ބައިޑެން ޔޫކްރޭނަށް ވަޑައިނުގަންނަވާނެ: ވައިޓް ހައުސް
ބައިޑެން ޔޫކްރޭނަށް ވަޑައިނުގަންނަވާނެ: ވައިޓް ހައުސް

އެމެރިކާގެ ރައީސް ޖޯ ބައިޑެން، މިހާރުގެ ހާލަތު ދެމި އޮއްވާ ޔޫކްރޭނަށް ވަޑައިނުގަންނަވާނެ ކަމަށް، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފި އެވެ.

ރައީސް ޖޯ ބައިޑެން، ޔޫކްރޭނަށް ވަޑައިނުގަންނަވާނެކަން ވައިޓް ހައުސް އިން މި ކަށަވަރު ކޮށްދިނީ، ވިލާތުގެ ބައެއް ގައުމުތަކުގެ ވެރިން ދާދި ފަހުން ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ވަޑައިގެން، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއި ސަރުކާރުގެ ބައެއް ވަޒީރުންނާ ބައްދަލުކުރައްވާފައި ވަނިކޮށެވެ.

ޕޮލެންޑްގެ ރައީސް އަންދްރޭ ޑޫޑާ އާއި ލެތުވިއާގެ ރައީސް އެގިލްސް ލެވިޓިސް އާއި ލިތުއޭނިއާގެ ރައީސް ގިޓަނަސް ނައުސެޑާ އާއި އެސްޓޯނިއާގެ ރައީސް އަލާރް ކަރީސް ވަނީ މި މަހުގެ 13 ވަނަ ދުވަހު ކިޔޭވްއަށް ވަޑައިގެން ޒެލެންސްކީއާ ބައްދަލުކުރައްވައިފަ އެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ މި މަހުގެ 9 ވަނަ ދުވަހު ކިޔޭވްއަށް ވަޑައިގެން، ރައީސް ޒެލެންސްކީގެ އަރިހުގައި ކިޔޭވްގެ މަގުތަކުގައި ހިންގަވައި، ހަނގުރާމައިގެ ގެއްލުންތައް ބައްލަވާލައްވައިފަ އެވެ.

އޭގެ އިތުރުން ވިލާތުގެ އިއްތިހާދުގެ ހާރިޖީ ގުޅުންތަކާ ބެހޭ އެންމެ އިސް ވެރިޔާ ޖޯސެފް ބޮރެލް އާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވެސް، މި މަހުގެ 8 ވަނަ ދުވަހު ކިޔޭވް އަށް ވަޑައިގެންނެވި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިން ގައުމުގެ ދިފާއުކުރުމަށް ޔޫކްރޭން ސަރުކާރާއި ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން، އެ ބޭފުޅުން ކިޔޭވްއަށް ވަޑައިގެންނެވި ނަމަވެސް، ބައިޑެން އެފަދަ ކަމެއް ކުރެއްވުމަށް ބޭނުމެއް ނުވެ އެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސާކީ ވިދާޅުވީ ބައިޑެން ޔޫކްރޭނަށް ވަޑައިނުގެންނެވި ނަމަވެސް، އެމެރިކާގެ އިސް އޮފިޝަލުން ޔޫކްރޭނަށް ފޮނުއްވަން ބައިޑެން ބޭނުންވާ ކަމަށެވެ.

އެ ގޮތުން އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ޔޫކްރޭނަށް ވަޑައިގަންނަވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ބައިޑެން، ޔޫކްރޭނަށް ވަޑައިނުގަންނަވާނެ ކަމަށް ވައިޓް ހައުސް އިން މި ބުނީ، ވިލާތުގެ ބައެއް ވެރިން ފަދައިން، ބައިޑެން ވެސް ކިޔޭވް އަށް ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ. ސީއެންއެންގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ އެކަން ނިންމަވާނީ ރައީސް ބައިޑެން ކަމަށާއި، ސަލާމަތީ ކަންތަކަށް ބެއްލެވުމަށް ފަހު ރައީސް ބައިޑެން ގޮތެއް ނިންމަވާނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާ އެމްބަސީ އަލުން ކިޔޭވްގައި ހުޅުވަން އެމެރިކާ ސަރުކާރުން ބޭނުންވާ ކަމަށެވެ. މިހާރު ޔޫކްރޭންގައި ހިނގަމުންދާ ކަންތަކަށް ބަލާއިރު ވެސް، އެމެރިކާގެ ޑިޕްލޮމެޓިކް މިޝަނެއް ކިޔޭވްގައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. ނަމަވެސް އެމްބަސީ ހުޅުވާނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ރެއިން ފެށިގެން ރަޝިޔާ ސިފައިންގެ ހަމަލާތައް އަމާޒުކުރަމުން ދަނީ، އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދަށެވެ. ޔޫކްރޭން ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރި ހަނގުރާމަ ނާކާމިޔާބުވުމުން، ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަނީ، ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ ދޮންބާސް ސަރަހައްދު ރަޝިޔާ ސިފައިންގެ ފުރިހަމަ ބޭރުގެ ދަށަށް ގެންދިއުމަށެވެ.

ދޮންބާސް ސަރަހައްދުގައި ނުފޫޒު ގަދަ ހަނގުރާމަވެރިންނަކީ ރަޝިޔާގެ ފުރިހަމަ މަދަދާ އެކު، ޔޫކްރޭން ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ބައެކެވެ.