ޔޫކްރޭންގެ އިރުމަތިން ފުރަތަމަ ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް
ޔޫކްރޭންގެ އިރުމަތިން ފުރަތަމަ ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގެ އިރުމަތީ ދޮންބާސް ސަރަހައްދުގައި އޮންނަ ކްރެމީނާ ސަހަރު ހިފާފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ވިދާޅުވެއްޖެ އެވެ.

އެ ސަރަހައްދުގެ ގަވަރުނަރު ސެރްހީ ގައިޑާއީ ވިދާޅުވި ގޮތުގައި ކްރެމީނާގައި ރަޝިޔާ ސިފައިންގެ ހަމަލާތައް ދިފާއުކުރަން ތިބި ޔޫކްރޭންގެ ހުރިހާ ސިފައިން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. މިއީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ދިން ހަމަލާތައް ނާކާމިޔާބުވުމާ ގުޅިގެން، ދޮންބާސް ސަރަހައްދަށް ރަޝިޔާގެ ހަމަލާތައް އަމާޒުކުރަން ފެށި ފަހުން، އެ ސަރަހައްދުން ރަޝިޔާގެ ބާރުގެ ދަށަސް ދިޔަ ފުރަތަމަ ސަހަރެވެ.

ރަޝިޔާގެ އުދުވާނީ ހަމަލާތައް ޔޫކްރޭނަށް ދޭން ފެށުމުގެ ކުރިން ކްރެމީނާގައި 18،000 މީހުންގެ އާބާދީއެއް އޮތެވެ. ނަމަވެސް އެ ސަހަރަށް ރަޝިޔާ ސިފައިން ހަމަލާ ދޭން ފެށުމާ ގުޅިގެން، އެތައް ބަޔަކު ވަނީ ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ގޮސްފަ އެވެ.

ކްރެމީނާގެ ގަވަރުނަރު ވިދާޅުވި ގޮތުގައި އެ ސަހަރުގައި ތިބި ޔޫކްރޭން ސިފައިން ފައިބައިގެން ދިއުމާ ގުޅިގެން، ރަޝިޔާ ސިފައިން މިހާރު އެ ސަހަރަށް ވަދެ މަގުތަކުގައި ދަނީ ފޯރިމަރަމުންނެވެ. ސަހަރުން ފައިބައިގެން ދިޔަ ޔޫކްރޭން ސިފައިން އެހެން ސަރަހައްދުތަކުގައި ރަޝިޔާ ސިފައިންނާ ހަނގުރާމަކުރުމުގައި ސާބިތުވެ ތިބި ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ ރަޝިޔާގެ ހަމަލާތަކުގައި މަރުވި އާންމުންގެ އަދަދު މުޅިން ސާފުނުވާ ކަމަށެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު މަދުވެގެން 200 މީހުން މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފަ އެވެ. ނަމަވެސް، ހަނގުރާމައިގައި ގެއްލުން ލިބުނު ތަންތަން ބަލައި ފާސްކުރާ އިރު، މަރުވި މީހުންގެ އަދަދު އެއަށް ވުރެ މާ އިތުރުވާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

އަސްކަރީ ހާއްސަ ހަރަކާތްތަކެއްގެ ނަމުގައި، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު އެވެ. މި ހަނގުރާމައިގައި ރަޝިޔާ ސިފައިން އެންމެ ފުރަތަމަ އަމާޒު ހިފީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށެވެ. ނަމަވެސް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދިން ހަތިޔާރުތައް ބޭނުންކޮށްގެން ޔޫކްރޭން ސިފައިން ދިން ރައްދު ހަމަލާތަކުގެ ކުރިމަތީގައި ރަޝިޔާ ސިފައިންނަށް ކުރިއެރުން ނުލިބި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ކިޔޭވް ދޫކޮށް ރަޝިޔާ ސިފައިން މިހާރު ހަމަލާތައް އަމާޒުކުރަމުން ދަނީ އިރުމަތީ ދޮންބާސް ސަރަހައްދަށެވެ.