19 އެޕްރީލް 2022 - 11:25

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، އެ ގައުމުގެ އިރުމަތީގައި އޮންނަ ވަކިވެގަތުމަށް މަސައްކަތް ކުރާ ދޮންބާސް ސަރަހައްދު ހިފުމަށް، ރަޝިޔާގެ ހަމަލާތައް އަމާޒު ކުރަން ފަށައިފި އެވެ.
ރައްޔިތުންނާ މުހާތަބު ކުރައްވައި އިއްޔެ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ އިރުމަތީ ދޮންބާސް ސަރަހައްދުތަކުގެ ސަހަރުތަކާއި އަވަށްތަކަށް ރަޝިޔާ ސިފައިން ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުން ދާ ކަމަށެވެ. ރޮކެޓާއި ބޮޑުބަޑީގެ ހަމަލާތައް، ދޮންބާސްގެ ހުރިހާ ހިސާބަކަށް އަމާޒުކުރަމުންދާ ކަމަށް ވެސް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
"ދޮންބާސް ހިފުމުގެ ހަނގުރާމަ މިހާރު އެ އޮތީ ފަށާފައި. ރަޝިޔާގެ ކިތަންމެ ގިނަ ސިފައިންނެއް މިގައުމަށް ގެނަޔަސް އަހަރެމެންގެ ފަރުވާލެއް ނެތް. އަހަރެމެން ހަނގުރާމަކޮށް އަހަރެމެންގެ ގައުމު ދިފާއުކުރާނަން،" ޒެލެންސްކީ ވިދާޅުވި އެވެ.
ދޮންބާސް ސަރަހައްދަށް ރަޝިޔާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދޭން މި ފެށީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ބަނދަރުމަތީ ސަހަރެއް ކަމަށްވާ މަރިއުޕޯލް ހިފުމަށް ފަހު އެވެ. މަރިއުޕޯލްއަކީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފެށި ހަނގުރާމައިގައި، ރަޝިޔާ ސިފައިންނަށް ޔޫކްރޭނުން ހިފުނު ފުރަތަމަ ސަހަރެވެ.
ޔޫކްރޭންގެ ގައުމީ ސަލާމަތާއި ދިފާއާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ އޮލެކްސީ ޑެނިލޯވް ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ހަމަލާތައް ރޭ ދަންވަރުން ފެށިގެން އަމާޒުކޮށްފައިވަނީ، ޔޫކްރޭން ސިފައިންގެ އެންމެ ކުރީ ސަފަށެވެ. ރަޝިޔާ ސިފައިން މަސައްކަތް ކުރަނީ ޔޫކްރޭން ސިފައިންގެ ދިފާއު ފޫއަޅުވައިލަން ކަމަށާއި، ނަމަވެސް ޔޫކްރޭންގެ ސިފައިން ގައުމު ދިފާއުކުރުމުގައި ދެމިތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހު، ރަޝިޔާ ސިފައިންގެ ހަމަލާތައް ބޮޑަށް އަމާޒުކުރީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށެވެ. ވައިގެ މަގުން ގިނަ ހަމަލާތަކެއް ދީ ކިޔޭވްގެ މުހިންމު ސަރަހައްދުތަކަށް ބޮޑެތި ހަމަލާތަކެއް ދިނުމަށް ފަހު، ރަޝިޔާގެ އެއްގަމު ސިފައިން މަސައްކަތް ކުރީ ކިޔޭވްގެ ތެރެއަށް ވަދެގަތުމަށެވެ.
ނަމަވެސް ޔޫކްރޭންގެ ދިފާއު ވަރުގަދަވުމުން، މަހަކަށް ވުރެ ގިނަ ދުވަހު ކުރި މަސައްކަތް ނާކާމިޔާބުވުމުން، ހަނގުރާމައިގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ ކަމަށް ބުނެ، ރަޝިޔާ ސިފައިން ފަހަތަށް ޖެހުނީ އެވެ. އެއަށް ފަހު، ރަޝިޔާގެ ހަމަލާތައް ބޮޑަށް އަމާޒުކުރީ، ދެކުނުގައި އޮން މަރިއުޕޯލްއަށެވެ.