ފިލްމު ކުޅުން ހުއްޓާލި ސަނާ، ތަރިންނާ އެކު ރޯދަވީއްލުމަކަށް ދިއުމުން ފާޑުކިޔައިފި
ފިލްމު ކުޅުން ހުއްޓާލި ސަނާ، ތަރިންނާ އެކު ރޯދަވީއްލުމަކަށް ދިއުމުން ފާޑުކިޔައިފި

ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ސަނާ ޚާން ފިލްމު ކުޅުން ހުއްޓާލުމަށް ފަހު، ފިލްމީ ދާއިރާގެ މީހުންނަށް ދައުވަތުދީގެން ބޭއްވި ރޯދަވީއްލުމަކަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުމާ އޭނާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އިންޑިއާގެ ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ބާބާ ޒިއާއުއްދީން ސިދްގީ ބޭއްވި އެ ރޯދަ ވިއްލުމުގައި ބޮލީވުޑާއި ޓީވީގެ ނަން މަޝްހޫރު ތަރިން ބައިވެރިވި އެވެ.

ކޮންމެ ރޯދަ މަހަކާ ދިމާކޮށް އޭނާ ބާއްވާ އެ ރޯދަވީއްލުމަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ވެސް ލިބުނުއިރު، މި ފަހަރުގެ އެ ހަރަކާތުން އެންމެންގެ ސަމާލުކަން ހުއްޓުނީ ސަނާ އަށެވެ. ސަނާއާ އެކު އޭނާގެ ފިރިމީހާ، މުފްތީ އަނަސް ސައްޔާދު ވެސް ދިޔަ އެވެ.

އެކަމަކު މީޑިއާގެ ކުރިމައްޗަށް ސަނާ ފޮޓޯ އަށް ހުއްޓުމުން، ބައެއް މީހުނަށް ކަމަކުނުދިޔަ އެވެ.

"ޝޯބިޒް" އަށް ޝައުގުނެތް ކަމަށް ބުނެފައިވާ ސަނާ ފޮޓޯ އަށް ހުއްޓުމުން ފާޑުކިޔަސް، ބައެއް މީހުން ވަނީ ސަނާ އަށް ވަރަށް ތައުރީފު ވެސް ކޮށްފަ އެވެ. އޭނާ މިހާރު ހެދުން އަޅާގޮތް ވަރަށް ރީތި ކަމަށާއި މީހުން ކިޔައި އެއްޗަކަށް ނުބަލައި، ކުރިއަށް ދިއުމަށް ހިތްވަރު ދިނެވެ.

އާންމުވި ވީޑިއޯއިން ފެންނަނީ ސަނާ ފޮޓޯނަގަން ދެން އޭނާގެ ފިރިމީހާ އެއް ފަރާތެއްގައި މަޑުކޮށްލައިގެން ހުންނަ މަންޒަރެވެ. ބުރުގާ އަޅާފައި ހުންނަ ސަނާ ހުރީ ގަޔަށް ދޫ، ކަޅު ކުލައިގެ ހެދުމެއް ލައިގެންނެވެ. ކައިވެންޏަށް ފަހު އޭނާ ފެންނަނީ އަބަދު ވެސް ދޫ ހެދުމުގަ އެވެ.

"ވަޖާ ތުމް ހޯ" އާއި "ޖެއި ހޯ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ސަނާ ފިލްމީ ދާއިރާއާ ދުރަށް ދިޔައީ 2020 ގަ އެވެ.

ސަނާ ބޮލީވުޑަށް ނުކުތީ 2005 ގެ "ޔެހީ ހޭ ހައި ސޮސައިޓީ" އިންނެވެ. އޭގެ ފަހުން އޭނާ 50 ވަރަކަށް ފިލްމު ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ހިންދީ ފިލްމުގެ އިތުރުން ތެލެގޫ، ތަމަޅަ، ކަންނާޑާ އަދި މަލަޔާލަމް ފިލްމުތައް ވެސް ހިމެނެ އެވެ.

ސަނާ ވަނީ ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" އަދި "ޖަލަކް ދިކްލާޖާ" ހިމެނެ އެވެ.