20 އެޕްރީލް 2022 - 11:03

ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދު ހަނގުރާމަ ފެށުމާ އެކު، ބައެއް ގައުމުތަކުން ރަޝިޔާގެ މަތިންދާބޯޓުތަކަށް ވައިގެ ސަރަހައްދު މަނާކުރާތީ، ރާއްޖެ އިން ރަޝިޔާގެ ބޯޓުތަކަށް ހިދުމަތް ދޭނެ ކަމުގެ ޔަގީންކަމަށް އެދިއްޖެ އެވެ.
ރާއްޖޭގެ ސިވިލް އޭވިއޭޝަނަށް ރަޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީން މި މަހު ކުރީކޮޅު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި، ރަޝިޔާގެ ބޯޓުފަހަރަށް ބައެއް ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތް ހަދާފައިވަނީ އޭވިއޭޝަންގެ ގާނޫނުތަކާއި ގައުމުތަކާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުންތަކާ ވެސް ހިލާފަށެވެ. އަދި ރާއްޖެ އަށް ރަޝިޔާގެ އެއިރޯފްލޮޓްގެ އަށް ބޯޓެއް ދަތުރު ކުރަމުން އަންނަ ކަމަށާއި އެ ބޯޓުތަކަށް ތެޔޮ އެޅުމާއި ވީއައިއޭގެ މުވައްޒަފުންގެ ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ދޭން އެދޭ ކަމަށް ސިޓީގައި ވެ އެވެ.
މި ސިޓީގައި ރަޝިޔާ އިން ދީފައިވާ ޔަގީން ކަމަކީ، އެ ގައުމުތަކުގެ ބޯޓުފަހަރުގައި ސަލާމަތީ ކަންކަން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭނެ ކަމެވެ.
މި ސިޓީއާ ބެހޭ ގޮތުން ސިވިލް އޭވިއޭޝަންގެ ބަހެއް އަދި ނުލިބެ އެވެ. އެ ފަރާތުން ބުނީ، އެކަމާ ބެހޭ ޖަވާބެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ.
ރަޝިޔާ އަކީ، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި ވަަރަށް ގިނަ ދުވަސް ވަންދެން އޮތުމަށް ފަހު ހަނގުރާމަ އަށް ފަހު އެ ލިސްޓުން ވަނީ ސޮއްސައިލައިފަ އެވެ.
ރަޝިޔާގެ ޓޫރިސްޓުން ރާއްޖެ އަންނަނީ އެއިރޯފްލޮޓްގެ ބޯޓުތަކުގަ އެވެ. ހަނގުރާމަ ފެށިފަހުން، އެއޮރޯފްލޮގެ ދަތުރުތައް ހަފުތާއެއްހާ ދުވަހަށް މެދުކަނޑާލިޔަސް، އެ ދަތުރުތައް އަލުން ވަނީ ފަށައިފަ އެވެ.