މަރިއުޕޯލްގައި ތިބި ޔޫކްރޭން ސިފައިންނަށް އިތުރު މުހުލަތެއް
މަރިއުޕޯލްގައި ތިބި ޔޫކްރޭން ސިފައިންނަށް އިތުރު މުހުލަތެއް

ޔޫކްރޭންގެ ދެކުނު ބަނދަރުމަތީ ސަހަރެއް ކަމަށްވާ މަރިއުޕޯލްގައި ތިބި ޔޫކްރޭންގެ ސިފައިން، ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް ރަޝިޔާގެ ދިފާއީ ވުޒާރާ އިން އިތުރު މުހުލަތެއް ދީފި އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއަކީ އަބަދުވެސް އިންސާނީ ހަމަތަކާއި އުސޫލުތަކަށް ފުރިހަމަ އަށް އިހްތިރާމަކުރާ ބައެކެވެ. އެހެންކަމުން، މަރިއުޕޯލްގައި ތިބި ޔޫކްރޭން ސިފައިންނާއި، ޔޫކްރޭން ސިފައިންނާ ގުޅިގެން ހަނގުރާމަކުރާ ބިދޭސީ ކުލީ ސިފައިން ވެސް، ރަޝިޔާ ގަޑިން މިއަދުގެ މެންދުރު ފަހު 2 އިން ފެށިގެން އަސްކަރީ ހުރިހާ ހަރަކާތްތަކެއް ހުއްޓާލައި ހަތިޔާރު ބެހެއްޓުމަށް ވާނީ އަންގައިފަ އެވެ.

މަރިއުޕޯލްގައި ތިބި ޔޫކްރޭން ސިފައިން ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް، އިއްޔެ ވެސް ރަޝިޔާ އިން މުހުލަތެއް ދިނެވެ. ނަމަވެސް މަރިއުޕޯލް އިން ޔޫކްރޭން ސިފައިންގެ އެކަކު ވެސް އެ މުހުލަތުގައި އިޖާބަ ނުދޭ ކަމަށް ވެސް، ރަޝިޔާގެ ދިފާއީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި މަރިއުޕޯލް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. ނަމަވެސް އެ ސަހަރުގައި ހުންނަ ދަނގަޑު އުފައްދާ ކާރުޚާނާއެއްގެ ތެރޭގައި، ޔޫކްރޭންގެ މަދު އަދަދެއްގެ ސިފައިންތަކެއް އަދިވެސް އެބަތިއްބެވެ. އަދި އެ ސިފައިންނާ އެކުގައި ބޭރު ގައުމުތަކަށް ނިސްބަތްވާ ކުލީ ސިފައިންގެ ބަޔަކުވެސް ތިބި ކަމަށް ރަޝިޔާ އިން ތުހުމަތުކުރެ އެވެ.

ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި މަރިއުޕޯލްގައި ހުރި ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުން ރައްކާތެރިކަން ހޯދައިގެން އެބަ ތިއްބެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ވެސް ހިމެނެ އެވެ.

ނަމަވެސް ރަޝިޔާ އިން ބުނާ ގޮތުގައި އެ ކާރުޚާނާގެ ތެރޭގައި ތިބީ ޔޫކްރޭންގެ ސިފައިންނާއި ކުލީ ސިފައިންނެވެ. އެމީހުން ފުރާނަ ސަލާމަތް ކުރަން ބޭނުން ނަމަ އޮތް ހަމައެކަނި އޮތް ގޮތަކީ، ހަތިޔާރު ބަހައްޓައި އަމާން ދިނުން ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.