24 ޑިސެމްބަރ 2016 - 19:25

އިސްލާމްއާބާދު (ޑިސެމްބަރު 24) - ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިންގެ އޮފީހާ ދެކޮޅަށް އެ ގައުމުގެ 11 އަހަރުގެ ކުޑަ ކުއްޖަކު ދައުވާ ކޮށްފި އެވެ.
ހަވަނަ ގްރޭޑުގައި ކިޔަވަމުންދާ މޮޅު ވާހަކަ ދެއްކުންތެރިއެއް ކަމަށްވާ މުހައްމަދު ސަބީލް ހައިދަރުގެ ފަރާތުން އޭނާގެ ބައްޕަ ނަސީމް އައްބާސް ނާސިރު އިސްލާމްއާބާދުގެ ހައި ކޯޓަށް މައްސަލަ ވެއްދީ ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހުގެ އުފަން ދުވަހާ ދިމާކޮށް ހައިދަރު ދިނުމަށް ހަމަޖެހިފައިވާ ތަގްރީރެއް ރައީސް އޮފީހުން "ވަގަށް ނެގި" ކަމަށް ބުނެ އެވެ.
އިސްލާމްއާބާދު މޮޑެލް ކޮލެޖް ފޯ ބޯއީސްގައި ކިޔަވާ ހައިދަރުގެ މައްސަލާގައި ބުނެފައި ވަނީ މި އަހަރުގެ މާޗު މަހު ރައީސް އޮފީހުން ބޭއްވި އިވެންޓެއްގައި އޭނާ ދެއްކި ވާހަކަ ކަމުގޮސްގެން ރައީސް ވެސް ތައުރީފްކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި ޖިނާހުގެ 141 ވަނަ އުފަން ދުވަހާ ދިމާކޮށް އޭނާ ތަގްރީރެއް ދިނުމަށް ކަމާ ބެހޭ ފަރާތްކުން އެދިފައިވާ ކަމަށެވެ.
މި މަހު 22 ވަނަ ދުވަހު ރެކޯޑް ކުރުމަށް ހަމަޖެހިފައިވާ ތަގްރީރުގެ ރިހާސަލަށް އޭނާ ދިޔައީ ޑިސެމްބަރު މަހު އޮތް ޓެސްޓުގެ ދެ މާއްދާ ވެސް ކަޓުވާލާފައި ކަމަށް ބުނެފައިވެ އެވެ. އަދި ހައިދަރު ދައްކަން ހަމަޖެހިފައިވާ ވާހަކަ ލިޔުމަށް ފަހު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މި މަހު 22 ވަނަ ދުވަހު ރިޔާސީ ގަނޑުވަރަށް ހައިދަރު ގޮސް ތަގްރީރު ދިނުމަށް ހަމަޖެހިފައި ވަނިކޮށް އެންމެ ފަހު ވަގުތު އެންގީ އޭނާގެ ތަގްރީރު ދޭނީ އެހެން ސްކޫލެއްގެ އަންހެން ކުއްޖެއް ކަމަށެވެ. އެހެންވެ ހައިދަރު ދައުވާ ކުރަނީ އޭނާގެ ތަގްރީރު ވަގަށް ނެގުމަށް ފަހު އެހެން މީހަކަށް ދިން މައްސަލައިގަ އެވެ.