އައްޑޫ ނުހިންގޭ ކަމަށް ބުނެ އިލްޔާސްގެ ފާޑުވިދާޅުވުން ފައްޔާޒަށް
އައްޑޫ ނުހިންގޭ ކަމަށް ބުނެ އިލްޔާސްގެ ފާޑުވިދާޅުވުން ފައްޔާޒަށް

އައްޑޫގެ ތަރައްގީ އަށް އެއްވެސް ކަމެއް މި ސަރުކާރަށް "ނުހިންގުނު" ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ ޗެއާޕާސަން ކަމަށް އިލްޔާސް ތާއީދު ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށެވެ. އޭނާ އަށް އައްޑޫން ތާއީދު ހޯއްދަވަން ދެއްކެވި ވާހަކައިގައި ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އައްޑުއަށް ކަމެއް ނުވުމުގެ ޒިންމާ ފައްޔާޒް ނަންގަވަން ޖެހޭ މޭރަމުން ވާހަކަ ދެއްކެވި އެވެ.

އިލްޔާސް ވިދާޅުވީ އައްޑޫގެ މީހުން ބޭނުންވާ ކަންކަން ނުވުމުގެ ކަންބޮޑުވުން އެބަހުރި ކަަމަށެވެ. އިންތިހާބުގެ ކެމްޕޭނަށް ފައްޔާޒް އައްޑު އަށް ވަޑައިގެން "ހިންގާލި" ކަމަށް ވިދާޅުވާން އޮތީ ކޯއްޗެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އިންތިހާބުގައި ފައްޔާޒް ގެންގުޅުއްވަނީ އެމްޑީޕީ "ހިންގާލުން" ސްލޯގަނެވެ. އައްޑު އަށް އެއްވެސް ކަމެއް ނުވެ "ހިންދާލީ" ކަަމަށް އިލްޔާސް ގުޅުވީ އެ ސްލޯގަނާ އެވެ.

"ހިނގަ ހިނގާ އޮތް ދެ ރިސޯޓް، ޝަންގްރިއްލާ އާއި ހެރެތެރަ ބަންދު. މިއަދު ވެރިކަމަށް ހަތަރު އަހަރު މި ނިމެނީ އަދިވެސް ބަންދު. ކޯއްޗެއްތޯ ހިންގާލާ ވާހަކަތޯ. ހިންދާލީ. ހިންދާލާ ވާހަކަ އެ ދައްކަނީ،" ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިލްޔާސް ވިދާޅުވި އެވެ.

"ހައިރާންވޭ [އައްޑު އަށް] އައިސް އެ ވާހަކަ ދައްކާތީ. ލަދު ނުގަނޭބާއެ ހިތަށް އަރާ."

ކޮވިޑާ އެކު ޓޫރިޒަމަށް އައި ހީނަރު ކަމުގައި ބަންދުކުރަން ޖެހުނު ހެރެތެރަ އެއްބައި ވަނީ ހުޅުވައި ހިދުމަތް ދޭން ފަށައިފަ އެވެ. ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން ނުހުޅުވި އޮތީ ސަރުކާރުގެ ހިއްސާ ދޫނުކުރެވިގެން ކަމަށާއި ހިއްސާ ދޫކޮށްލުމަށް ފަހު، މި އަހަރު އެ ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްޔިތުންގެ މަޖިލީހުގައި ވަރަށް ފަހުން ވިދާޅުވެފައިވެ އެވެ.

ހުވަދޫ ރިސޯޓަށް ގެސްޓުން ގެންދަން ކަމަށް ބުނެ ސީ ޕްލޭން ދެ ފަހަރަށް އިފްތިތާހްކޮށްފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އެކަން ވެސް ނުހިންގުނު ކަމަށާއި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"އައްޑޫގައި މަސްފެކްޓްރީއެއް ހަދާފައި ހަތަރު އަހަރު ވެގެން ދާއިރު މިއުޅެނީ މަސް ނުކިރިގެން ކަނޑަށް އުކަން ޖެހެނީ،" އިލްޔާސް ވިދާޅުވި އެވެ.

"ކޮބާތަ މި މަސް ފެކްޓްރީ ހިންގަން ބުނި މީހުންތައް. އިގްތިސާދީ ވަޒީރަށް އިގްތިސާދީ ކޮން ކަމެއްތޯ ކުރެވެނީ. މި އަތޮޅަށް ސިޓީއަށް ކިތައް ވަޒީފާ އިތުރުކުރެވިއްޖެތޯ، އިގްތިސާދީ ކޮން ކަމެއް ކޮން ހަރަކާތެއްތޯ ގެނެވުނީ. ކިތައް މީހުންނަށް ވަޒީފާ ދެވުނީ. ހެރެތެރެ، ޝަންގްރިއްލާގައި ތިބި އެންމެންގެ ވަޒީފާ ދިޔައީ. އެއާޕޯޓުގައި ހުރި އެތައް ވަޒީފާ ދިޔައީ."

އިލްޔާސް ވިދާޅުވި ގޮތުގައި އައްޑޫގެ ވަޒީފާތައް ވެސް "ހިންދާލީ" އެވެ. މިއީ، ސަރުކާރަށް މިހާ ބޮޑަށް އިލްޔާސް އައްޑޫގައި ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާޗް މަހު އެ ސިޓީއަށް ވަޑައިގެން ވިދާޅުވެފައި ވަނީ އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ ތަރައްގީގައި އައްޑޫ މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އައްޑޫގައި މަޝްރޫއުތައް ހިންގާނެ ކަމަށާއި އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫ ތަރައްގީ ނުވެ ރާއްޖެ ތަަރައްގީ ނުވާނެ އެވެ.