19 އެޕްރީލް 2022 - 13:59

ދިވެހިވަންތަ ސިފަތައް ހިމަނައިގެން ކުރަހާފައިވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޒަމާނީ އާ ޓާމިނަލްގެ ޑިޒައިން ފުރަތަމަ ފަހަރަށް މިއަދު އާންމުކޮށްފި އެވެ.

އެ ޓާމިނަލްގެ ބޭރު ޑިޒައިން ކޮށްފައި ވަނީ ރާޅުތަކެއްގެ ސިފަވާ ގޮތަށެވެ. ބޭރުން ފެންނަ ފާރުތައް ޑިޒައިންކޮށްފައި ވަނީ އިހުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ކަހަލަ ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. އެކަމަކު ޑިޒައިންތައް ދައްކާލުމުގެ އިތުރުން އެހެން މައުލޫމާތެއް އެމްއޭސީއެލުން އަދި އާންމެއް ނުކުރެ އެވެ.

ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.
އާ ޓާމިނަލްގެ އެތެރޭގެ ޑިޒައިންތަކުގައި ވެސް ދިވެހިވަންތަކަން އިސްކުރުމަށް އެމްއޭސީއެލް އާއި ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އޭރު އެތަން ނިންމަން ކަނޑައަޅާފައި ވަނީ މި އަހަރުގެ ނިޔަލަށެވެ.
ނަމަވެސް މިހާރު އާ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރު ފަހުކޮޅަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެތަނުގެ އޮނިގަނޑުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިހާރަށް ވުރެ ބޮޑު ޓާމިނަލެއްގެ ބޭނުން ޖެހިފައި އޮތް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ ޒަމާނީ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. އެކަމަކު ސަރުކާރު ބަދަލުވީ ހިސާބުން އެތަނުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވި އެވެ.
މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާ ހޭދަކުރެ އެވެ. ޕްރޮޖެކްޓް ހިންގަނީ ސައުދީ ފަންޑާއި މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުގެ އެހީގަ އެވެ.