކެމްޕެއިންއާ ބެހޭ ޒާތީ ޒުވާބުނުކޮށް ބޭނުންފުޅިއްޔާ ބޭރުގައި ކެމްޕޭން ކުރެއްވުން،" ފައްޔާޒް ވިދާޅުވި އެވެ.

"މި ގްރޫޕްގައި ތިބި ބޭފުޅުން ތިބީ ގޮތް ނިންމާފައި."

ވޯޓު ދޭނެ ކެންޑިޑޭޓަކު ނިންމައިގެން ތިބެ ގްރޫޕްތަކުގައި ހުތުރު ޒުވާބުތައް ކުރުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ފައްޔާޒް ސުވާލުކުރެއްވި އެވެ.

އެ ޒުވާބު ކެންޑިޑޭޓުންގެ ވޯޓާ ގުޅުމެއް ނެތް ކަމަށާއި ބުއްދިވެރި ގޮތަކީ އެކަން ހުއްޓާލުން ކަމަށް ވިދާޅުވި އެވެ.

"ރަހިމުގެ ގުޅުން ފަދަ ގުޅުމެއްގެ ގޮތުގައި ނޫން ނަމަ ވެސް ގައުމީ މަޖިލީހުގެ ގުޅުން އެހާ ބޮޑަށް މި ކަހަލަ ސިމްޕަލް ކެމްޕޭނަކާ ހެދި ކަނޑާލަން ނުވާނެ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް މިގޮތަށް އެދިވަޑައިގަތް އިރު، ކެމްޕޭނުގައި އޭނާ އާއި ކެމްޕޭން ޓީމަށް އިންތި އާއި އޭނާގެ ޓީމުން ވަނީ ބޮޑެތި އިލްޒާމްތަކެއް އަޅުވައިފަ އެވެ. ސަރުކާރުގެ މަޝްރޫއުތައް ނުހިނގުމުގެ ތުހުމަތާއި ހިޔާނާތުގެ ތުހުމަތު ވެސް އަޅުވަ އެވެ. ފައްޔާޒް އެދިވަޑައިގަތީ ތުހުމަތުނުކޮށް، އެ މައްސަލަތައް ހުށަހަޅަން ޖެހޭ އިދާރާތަކަށް ހުށަހަޅައިގެން ބެލުމަށެވެ.

ކެމްޕޭންގައި، ފައްޔާޒް މިހާތަނަށް އިންތިއަށް ފާޑުވިދާޅުވެ ތުހުމަތުތަކެއް ނުކުރައްވަ އެވެ. އިންތިއަށް ނިސްބަތްކުރައްވައި ވިދާޅުވެފައި ވަނީ އިންތިއަށް ވުރެން ރަނގަޅަށް ޕާޓީ ހިންގާލެވޭނީ އޭނާ އަށް ކަަމަށެވެ. ދެން ދައްކަވަނީ، ޕާޓީގައި އިސްލާހު ކުރަން ހުރި ކަންކަމުގެ ވާހަކަ އެވެ.

އިންތިއަށް ތާއީދުކޮށް ކެމްޕޭން ޓީމުން ވަނީ ފައްޔާޒްއާ އެކު ތިއްބެވީ ސިޔާސީ ބޯވަތަކެއް ކަމަށާއި މަސައްކަތް ކުރަނީ އަމިއްލަ ފައިދާއަށް ކަމުގެ އިލްޒާމް ވެސް އަޅުވައިފަ އެވެ. މި ޒުވާބު ބޮޑުވުމުން ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު ވަނީ އެއްޗެހި ގޮވުމުގައި އިމުން ބޭރު ނުވުމަށް އެދިވަޑައިގެންފަ އެވެ.

ވަކި ބަޔަކީ އެމްޑީޕީ މެމްބަރުން ކަމުގެ ޓެގު އަޅުވައި އަނެއް ބަޔަކު ބޯވަޔާއި މެހި މާބުރުންގެ ގޮތުގައި ސިފަކޮށް އިހާނާތުގެ ބަސްތައް ރައްދު ކުރުން ބަލައެއް ނުގަނެވޭ ކަމަށް ވިދާޅުވެފައިވެ އެވެ.

ޗެއާޕާސަން ހޮވުމުގެ އިންތިހާބު އަންނަ މަހުގެ 14 ގައި އޮންނަ އިރު ވޯޓުލުމުގެ ހައްގު 94،000 އަށް ވުރެން ގިނަ މެމްބަރުންނަށް ލިބެ އެވެ.