ގްރޫޕަކަށް ފޮނުވި މެސެޖަކާ ގުޅިގެން ގާޒީ ނައީމްގެ މައްސަލަ ބަލަނީ
ގްރޫޕަކަށް ފޮނުވި މެސެޖަކާ ގުޅިގެން ގާޒީ ނައީމްގެ މައްސަލަ ބަލަނީ

ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕަކަށް ފޮނުއްވި މެސެޖަކާ ގުޅިގެން ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމްގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ސޯޝަލް މީޑިއާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ފަނޑިޔާރެއްގެ ސުލޫކީ ޚިލާފް ބަސްތަކެއް ގާޒީ ނައީމް ބޭނުން ކުރައްވާފައިވާތީ އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން އެ ކޮމިޝަނުން ނިންމައި، ތަހުގީގު ކޮމެޓީ އެކުލަވާލާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ވައިބާ ގްރޫޕަކަށް ނައީމް މެސެޖެއް ފޮނުއްވީ އުއްތަމަ ފަނޑިޔާރާއި ޖުޑިޝަރީގެ ވެރިންގެ "ކަރުބުޑުގައި ރަހަލާވަރުގެ ކަންތައް ކޮށްގެން ނޫނީ މިކަންކަން ރަނގަޅު ނުވާނެ" ކަމަށް ވިދާޅުވެ އެވެ. އޭނާ އެ މެސެޖް ފޮނުއްވީ އެޗްޑީސީގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމި ހަބަރެއް އެހެން ފަނޑިޔާރަކު އެ ވައިބާ ގްރޫޕްގައި ހިއްސާކުރެއްވުމުން ފަނޑިޔާރުންނަށް ފްލެޓް ހަމަޖެއްސުމާ ގުޅުވައިގެންނެވެ.

ގާޒީ ނައީމަށް ޖޭއެސްސީން ކުރިން ވެސް ސުލޫކީ ފިޔަވަޅު އެޅި އެވެ. ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނަވަނިކޮށް 2011 ވަނަ އަހަރު އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކުރީ އޭރުގެ ބަންޑާރަ ނައިބު ރުހުން ނުލިބެނީސް، ދައުލަތުން ހުށަހަޅާ މައްސަލަތައް ކުރިއަށް ނުގެންދަން އޭނާ އޭރު ނިންމެވުމުންނެވެ.

ޖުވެނައިލް ކޯޓުގައި އަހަރުތަކެއް ވަންދެން ހުންނެވުމަށްފަހު ޑްރަގް ކޯޓަށް އޭނާ ބަދަލުކުރީ ފަހުންނެވެ.