25 ޑިސެމްބަރ 2016 - 08:58

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯނުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު އެންމެ ނަތީޖާ ދަށް ދެ ޓީމަކީ އަފްގާނިސްތާނާއި ރާއްޖެ އެވެ. މިއަދު މި ދެ ޓީމު ނުކުންނައިރު، އަފްގާނިސްތާން ޓީމުގެ އެންމެ އިތުބާރު ކުޅުންތެރިޔާ އޮމިދު ޒަރްދާނީ އަކީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިޔެކެވެ.
ރާއްޖޭގެ ދެ ކްލަބެއް ކަމަށްވާ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބަށް އޮމިދު ވަނީ މިދިޔަ ތިން އަހަރު ކުޅުނު ގިނަ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މި މުބާރާތުގެ މިހާތަނަށް ކުޅުުނު ތިން މެޗުން އަފްގާނިސްތާން ބަލިވެފައިވީ ނަމަވެސް އޮމިދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ވެސް އޮމިދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުގައި އެ ޓީމުން ގެނައި ސެޓު ލިބުމުގައި ގިނައީ އޮމިދު ހޯދައިދިން ޕޮއިންޓްތަކެވެ.
ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަކީ ފާއިތުވި ތިން އަހަރަށް ބަލާއިރު މާ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ޓީމެއް ނޫނެވެ. އެހެން ކަމުން މާދަމާގެ މެޗަށް ނުކުންނައިރު، އޮމިދު އަށް ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅަށް އެނގޭނެ އެވެ.
ހަމަ އެގޮތަށް އޮމިދުގެ ފެންވަރު ދިވެހި ކުޅުންތެރިންނަށް ވެސް އެނގޭނެ އެވެ. އަދި ފާއިތުވި ދެ ތިން އަހަރު އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުތަކުން ގިނައިން ކުރި ލިބިފައިވަނީ ރާއްޖެ އަށެވެ.
މި މުބާރާތުގައި މިހާތަނަށް ދެއްކި ކުޅުމަށް ބަލާއިރު ރާއްޖެ އާއި އަފްގާނިސްތާންގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް މޮޅުވާން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފެ އެވެ. އަދި ލީޑެއް ނެގުމަށް ފަހު އެ ލީޑު ހިފަހައްޓުމުގައި މި މުބާރާތުގެ މިހާތަަނަށް މި ދެ ޓީމަށް ކާމިޔާބު ހޯދުނީ މަދު ފަހަރަކު އެވެ.
މިދިޔަ އަހަރު މި ދެ ޓީމު މި މުބާރާތުގައި ބައްދަލުކުރީ ސެމީ ފައިނަލުގަ އެވެ. އެ މެޗުން ރާއްޖެ މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.