ސެކިއުރިޓީޒް މެދުވެރިކޮށް ފަންޑު ހޯދާނީ ކިހިނެއް؟
ސެކިއުރިޓީޒް މެދުވެރިކޮށް ފަންޑު ހޯދާނީ ކިހިނެއް؟

ސެކިއުރިޓީޒް އަކީ އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ފޯރުވައިދޭ ފަންޑު މެދުވެރިކޮށް، ވިޔަފާރި އިންވެސްޓްމަންޓެއް ކުރުމަށާއި، އެ ވިޔަފާރި އިންވެސްޓްމަންޓުން ލިބޭ ފައިދާގައި ފަންޑު ފޯރުވައިދޭ ފަރާތްތައް ބައިވެރިކުރުމުގެ ބޭނުމުގައި ދެފަރާތުގެ ދެމެދުގައި ހިންގާ މުއާމަލާތްތަކެވެ. މި މުއާމަލާތް ހިންގާނީ ފަންޑު ހޯދާ ފާރާތް އަދި ފަންޑު ފޯރުވައިދޭ ފަރާތް (އިންވެސްޓަރުން)ގެ ދެމެދުގައި ވެވޭ އިންވެސްޓްކުރުމުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ސެކިއުރިޓީޒް މެދުވެރިކޮށް ފަންޑު ހޯދާނީ ކިހިނެއް؟
ސެކިއުރިޓީޒް މެދުވެރިކޮށް ފަންޑު ހޯދާނީ ކިހިނެއް؟

އާންމުކޮށް ހުޅުވާލައިގެން ނުވަތަ ގިނަ ފަރާތްތަކަކަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްގެން، ހިއްސާ ދޫކޮށްގެން ފަންޑު ހޯދުން ނުވަތަ ދަރަނި ނުވަތަ ބޮންޑު ދޫކޮށްގެން ފަންޑު ހޯދިދާނެ އެވެ. އަދި އިންވެސްޓްމަންޓް ފަންޑުގެ ޔުނިޓު ދޫކޮށްގެން ފަންޑު ހޯދައިގެން އެއްވެސް ވިޔާފާރި އިންވެސްޓްމަންޓެއް ކުރުމަކީ ސެކިއުރިޓީޒްގެ މާނައިގެ ތެރެއަށް ވަންނަ މުއާމަލާތްތަކެވެ.

އެފަދަ މުއާމަލާތްތައް ހިންގޭނީ ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާއި އެގާނޫނުގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޕަބްލިކް އޮފަރިން ނުވަތަ އާންމުކޮށް ހުޅުވާލައިގެން އެއްފަރާތަށް ވުރެ ގިނަފަރާތްތަކަށް ހުޅުވާލައިގެން ސެކިއުރިޓީޒް ދޫކުރުމާކީ ވަކި ފަރާތްތަކަކަށް ހާއްސަކޮށްގެން ސެކިއުރިޓީޒް ގަތުމަށް ދައުވަތު ދިނުމެއްނެތި، ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި ސެކިއުރިޓީޒްގެ މިލްކުވެރިކަން އެއްފަރާތުން އަނެއް ފަރާތަށް ބަދަލުކުރެވޭ ގޮތަށް ސެކިއުރިޓީޒް ދޫކުރުމެވެ.

ޕަބްލިކް އޮފާއެއް ހުޅުވާލުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭނެ އެވެ. އެގޮތުން ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީކުރާއި ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިިވާ ގަވާއިދުތަކާއި، އެއްގޮތަށް ސެކިއުރިޓީޒްގެ ބަޔާން ތައްޔާރުކުރން ޖެހޭނެ އެވެ. ލައިސަންސް ދީފައިވާ ސްޓޮކް އެކްސްޗޭންޖުގެ ލިސްޓުކުރުމުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ލިސްޓިން އެޕްލިކޭޝަން ހުށަހެޅުމުން އާންމުންނަށް ހިއްސާވިއްކުމަށް މަގުފަހިވާނެ އެވެ.

އާންމުކޮށް ހުޅުވާލައިގެން ފަންޑު ހޯދުމުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕަބްލިކް ކުންފުންޏެއްގައި އިންވެސްޓްމަންޓް ފަންޑެއް ނުވަތަ ސްޕެޝަލް ޕާޕަސް އެންޓީޓީއަކަށްވުން ހިމެނެ އެވެ. ވޭތުވެދިޔަ ދެ އަހަރު ނުވަތަ އެއް އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހުށަހެޅަބް ޖެހޭނެ އެވެ. އދި އެންމެ ފަހުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކަށް ހަ މަސް ވެގެން ނުވާނެ އެވެ.

ސެކިއުރިޓީޒްގެ މުއާމަލާތްތައް ރެގިއުލޭޓްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ. އިންވެސްޓަރުން ރައްކާތެރިކުރުމަކީ، ފަންޑު ހޯދަން ހުށަހަޅާ ކުންފުނީގެ އެންމެހާ މައުލޫމާތާއި، އެކުންފުނިން ފަންޑު ބޭނުންކޮށްގެން ކުރަން ރާވާ އިންވެސްޓްމަންޓްގެ ސައްހަ އަދި ފުރިހަމަ މައުލޫމާތު ލިބޭނެ ގޮތް ހޯދައިދިނުމެވެ.

އަދި ފުރިހަމަ މައުލޫމާތު ލިބި ހުރެ އިންވެސްޓްކުރުމުގެ ނިންމުންތައް ނިންމުމަށް އިންވެސްޓަރުންނަށް މަގުފަހިކޮށްދިނުމެވެ. ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ފުރިހަމަ މައުލޫމާތު ހިމެނޭ ސެކިއުރިޓީޒް ބަޔާން ރަޖިސްޓަރީކޮށް ޝާއިއު ކުރެވިގެން ނޫނީ އެއްވެސް ބާވަތެއްގެ އިންވެސްޓްމަންޓެއް ކުރުމަށް ފަންޑު ހޯދުމަށް އާންމުކޮށް ހުޅުވާލުމަކީ ގާނޫނުން މަނާކުރެވިފައިވާ ކަމެކެވެ.

ނޯޓް: މިއީ ސީއެމްޑީއޭގެ ޕްރޮމޯޝަން އާޓިކަލް އެކެވެ.