ކުރު ވާހަކަ: ހިތުގައި ފޮރުވި ހިތް
ކުރު ވާހަކަ: ހިތުގައި ފޮރުވި ހިތް

ކޮވިޑާއި މަސްތުގެ ވަބާ އާއި ސިޔާސީ މުޑުދާރުކަމަށް ވުރެން ވެސް ބޮޑު ބަލިމަޑުކަމެއް އޭރު ދިޔައީ ގައުމުގައި ފެތުރެމުންނެވެ. ހުރިހާ ވަގުތެއްގެ ޚަބަރުގައި ވެސް އެންމެ ބޮޑު ފަލަ ސުރުހީއަކަށް ވެފައި އޮތީ އެ ވާހަކައެވެ. ރާއްޖޭގެ އެކި ރަށްތަކުން މީހުން ގެއްލޭ ވާހަކައެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ނުވަތަ މަސްތުގެ ނުރައްކާތެރި ދުނިޔެއަކަށް ނޫނެވެ. އޭގައިވީ އަސްލެއް ކަމާ ބެހޭ އެއްވެސް ފަރާތަކަށް ނޭނގޭ ކަމެކެވެ.

މާޒިން ޓީވީ ހުޅުވާލިއިރު އަނެއްކާވެސް އެ އުޅެނީ މީހަކު ގެއްލިގެންނެވެ. ވީނުވީއެއް ނޭނގި އެގޮތަށް ގެއްލުނު މީހުންގެ އަދަދު މިމަހު އެކަނި ވެސް ފަހެކަށް އެރީއެވެ. އަދި މިއީ މީގެ އަހަރެއްހާ ދުވަސްކުރިން ފެށިގެން މިކަމެއް ސުރުހީތަކަށް ތިލަވި ފަހުން މި އަދަދު ރަސްމީ ހިސާބުން ދުވާލެއްގެ ސައުވީސް ގަޑިއިރު ތެރޭގައި މިހާ މައްޗަށް އެރި ފުރަތަމަ ދުވަހެވެ.

އުފެދެމުން ނިއުޅެމުން ދިޔަ އެ ޚަބަރު ބަލަން އިރުކޮޅެއް ވަންދެން އިނދެފައި އެނދުން ތެދުވިގެން ގޮސް މާޒިން ވަނީ ފާހާނައަށެވެ. ފެންވަރާލައިގެން ނުކުމެ ރީތިވަމުން ދިޔައިރު ކޮޓަރީގެ ކަނެއްގައި ހަރުކޮށްފައި ހުރި ކުޑަކުޑަ ފްލެޓް ސްކްރީން ޓީވީން މިހާރު އެ އަންނަނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއި މަރުވި މީހުންގެ އަދަދުތަކެވެ.

ގަޑިއަށް ބަލައިލިއިރު 10 ގަޑި ބައިވަނީ އެވެ. މިހާރު ވެސް މާ ލަސްވެއްޖެއެވެ. ޓީވީ ނިއްވާލާފައި މާޒިން އޭނާގެ ކުޑަކުޑަ ބައު ކޮޓަރިގަނޑު ދޫކޮށްލާފައި ލަކުޑީގެ ކުރު ހަރުގަނޑަކުން ދެން ފޭބީ ތިރިއަށެވެ. އޭނާގެ މަންމަ އާއި އަންހެން ކޮއްކޮ ދިރިއުޅޭ ހަޑިހަޑި ގްރައުންޑްފްލޯއެވެ. ގެ ބަހައިގެން މަންމަ އަށް ލިބުނު ކުޑަކުޑަ ތަންކޮޅެކެވެ. މާޒިން ނިދައި ގިނަ ވަގުތު ހޭދަކޮށް އުޅެނީ މިތަނުގެ މަތީގައި ޑެކެއް އަޅައިގެން އަމިއްލަ އަށް ހަދައިގެން އުޅޭ ކުޑަ ކޮޓަރިއެއްގައެވެ.

ތިރިއަށް ފޭބިއިރު ކޮއްކޮ ހޭލައިގެން ބަދިގެ އަށް ވަދެ ކަޅު ކޮފީތައްޓެއް ގިރާލައިގެން ސިންކު ކައިރީގައި މަޑުކޮށްލައިގެން ހުރެ ކޮފީގެ ހޫނާއި ހިތިން ނިދިފިލުވަމުން ގެންދަނީއެވެ. އެކަމަކު މައިޝާގެ ދެ ލޮލެއް އޭރު ވެސް ރަނގަޅަކަށް ނުހުޅުވެއެވެ.

ކޮއްކޮއާ އަނގައިން ނުބުނެ މާޒިން ގޮސް ވަނީ ފޮތިދަމައި ނިވައުކޮށްފައިވާ އޭނާގެ މަންމަގެ ނިދާ ބަޔަށެވެ. އެތަނަށް ވަނުމާއެކު ގައިގައި ބައްދައިގަތީ މުޅިތަނަށް ވެރިވެގަނެގެން އޮތް ދިލަ ހޫނެވެ. ދަބަރު ހިލި ދަގަނޑު އެނދުގައި މަންމަ އެ އޮތީ އަދިވެސް ގަދަ ނިދީގައެވެ. ނުވަތަ މި ދިލަހޫނުގައި ފިހި މަރުވެފައެވެ.

މާޒިންގެ ލޮލުގައި އަޅައިގަތީ އެނދުކައިރީގައި ބަހައްޓާފައި ހުރި ސްޓޭންޑް ފަންކާއެވެ. އެ ފަންކާގަނޑު އަނެއްކާވެސް އެހެރީ ހަލާކުވެފައެވެ. އެއީ އުކާލަންވެގެން ކޮންމެވެސް ގެއަކުން ބޭރުކޮށްލާފައި ހުއްޓައި ފެނިގެން މާޒިން ކޮނޑަށް ލައިގެން ގެނައި ފަންކާއެކެވެ. މި ގޭތެރޭގައި ހުރީ މުޅިން ވެސް އެގޮތަށް މާލޭގެ އެކި ތަންތަނުންނާއި ގޮނޑުން ހޮވައިގެން ގެނެސް އަލުން ބޭނުންކުރެވޭ ވަރަށް މާޒިން މަރާމާތުކޮށްފައިވާ އާލާތްތަކެވެ.

އެކަމަކު ފަންކާ ރޫޅައިގެން އޭތި އަނެއްކާވެސް މަރާމާތުކުރާނެ ވަގުތެއް މާޒިންގެ އަތަކު މިހާރަކު ނެތެވެ. ހަގީގަތަކީ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި މާޒިންއަކަށް ވަގުތެއް ނެތް ކަމެވެ. ފަންކާ މަރާމާތުކުރުން އެއީ ނިސްބަތުން ކުޑަ ކަމެކެވެ. އެނދުގައި އެ އޮތް މަންމަގެ އަނަރޫފަވަމުންދާ ހަށިގަނޑުގައި އަޅަމުންދާ ވޭނުން އެ މައިމީހާ ސަލާމަތްކުރުވާނެ ގޮތަކާއި ވަގުތެއް ވެސް ނެތެވެ. އެ ހަށިގަނޑުގައި އަޅާ ވޭން މިވަގުތަށް ބާރުގަދަ ބޭސްތަކުން މައިތިރިކޮށް އޮއްބާލާފައިވިޔަސް އެ ވޭނާއި އުނދަގޫ ވެސް އެނބުރި އައީމަ ދެން ހަދާނެ ގޮތެއް މާޒިންއަކަށް ނުވިސްނެއެވެ. އޭނާއަށް ހަމަ އެއްވެސް ކަމެއްގައި ވަގުތެއް ނެތެވެ.

އަތުކުރީގައި އޮތް ގަޑިން ވަގުތު ބަލައިލުމަށް ފަހު މާޒިން ގެއިން ނުކުމެ ހިނގައިގަތެވެ. އެއަށް ފަހު އޭނާއާ އެންމެ އަވަހަށް ބައްދަލުވި މޫނަކީ ރުޅިގަދަވެ ރަތްވެފައި ހުރި އޭނާގެ ބޮސްއެވެ.

މާޒިން އަކީ މޯބައިލް ފޯނާއި އެފަދަ އެހެނިހެން އާލާތްތައް މަރާމާތުކޮށްދޭ ތަނެއްގައި މަސައްކަތްކުރާ ޒުވާނެކެވެ. ރައްޓެއްސެއްގެ ތަނެއްވީމަ ބުނެކިޔައި އާދޭސްކޮށްގެން ލިބުނު ޕާޓްޓައިމް ވަޒީފާއެކެވެ. މިތަނުގައި މަސައްކަތްކުރަން ފެށީ ކުރިން ވަޒީފާ އަދާކުރި ޓެލެކޮމް ކުންފުނިން ކޮވިޑްގެ ބޮޑު ރާޅާ ގުޅިގެން މުވައްޒަފުން މަދުކުރިއިރު މާޒިންގެ ވަޒީފާ ވެސް ގެއްލުމުންނެވެ.

އީޒީ ރިޕެއާގައި މަސައްކަތްކުރާތާ މިހާރު އަދި މިވީ އެންމެ ތިން މަހެވެ. ގަޑިޖެހިގެން އަންނާތީ ތަނުގެ ވެރިޔާ އެކަމާ ކިތަންމެ ހިތްހަމައެއްނުޖެހުނަސް މި ކުޑަކުޑަ އައު އޮފީސް މިހާރުވެފައި ވަނީ މާޒިންގެ ހަޔާތުގެ ވަށްބުރުގައި އެނބުރޭ ވަރަށް ހާއްސަ، މުހިންމު މަންޒިލަކަށެވެ. ކޮންމެ ދުވަހަކުވެސް ލައިޒާއާ ބައްދަލުވެ އަނގަތަޅާލެވޭތީއެވެ.

ލައިޒާ އަކީ މި ރިޕެއާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފެއް ނޫނެވެ. އެކަމަކު މި ސެންޓަރުގެ ކުރިމަތީގައި ހުންނަ ގެއެއްގައި ދިރިއުޅޭ ވަރަށް ރީތި ޒުވާން އަންހެން ކުއްޖެކެވެ. ކޮންމެ ދުވަހަކުވެސް ހެނދުނުގެ މި ރަތްދަކަ އަވީގައި މަގުމަތިން މާޒިންއާ ބައްދަލުވެ ދިރިއުޅުމުގެ ހުރިހާ ހޫނަކަށް ފިނިކަމެއް ގެނެސްދޭ އޭނާގެ ޒަމާންވީ ކްރަޝްއެކެވެ.

މާޒިން ހަނދާންވާ ގޮތުން ނަމަ ޕްރައިމަރީ ހުރިހާ ގްރޭޑެއްގައި ވެސް ދެ މީހުން ކިޔެވީ އެއް ކްލާހެއްގައެވެ. އަދި އޯލެވެލް ނިމެންދެން ވެސް ދެ މީހުންނަކީ ކްލާސްމޭޓުންނެވެ. ލޯބިވެރިންނަށް ނުވިޔަސް ވަރަށް ގާތް ދެ އެކުވެރިންނެވެ. އަދި ލައިޒާގެ ހަޔާތަށް އެކި ދުވަސްތައްމަތިން އެކި ލޯބިވެރިން އައިސް ގޮސް ގެއްލެމުންދިޔައިރު ވެސް މާޒިންގެ ހިތުން ނުގެއްލި އޮތީ އެ ހިތުގައި ލައިޒާ އަށް އޭނާ ދީފައިވީ މަގާމެވެ. ނަމަވެސް އެ ހިތް ނަގައި އެ ހިތް ލައިޒާ އަށް ދައްކާލަން ނުކެރި އުޅެނިކޮށް މެޑިސިންގެ ދާއިރާ އިން ކިޔަވަން ލައިޒާ ފުރައިގެން ދިއުމުން ދެ މީހުންގެ އެ ގުޅުން އެތައް އަހަރަކަށް ކެނޑިގެން ދިޔައީއެވެ.

މިއީ ގާތްގަނޑަކަށް އޭގެ 15 އަހަރު ފަހެވެ.

މާޒިން އާއި ލައިޒާ އަލުން ދިމާވީ އެއް ދުވަހެއްގެ މެންދުރު މާޒިން ޑިއުޓީ ނިންމާލާފައި ނުކުންނަނިކޮށެވެ. ލައިޒާ އައީ ތަޅައިގެން ކުދިކުދިވެފައި އޮތް އޭނާގެ އައިފޯނުގައި އާ ޑިސްޕްލޭއެއް އަޅުވާށެވެ. އެ ދުވަހަށް ފަހު ގާތްގަނޑަކަށް ކޮންމެ ދުވަހަކުވެސް ލައިޒާގެ މޫނު މާޒިން އަށް މިހާރު ފެނެއެވެ. ދެ މީހުންގެ ދެމެދުގައި ކުރިން އޮތް އެކުވެރިކަން ނެތަސް އެ ގުޅުން އެ ދަނީ އަނެއްކާވެސް އާލާވެ ގާތްވަމުންނެވެ.

ނަމަވެސް ލައިޒާ އަކީ ވަރަށް ބިޒީ ޝެޑިއުލެއްގައި މަސައްކަތްކުރާ ސާޖަންއެކެވެ. އަނެއްކޮޅުން މާޒިންގެ ލައިފުގައި ވެސް ކަންކަން ހުރި ގޮތުން ލޯބީގެ ބަގީޗާއަކަށް ގޮސް ވަންނާކަށް ވަގުތެއް ނެތެވެ. އަދި ދިރިއުޅުން ދެކޮޅު ޖައްސަން އޭނާ ވެސް އަދާކުރާ ހަމައެކަނި ވަޒީފާ އަކީ އީޒީ ރިޕެއާގެ މި ވަޒީފާއެއް ވެސް ނޫނެވެ.

އިރުއޮއްސުމުން މާޒިން އަކީ ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ރިޕެއާކުރާ ޓެކްނީޝަނެއްގެ ވަޒީފާއެއް ނޫނެވެ. އެކަމަކު ގޭގެއިން ބޭރުކުރާ ކުނިބުނީގެ ބާވަތްތައް ވަކިކޮށް ކަނޑައެޅިފައިވާ ޕޮއިންޓްތަކަށް ޖަމާކުރަން މާލޭގައި ހަރަކާތްތެރިވާ ޓީމުގެ މެމްބަރެކެވެ. ވެމްކޯގެ ވަޒީފާ އަށް ވެސް ނުކުންނަން މަޖުބޫރުވީ އެހެން ގޮތެއް ނެތިގެންނެވެ. އަދި މިއީ ވެސް މާޒިންގެ ދިރިއުޅުމުގައި މިހާރު ވަރަށް ހާއްސަ އެއް ޑިއުޓީއެވެ.

ވެމްކޯގެ މި ވަޒީފާގައި އުޅޭއިރު، ގެތަކުން އުކާލާފައި ހުންނަ އިލެކްޓްރޯނިކްސްގެ ސާމާނުތަކަކީ މާޒިން ވަރަށް ޝައުގުވެރިކަމާ އެކު ހޯދައި މުޅި މާލެ ތެރެއިން އެއްކުރާ އެއްޗެއްސެވެ. ހަލާކުވެގެން މީހުން އުކާލާފައި ހުންނަ އެކަހަލަ ބައިވަރު ސާމާނުތަކަކީ އަލުން މަރާމާތުކޮށްގެން އެ އެއްޗެހީގެ ބޭނުން މާޒިން އަށް އެތައް ގޮތަކަށް ހިފިދާނެ އެއްޗެހިތަކެއްކަން އޭނާ އަށް އެނގޭތީއެވެ. މިސާލަކަށް އޭނާގެ ކުޑަ ކޮޓަރީގެ ފާރުގައި ހަރުކޮށްފައި އެހެރަ ޓީވީއެވެ. އަތުކުރީގައި އެ އޮތް ސްމާޓްވޮޗެވެ. ނުވަތަ ބަދިގޭގައި ހުރި ލަވާޒާ ކޮފީ މެޝިނެވެ. މަންމަގެ އެނދުކައިރީގައި ބަހައްޓާފައި ހުރި ފަންކާއެވެ. މީގެ އިތުރުން ހަލާކުވެގެން އުކާލާފައި ހުންނަ ލެޕްޓޮޕާއި އައިޕެޑް ކަހަލަ އެއްޗެހިތައް މަރާމާތުކޮށް ވިއްކާލައިގެން ވެސް އޭނާ ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ހޯދައެވެ.

ނަމަވެސް އޭނާގެ ފިކުރު ހުސްވެފައި އެ ވަނީ ކުރީ ރެއަކު ކުނި ކޮތަޅެއްގެ ތެރެއިން ހޮވައިގެން ގެންދިޔަ އައިފޯނަކަށެވެ. ޑިސްޕްލޭ އެއްކޮށް ތަޅައިގެން ގޮސް ފްރޭމްގަނޑަށް ވެސް ފުދޭވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި އޮތް ފޯނެކެވެ. ޑިސްޕްލޭ ތަޅައިގެން ގޮސް ފޯނު ނިވި މަރުވެފައި އޮތްއިރު އަލިފާނުގެ ހޫނުން ލިބިފައިވީ ގެއްލުންތަކެއް ވެސް ހުއްޓެވެ.

އެކަމަކު ޑިއުޓީ ނިންމާލާފައި ގެއަށް އައިސް މަންމަގެ ނިދާތަނުގައި ހުރި ފަންކާ މަރާމާތުކޮށް އެ ކޮޓަރިން ހޫނުގެ ދިލަގަނޑު ބޭރުކޮށްލާފައި ކޮފީއެއް ގިރާލައިގެން މައްޗަށް އެރިއިރު އެ އައިފޯނުގައި މާޒިން އަޅުވާފައިވާ އައު ބެޓެރި ޗާޖުވެ ކޫރުމެއް ނެތް އޭގެ އައު ޑިސްޕްލޭ އެ ވަނީ މިހާރު ދިއްލިފައެވެ. އަދި ހެކްކޮށް ހުޅުވާލި ފޯނު ދެއްކި މަންޒަރުތަކުން އޭނާ ދިޔައީ ފިތްކަނޑައިގެންނެވެ.

އެ ފޮޓޯތައް ހާވައި ބަލަމުންދިޔައިރު ޓީވީ އިން ފޮނުވަމުން ދިޔަ ޚަބަރަކީ ވީނުވީއެއް ނޭނގި ކާށިދޫ އިން ޒުވާން އަންހެން ކުއްޖަކު ގެއްލިގެން އުޅޭ ޚަބަރުގެ ތަފްސީލެވެ. ނަމަވެސް އެ ޚަބަރަކަށް މާޒިންގެ އެއްވެސް ސަމާލުކަމެއް ނެތް ކަހަލައެވެ. އޭނާގެ ލޮލާއި ބޮލާއި ހިތް ގޮސް ހުއްޓިފައި ހުރީ އަތުގައި އޮތް ފޯނަށެވެ.

"މިއީ ކާކުގެ ފޯނެއް ހެއްޔެވެ؟ މިއީ ކޮން ފޮޓޯތަކެއް ހެއްޔެވެ؟"

މާޒިންގެ ހިތަށް އެރީ މިހެންނެވެ. ނަމަވެސް އެ ފޯނަކަށް ހަދާނެ ގޮތެއް އޭނާގެ ބޮލަކަށް ނުވިސްނުނެވެ. ނުވަތަ ފޯނުން ފެނުނު މަންޒަރުތައް މާޒިންގެ ސިކުނޑީގެ ހިނގުން ހުއްޓުވާލީއެވެ.

އެ ފޯނަށް ހަދާނެ ގޮތާއި އެ ފޯނުން ފެނުނު ފޮޓޯތަކަށް ހަދާނެ ގޮތަކާ މެދު އޭނާ ވިސްނަން ފެށީ އަމިއްލަ ދިރިއުޅުން ހަޔާތުގައި އުފެއްދި ތުރާލާއި ވޭން ބޮލަށް ވައްދަން ފެށި ވަސްވާހަކުންނެވެ. އެ ވަސްވާސް މާޒިން އަށް ވިސްނައި ދިނީ އޭނާގެ އަތުގައި އެ އޮތް ފޯނު ބޭނުންކޮށްގެން އޭނާގެ ދިރިއުޅުމުގެ ހާލަތު ބަދަކޮށްލެވިދާނެ ކަމެވެ. އަމިއްލަ ދިރިއުޅުމުގައިވީ މުޑުދާރު މަންޒަރު އެ ފޯނުގެ ބާރުގައި ވަރަށް ރީތި މަންޒަރަކަށް ބަދަލުކޮށްލަލެވިދާނެ ކަމެވެ. އަދި އޭގައިވީ ފޮޓޯތަކަކީ ހަޔާތުގެ މި ދަތުރުގައި މާޒިންގެ މުށު ތެރެއަށް އާދަޔާހިލާފު ބާރުތަކެއް ގެނެސްދޭނެ ފޮޓޯތަކެއް ކަމަށެވެ.

ސަބަބަކީ ފޯނުގައިވީ ފޮޓޯތައް ކިޔައިދޭ ސިއްރު އެހާ ވެސް ބޮޑުވީމައެވެ. އަދި އެ ސިއްރުގައިވީ ހަގީގަތް ފޮރުވުމަށް މީހަކު ކިތަންމެ ބޮޑު އަގެއް ވެސް ހުށަހަޅަން ފަސްނުޖެހޭނެތީއެވެ.

"އެހެންވީމަ މިއީ ކާކުގެ ފޯނެއް ހެއްޔެވެ؟ އެމީހާ އަހަރެން ހޯދާނީ ކިހިނެތް ހެއްޔެވެ؟"

ފޯނުގެ ވެރިފަރާތް ހޯދަން ގާތްގަނޑަކަށް މަހެއްހާ ދުވަސް ނެގިއެވެ. އަދި އެ މީހާ ދިރިއުޅޭ އެޕާޓްމަންޓް ހޯދައިގެން އެންމެފަހުން އެގެއަށް ދިޔައިރު އެތަނުގައި ތިބީ ދަންޖެހިގެން މަރުވި މީހެއްގެ ހިތާމައިން މިންޖުނުވެވިފައި ތިބި ބައެކެވެ. މާލޭގެ އާދައިގެ އެޕާޓްމަންޓެއްގައި ދިރިއުޅެމުން ދިޔަ އާދައިގެ އާއިލާއެކެވެ. ބައްޕަ އަކާއި އޭނާގެ ތިން ދަރިންނެވެ. ދަންޖެހިގެން މީގެ ދެ މަހެއްހާ ދުވަސް ކުރިން މަރުވެފައި ވަނީ އެ ކުދިންގެ މަންމައެވެ. މާޒިންގެ ޖީބުގައި އޮތް ފޯނުގެ ވެރިފަރާތަކީ އެއީއެވެ.

އެ ފޯނުގައި އެ ކުދިންގެ ފޮޓޯތައް ވެސް ހުއްޓެވެ. ނަމަވެސް މާޒިން ހިތަށް އެރީ ފޯނުގައިވީ ސިއްރުތައް ޖީބުން ނަގައި ހާމަކޮށްފި ނަމަ އެ އާއިލާ އެ އަށް ވުރެ ފުން ހިތާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ. ނަމަވެސް މާޒިން އެނބުރި ދިޔައީ ވަރަށް މުހިންމު މައުލޫމާތެއް ހޯދައިގެންނެވެ. އެކަމަކު އެއީ އޭނާގެ ބޮލުގައި އިތުރު ސުވާލުތަކެއް އުފެއްދި ހޯދުމެކެވެ.

އަތުގައި އޮތް ފޯނުގެ ވެރިފަރާތަކީ ހުޅުމާލޭގެ ފޭސް ދޭއްގައި ހިންގާ ބިޔަ ބޮޑު އޭކޭކޭ ހޮސްޕިޓަލްގައި މަސައްކަތްކުރަމުން ދިޔަ ނަރުހެކެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލެވެ. އަދި މަޝްހޫރު ބިލިއަނަރު ވިޔަފާރިވެރިޔާ ކަލާމް ހުސެންފުޅުގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ މުހިންމު ގޮތްޕެކެވެ. އަދި އޭނާ އަކީ މި ދިވެހި ރާއްޖޭގެ ފަސްގަނޑުގައި ހުރި އެންމެ ކޮރަޕްޓް، އެންމެ ނުރައްކާތެރި މަހުޖަނެވެ. މާލީ ގޮތުންނާއި ސިޔާސީ ގޮތުން ބެއްޔަސް އެފަދަ ދެވަނައެއް ނެތް އާދަޔާހިލާފު ބާރެކެވެ.

އަތުގައި އޮތް ފޯނުން ސިކުނޑި އަށް ފޮނުވަމުން ދިޔަ ސިގްނަލްތަކާ އެކު މާޒިން އޭނާގެ ބޮލުން ހުރިހާ ވަސްވާހެއް ފޮޅައި ބޭރުކޮށްލި ހިސާބަކީ މިއެވެ. އެ ފޯނުން ނާޖާއިޒު ފައިދާއެއް ނެގުމުގެ ވަސްވާސްތައް ބޭރުކޮށްލުމާއެކު އޭނާގެ ހިތަށް ވެރިވެގަތީ ބިރުވެރިކަމެކެވެ. އަދި އެ ހާސްކަމުގެ ތެރެއިން އޭނާގެ ހިތަށް އެރީ އެންމެ ރަނގަޅު އަދި ބުއްދިވެރި ގޮތަކަށް ވާނީ މި ފޯނެއް ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން ކަމަށެވެ.

"އެކަމަކު އޭރުން ވެސް މަށަށް އޮތީ ކޮން ރައްކާތެރިކަމެއް ހެއްޔެވެ؟ ކަލާމް ހުސެންފުޅުގެ މުށުތެރޭގައި ނެތީ ކޮން ބާރެއް ހެއްޔެވެ؟"

މި ވިސްނުންތަކާ އެކު ފިކުރުބޮޑުވެ ހަދާނެ ގޮތް ހުސްވުމުން އޭނާ އެންމެފަހުން ނިންމީ މި ހުރިހާ ވާހަކައެއް ލައިޒާއާ ހިއްސާކުރާށެވެ. ލައިޒާ އާއި މާޒިންއާ ދެމެދު އާލާވި ގުޅުމުން އޭރު ދިޔައީ އިތުރު ކުރިތަކެއް ވެސް ފަޅަމުންނެވެ. ނުވަތަ އެއީ މާޒިންގެ އަތުގައިވީ ސިއްރެއް ލައިޒާ އަށް އެނގޭތީ ގަސްދުގައި ދެ މީހުންގެ ގުޅުމުގައި ލައިޒާ ފަޅުވަމުން ދިޔަ ކުރިތަކެކެވެ. އޭކޭކޭ ހޮސްޕިޓަލްގައި މަސައްކަތްކުރި ނަރުހުގެ އާއިލާ އަށް ޒިޔާރަތްކޮށް އެމީހުންނާ މާޒިން ވާހަކަ ދެއްކިކަން ލައިޒާ އަށް އޭރު އެނގިފައި އޮތީމައެވެ.

ނަމަވެސް ލައިޒާ އަށް ނޭނގި އޮތްކަމަކީ އެ ނަރުހާ ހަމަ އަށް މާޒިން ގެންގޮސްދިން ގޮތެވެ. އެކަމަކު އެ ހުރިހާ ވާހަކައެއް މާޒިން އަމިއްލަ އަށް ކިޔައިދިނުމުން ލައިޒާގެ އެ ހިތް އެ އޮތީ މިހާރު ފުރިފައެވެ.

މާޒިން ކިޔައިދިން ވާހަކަތަކަށް ފަހު ލައިޒާ އެދުނީ އެ ވާހަކަ ދެ ވަނަ މީހަކާ ހިއްސާނުކުރުމަށެވެ. އަދި ލައިޒާގެ ގުޅުމާއި ބާރުތައް ބޭނުންކޮށްގެން އޭގައިވީ އަސްލެއް ހޯދައި ކަށަވަރުކޮށްގެން ނޫން ގޮތަކަށް ކަމާ ބެހޭ ފަރާތްތަކަށް ވެސް އެ މައްސަލަ ނުގެންދިއުމަށެވެ. އަނެއްކޮޅުން އޭކޭކޭ ހޮސްޕިޓަލް ތެރޭގައި ހިންގާ ޖަރީމާތަކެއް ތަހުތީގުކުރެވޭނެ ވަރުގެ އެއްވެސް ބާރެއް ނެތްކަން ލައިޒާ އަށް ވެސް އެނގޭތީއެވެ. އެހެންވީމަ އެވަރުގެ ބޮޑު ޖަރީމާއެއް އެ ހޮސްޕިޓަލުގައި ހިންގާ ނަމަ އެކަމާ ކުރިމަތިލާން ޖެހޭނީ ވަރަށް ބޮޑަށް ވިސްނައި ފަރުވާތެރިވެގެންނެވެ. މާޒިންގެ ސިކުނޑި އަށް ލައިޒާ ވިސްނައިދިނީ މިގޮތެވެ.

އަދި މާޒިންގެ އަތުގައި ހުރި ފޮޓޯތަކުން ފެންނަ އޭކޭކޭ ހޮސްޕިޓަލްގެ ސިއްރު ފެސިލިޓީތަކުގައި އެފަދަ ޖަރީމާއެއް ހިންގާ ނަމަ އެ އިމަށް އެންމެ ފަސޭހައިން ވަދެވެވޭނެ އެކަކަކީ ވެސް ޑޮކްޓަރު ލައިޒާއެވެ. އޭނާ މާޒިން އަށް ވިސްނައި ދިނީ މިހެންނެވެ. ލައިޒާގެ މި ހަގީގަތް އެނގި ހުރި ކަމަށް ހީކުރެވުނަސް ލައިޒާގެ އެއްވެސް ހަގީގަތެއް ހަގީގަތުގައި މާޒިންއަކަށް އޭރު ވެސް އަދި ނޭނގެއެވެ. އަދި އޭނާ އޭރުވީ ލައިޒާގެ މަޅީގައި ހަމަ ރަނގަޅަށް ވެސް ބަނދެވި މަގުއޮޅިފައެވެ.

ލައިޒާ އަށް ލިބުނު ހާއްސަ ހުއްދައަކާ އެކު އޭނާ އެ ދުވަހު އޭކޭކޭ ހޮސްޕިޓަލަށް ދިޔައީ މާޒިން ވެސް ގޮވައިގެންނެވެ. މާޒިން ވެސް ހުރީ ސާޖަންއަކަށް ހެދިގެން ލައިޒާގެ ރޭވުމާ އެއްގޮތަށް ޝަހުސު އޮޅުވާލައިގެންނެވެ.

ފޮޓޯތަކުން ފެންނަ ސިއްރު ފެސިލިޓީތަކަށް ވަދެގެންދިޔައިރު ދެ މީހުންނަށް މަގު ދައްކަމުން މައުލޫމާތު ދެމުން ދިޔައީ މި ފެސިލިޓީ ބްލޮކަށް ހާއްސަ މެނޭޖަރެވެ. އޭރު އެކި އުމުރުފުރާތަކަށް ބަހާލާފައިވާ 'ބަލިމީހުންތައް' އެޑްމިޓްކޮށް ފަރުވާދެމުން ގެންދާ މަންޒަރު ބިއްލޫރި ޖެހި ކޮޓަރިތަކުން ފެންނަމުންދެއެވެ.

ދިގު ހޯލުވޭއަކުން ކުރިއަށް ގޮސް މާޒިން އާއި ލައިޒާ ގޮވައިގެން ގޮސް ބްލޮކް މެނޭޖަރު ވަނީ ސާޖަރީއަށް ހާއްސަކޮށްފައިވާ ކޮޓަރިއަކަށެވެ. އޭރު އެތަނުގައި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ތައްޔާރަށް ތިއްބެވެ. މާޒިން ފެނުމާއެކު އެމީހުން މާޒިން އަށް ދައުވަތު ދިނީ މަޑުމަޑުން ޕްރޮސީޖާ މޭޒުމައްޗަށް އަރައި އޮށޯވެލުމަށެވެ.

މާޒިން ހާސްވެ ވާނުވާނޭނގި ތެޅިގަތެވެ. ނަމަވެސް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން މާޒިންގެ ހަތަރެސްފައިގައި ހިފައި އުފުއްލާލައިގެން ގެންގޮސް ޕްރޮސީޖާ ޓޭބަލް މައްޗަށް އޭނާ އަރުވައި ހޭނައްތާލީ ވަރަށް ފަސޭހައިންނެވެ. އޭނާގެ ޖީބުގައި އޮތް ފޯނު ނަގައި ލައިޒާ ދިއްކޮށްލީ ބްލޮކް މެނޭޖަރުގެ އަތަށެވެ. އަދި އޭނާ އަށް އެންގީ އެ ފޯނު މިފަހަރު ރަނގަޅަށް ނައްތާލުމަށެވެ.

ލައިޒާ އެތަނުން ނުކުމެގެން އައީ މާޒިން އަށް ހަދަން ޖެހޭ ގޮތް އޭނާގެ ޓީމުގެ ޑޮކްޓަރުންނަށް ކިޔައިދީފައެވެ. މާޒިން ވެސް އެ ހިސާބުން ގެއްލުނީއެވެ.

އެކަން އޭނާގެ ކޮއްކޮ އަށް އެންމެ ފުރަތަމަ އިހުސާސެއް ވެސް ނުވެއެވެ. ދެ ތިން ދުވަހަށް މާޒިން ގެއްލުން އެހާ ބޮޑު ކަމަކަށް ނުވާތީއެވެ. ނަމަވެސް މާޒިންގެ ޚަބަރެއް ނުވެ ހަފުތާއެއްހާ ދުވަސްވުމުން ގޮސް ރިޕޯޓްކުރީ ޕޮލިހަށެވެ.

އޭރު ގޮތްނޭނގޭ މި 'ގެއްލުންތަކާ' ބެހޭ ގޮތުން ނިއުޅެމުން ދިޔަ ފަލަ ސުރުހީތަކުގެ އިނގިލި ވަނީ އޭކޭކޭ ހޮސްޕިޓަލަށް އަމާޒުވެފައެވެ. މި މައްސަލައިގެ އެތެރެއަށް ފީނަމުންގެންދިޔަ މަޝްހޫރު ތަހުގީގީ ނޫސްވެރިޔާ މޫސާ ލަތީފު ގަބޫލުކުރާ ގޮތުން ނަމަ ރާއްޖޭގެ އެކި ރަށްތަކުން 'ވަގަށް ނަގައި ގެއްލުވާލާ' މީހުންގެ ފަހަތުގައި ވަނީ ކަލާމް ހުސެންފުޅުގެ ވަގުވިޔަފާރީގެ ނުރައްކާތެރި އަތްތަކެވެ.

ނަމަވެސް މީހުން ވަގަށް ނަގައިގެން އެ މީހުން ހިންގާ ޖަރީމާއެއް އެނގޭ އެއްވެސް މީހަކު ނެތެވެ. އެ ޖަރީމާތައް ފެންނަން ހުރި ފޯނާއި އޭގެ ހުރިހާ ޑޭޓާއެއް ވެސް މިހާރު އެ ވަނީ ޖަރީމާ ހިންގާ މީހުންގެ މުށުތެރޭގައެވެ. އެކަމަކު މޫސާ ލަތީފުގެ އިންބޮކްސް އަށް މާޒިން ނަމަކަށް ކިޔާ މީހަކު ފޮނުވާފައި އެވާ ފޮޓޯތަކުން އެ ފެންނަނީ އޭކޭކޭ ހޮސްޕިޓަލްގެ ޖަރީމާއެވެ. މީހުންތައް ކޮށައި ކުދިކޮށް އެމީހުންގެ ގުނަވަންތައް ބަންދުކުރަމުގެންދާ ތަނެވެ.