19 އެޕްރީލް 2022 - 10:36

ބާސެލޯނާ (އޭޕްރީލް 19) - ޔޫރޮޕާ ލީގުގައި އެއިންޓްރަކްޓް ފްރެންކްފާޓާ ދެކޮޅަށް ކުޅުނު މެޗުގައި ދަނޑަށް ހާޒިރުނުވި، އެފްސީ ބާސެލޯނާގެ ސަޕޯޓަރުން އެނބުރި ދަނޑަށް އައި މެޗުގައި ރޭ ކަޑިޒް އަތުން 1-0 އިން ބާސާ ބަލިވެއްޖެ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި މިދިޔަ ބުރާސްފަތި ދުވަހު ބާސާގެ ކޭމް ނޯ ސްޓޭޑީއަމްގައި ކުޅުނު މެޗުގައި ގިނައިން ތިބީ ފްރެންކްފާޓްގެ ސަޕޯޓަރުންނެވެ. ބާސާގެ ސަޕޯޓަރުން ހާޒިރުވީ މަދު އަދަދަކަށެވެ. ރޭ ސަޕޯޓަރުން އެނބުރި ދަނޑަށް އައި ނަމަވެސް ދަނޑުގެ ދެބައިކުޅަ އެއްބައި އޮތީ ހުސްކޮށެވެ. ސަޕޯޓަރުން ހިތްހަމަނުޖެހިފައި ތިބީ ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ އާއި ބޯޑު ބައެއް ނިންމުންތަކާ މެދުގަ އެވެ.
ކުރިއަށް އޮތް ތަނުގައި އެކަހަލަ ހާލަތެއް ތަކުރާރު ވިޔަ ނުދިނުމަށް، ބާސާގެ ރައީސް ލަޕޯޓާ ވަނީ ސަޕޯޓަރުންގެ ގުރޫޕްތަަކާ ބައްދަލު ވެސް ކޮށްފަ އެވެ.
ރޭ ގެ މެޗު، ކަޑިޒް ކާމިޔާބު ކުރީ 1-0 ންނެވެ. އެޓީމުގެ ލަނޑު ޖެހީ ލޫކަސް ޕެރޭޒް އެވެ. އޭނާ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓްގަ އެވެ. ބާސާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލޫކް ޑި ޔޯން އަށެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ވެސް އަދި އޭގެ ކުރީ ޕިއޭ އެމެރިކް އޮބާމަޔަން ފޮނުވާލި ބޯޅަ ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަޑިޒްގެ ކީޕަރު ހެރމިއަސް ލެޑެޒްމާ ހުއްޓުވި އެވެ.
ކަޑިޒްގެ އެލްހެންޑްރޯ ފެނާންޑޭޒް އަށް ވެސް ރަނގަޅު ފުރުސަތެއް މެޗުގެ ފަހު ކޮޅުގައި ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ބާސާ މެޗުން ބަލިވުމުން، އޭގެ ފައިދާ އެންމެ ބޮޑަށް ލިބޭނީ އެއްވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށެވެ. އެޓީމާއި ބާސާ އާދެމެދު 15 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.