ކުރު ވާހަކަ: މަސަލަސް
ކުރު ވާހަކަ: މަސަލަސް

އަލަތު ދަރިފުޅު ގޮވައިގެން ހަމަނިދި ނުލިބެ އުޅޭ ކޮންމެ މަޔަކަށް އަހަރެން މި ދައްކާ ވާހަކަ ވަރަށް ރަނގަޅަށް ފަހުމުވާނެއެވެ. ނޭނީއެއް ގެނެސްދޭން ރާޒިން ގާތު އަހަރެން އެދުނީކީ އެއްގޮތަކަށް ވެސް އަލަތު ކައިވެނީގެ ހަނީމޫނު ނިންމާލާފައި ދިރިއުޅޭނެ ތަނެއް ނެތިގެން އުޅުނު ދެ މީހަކު މިގެއަށް ގެންނާކަށް ނޫނެވެ. އަހަރެންގެ ލޯބި ލޯބި މި ދަރިފުޅަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތާއި ރައްކާތެރިކަން ހަނދާން ނައްތާލާފައި މުޅި ގޭތެރޭގައި ކަރޯކޭ ޖައްސައި ސަކަރާތް ޖަހައި އޭނަގެ ފިރިމީހާގަނޑާއެކު ދުވަހުގެ ހުރިހާ ވަގުތެއް ހޭދަކޮށް ވައްވައްޖަހާނެ މީހަކު މިގެއަށް ގެންނާކަށް ނޫނެވެ.

ނޭނީއެއްގެ ވާޒީފާ އާއި ޒިންމާތަކަކީ ދަރިއަކަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދިނުމެވެ. ހުރިހާ ކަމެއްގައި އަހަންނަށް އަތްފަސޭހަކޮށްދިނުމެވެ. ކާއެއްޗެހި ތައްޔާރުކޮށް ކައި ނިމުމުން އެ ކުއްޖާ ފެންވަރުވައި ސާފުކޮށް، ޕުއްޕު ލީމަ ޕުއްޕު ދޮއްވައި، ނަލަކޮށް ތިއްތިކޮށް އެ ކުއްޖާގެ އެއްޗެހިތައް ދޮވެ ރީތިކޮށް ފަށްޖަހައި، ބަދިގެ ތެރެ ފޮޅައި ސާފުކޮށް ކުޅޭ އެއްޗެހިތައް ރީތިކޮށް އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަމާއި ދިރިއުޅުމުގެ ފަސޭހަ އަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްދިނުމެއް ނޫން ހެއްޔެވެ؟

ލަދުން ބޯފަޅައިގެންދާވަރުވެއެވެ. ހަމަ ހުވައެވެ!

އެވަރަށް، ހަމަ އެވަރަށް، މިހައި ސާފުކޮށް ރާޒިންއަށް ކިޔައިދިނީމަ ވެސް ގެއަށް ގެނެސްފަ އެހެރީ ޕާޓީކުރާ ޒާތުގެ އަންހެން ގޮލައެކެވެ. އެވެސް އަދި ޕާޓޭއެއްހެން ހީވާ އޭނަގެ ފަކުރު ފިރިމީހާގަނޑާ ވެސް އެކުގައެވެ. މި އުޅޭ ފިރިހެންވެރިންނަށް އެއްޗެއް ދަސްވާނީ ކޮން އިރަކުންބާވައޭ މަގޭ ހިތަށް އަރައެވެ. ދެން މާ ފިރިހެންވެފަ، ދެ އަތް ފުޅާކޮށްލައިގެން ގޭގެ ވެރިންނަށް ވެފަ ތިބޭކަން އެކަންޏެވެ. ދަންނަ ހަމަ އެއް ކަމެއް ވެސް މި އުޑުދަށުގައި ނުހުންނަނީއެވެ.

އެހެންޏާ މަގޭ މި ދަރިފުޅު ބަލައިދޭނެ ނޭނީއެއް ގެއަށް ގެނެސްދޭށޭ އޭނަ ކައިރީގަ ބުނީމަ ތަނެއްގަ ހުރި މަރުމޯލެއް ގެއަށް ގެނެސް ވައްދާނެ ހެއްޔެވެ؟ އަހަރެން މި ވާހަކައެއް އަދި ހަމަ ފަށާއިރަށް އަނގަފުޅާކޮށްފަ މި ރާޒިންއެއް ވެސް އެބަ ކިޔައޭ، އެއީ އަދި ނަރުހެކޭ، އަހަރެމެންގެ ދަރިފުޅު ކަހަލަ ކުއްޖަކަށް ބޭނުންވާ އެންމެ ފުރިހަމަ ރައްކާތެރިކަމާއި އަޅާލުން ކަށަވަރުކުރުވަން އެއަށް ވުރެ ވަކި ރަނގަޅު މީހަކު ލިބޭނެ ހެއްޔޭ ވެސް؟

ލަދެއް ހަޔާތެއް ވެސް ހަމަ ނެތީއެވެ. ބަލަ ތިޔަ ބުނާ ކުޅަދާނަ ނަރުހެއްގެ ސެޓުފިކެޓާ އޭތި މީއްޗެއް މަގޭ މި ދެ އަތުން ވެސް ހާވައި ބެލީމެވެ. އެއީ ކުޑަކުދިން ބަލައި ރައްކާތެރިކޮށް ކަމޭ ހިތުމާ ބެހޭ އެއްވެސް ދާއިރާއަކުން އެޔެއްމިޔެއް އެނގި ހުރި މީހެއް ނޫނެވެ. އަމުދަކުން ނަރުހަކަށްވާ ކަހަލަ ނަހުރެއް ވެސް ނޫނެވެ. ބަލިއެނދުގައި، ތަންމަތިބަލީގައި ތިބޭ މާމަ ކާފަ އުމުރުގެ މީހުން ސާފުތާހިރުކޮށް ނެޕީ ޖައްސާ ޒާތުގެ އެއްޗެއް ނޫނީ ކިޔެވި އެއްޗެއް ނެތް މީހެކެވެ. އަޅެފަހެ މިވަރުގެ މީހަކު ދުނިޔޭގައި ވެސް ނެތްވަރުގެ ނޭނީއަކަށް ހަދައިގެން ގެއަށް ގެންނާނީ އަޅެ ދެން ކިހައި ބޮޑު މޮޔައެއް ހެއްޔެވެ؟

ހަމަ ހުވައެވެ. ލަދުންބޯފަޅައިގެންދާވަރުވެއެވެ.

އެކަމަކު އަހަރެން މިއީ އަދިވެސް އެންމެ ވިޔާނުދާ މީހާއެވެ. އެންމެ ކަންނެތް މީހާއެވެ. އެންމެ ތަންދޮރު ނޭނގޭ މީހާއެވެ. އެންމެ މުޑުދާރު މީހާއެވެ. އެންމެ އަޑުގަދަ މީހާއެވެ. އެއްވެސް ކުލުނެއް ލޯތްބެއް ރަހުމެއް ހިތުގައި ނެތް މީހާއެވެ. މި ހުރިހާ ފަތިވަރެއް މަށާ ދިމާލަށް ނުގޮވިޔަސް ރާޒިންގެ ހިތުގައި މަށަކަށް ހަމަ އެއްވެސް ލޯތްބެއް އިހުތިރާމެއް ގަދަރެއް ދީފައި ނެތްކަން މަށަށް ވަރަށް ސާފެވެ. އަހަރެން ދައްކާ ހަމަ އެއްވެސް ވާހަކައެއް އޭނާ އަށް ވާހަކައަކަށް ނުވަނީއެވެ. ހަމަ އެއްވެސް ވާހަކައެކެވެ. އަހަރެން މިއީ އެއްވެސް މީހެއް ނޫނެވެ.

އެހެން ނޫންނަމަކާއެއް އެ ވިޔާނުދާ ނަރުސް އަންހެން ކުއްޖާ އާއި އޭނާގެ ބޯދިގު ފިރިހެން ސޮރު މިގޭގެ ކޮޓަރިއެއްގައި ނުބައި ތިއްބާނެއެވެ. ހަމަ އެންމެ މިނެޓަކަށް ވެސް ނުބައިތިއްބާނެއެވެ. ރާޒިންއަށް ވުރެން ފައިޒަން ހުރިހާ ގޮތަކުން ވެސް ފުރާފުރިހަމަވެފައިވީ ސަބަބަކީ މިއެވެ. އަދި އަބަދުވެސް އަހަރެން މި ވާހަކައެއް، އުމުރު ދުވަހަށް ވެސް ދައްކާނެ ސަބަބަކީ އެވެ.

މިކަމަކީ އަހަރެން މިވަރަށް ހިތްހަމަނުޖެހޭ ކަމެއް ނަމަ ހަމަ އެންމެ މިނެޓަކަށް ވެސް އެ ދެއެއްޗަކަށް މިގޭތެރެއަކު ނޫޅެވޭނެއެވެ. އެކަމަކު ކީއްކުރާނީ ހެއްޔެވެ؟ މީހެއްގެ އުޅުމާއި އަހުލާގަށްވުރެން އެމީހެއްގެ ބޭރުފުށުގައިވީ ރީތިކަމަކަށް ހެއްލުނީމަ ވާނެ ހައެތި މިހާރު މި އޮތީ ހަ ފަރާތުން އައިސް ޖެހި ބާރުވެފައެވެ. ފައިޒަން ގާތުން ވަރިނުވެވުނު ނަމައޭ ވެސް މިހާރު ހިތަށް އެބަ އަރައެވެ. ހުވާ ބިއްލާހިއެވެ. އެފަކީރު އަޅެ މަށާ ނުލައި މިހާރު އުޅޭނީ ވެސް އަޅެ ކޮން ހާލެއްގައި ހެއްޔެވެ؟ އެކަމަކު މިވެސް ދެން ކޮން ހިޔާލެއް ހެއްޔެވެ؟

އެކީގައި އެންމެ ގާތުގައި އެންމެ ލޯބިން އުޅުނު މީހާ މަތިން އެންމެ ހަނދާންވާނީ ތިމާ ކަރުތާފެނަށް ވެއްޓި މަރަށް ތެޅެމުންދާއިރޭ މީހުން ބުނެއެއް ނޫން ހެއްޔެވެ. ފަހަރެއްގައި އަހަރެންގެ ހާލަކީ އެއެވެ.

މި ނަރުސް ބުރާންތިއަކަށް ކިޔަނީ ސަފާއެވެ. އޭނާގެ ހާމުންޑި ފިރިސޮރަކީ ޖަމްޝީދެވެ. އަދި އޭނާ ހިތުން އޭނައަކީ ޑރ. ޖަމްޝީދެވެ. މި ދެ އެއްޗެއް އުޅޭ ވައްތަރަކުން މަގާތަށް ބައެއް ފަހަރު ހިނި ވެސް އާދެވެ. އަނެއްބައި ފަހަރު ދަތްކުނޑިވިކައި ކައި ހަމަ ހުސްކޮށްލަފާނަމޭ ވެސް ހިތަށް އަރައެވެ.

އެކަމަކު އަހަރެން ބަލަނީ ވީހާ ވެސް ބޮޑަކަށް އެ ދެ މީހުންނާ ނުބެހި އުޅެވޭތޯއެވެ. އެ ދެ މީހުންނާ އެއްވެސް ކަމެއް ނުޖައްސާ ވޭތޯއެވެ. މި ގޭގެ ސުލްހަ މަސަލަސްކަމާއި މަގޭ ތުއްތު ދަރިފުޅުގެ ރައްކާތެރިކަމަށް ވުރެ މުހިންމު އެއްވެސް ކަމެއް މި އުޑުދަށުގައި ވެސް މަށަށް ނެތީމައެވެ. އަދިވަކިން ހާއްސަކޮށް އެ އުޅޭ ސަފާއެކޭ ކިޔާ ހަންޑިއަކު ލައްވާ އަހަރެން މިހާރު އެއްވެސް ކަމެއް ނުކުރުވާ ސަބަބަކީ ވެސް އެއީއެވެ. އެ ދެ މީހުން މަގޭ ފިރިމީހާގެ ބޮލަށް އެރިގެން މި ގެއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދެން މާ ރަގަނޅު ބަޔަކަށް ހެދިގެން އެ އުޅޭ ސަބަބު މަށަށް ވަރަށް ރަނގަޅަށް މިހާރު އެނގޭތީއެވެ.

އާނއެކެވެ. މި ދެ މީހުންނާ ބެހޭ ގޮތުން އަހަރެން އެންމެފަހުން ޖާސޫސުކުރަން ފެށީއެވެ. އަމިއްލަ ދަރީގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނެއެއް ނޫން ހެއްޔެވެ؟ މި ދަރިފުޅު ބަލަން ގެއަށް ގެނައި މީހާ އެ ކުއްޖާ އާއި އެ ކުއްޖާގެ މަންމަ އަށް ނުރައްކަލަކަށް ބަދަލުވާ ހިސާބުން ދެން ކޮންމެވެސް ފިޔަވަޅެއް އަޅަން ޖެހޭނެއެއް ނޫން ހެއްޔެވެ؟ އަހަރެން ދައްކާ ވާހަކަ ރާޒިން ގަބޫލުނުކުރާ ނަމަ އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާ މީހަކު ހުރިތަނަކުން ހޯދައިގެން ގެނެސްވިޔަސް ފިޔަވަޅު އަޅަން ޖެހޭނެއެއް ނޫން ހެއްޔެވެ؟

މީޒާ އަށް އަހަރެން ދައުވަތު ދިން ސަބަބަކީ އެއީއެވެ. އޭނާ އަކީ ޒަމާންވީ ގާތް ރަހުމަތްތެރިއެކެވެ. ކަންކަމުގައި ހިޔާލު ތަފާތުވިޔަސް ދިރިއުޅުމުގެ ތުރާލާއި އުނދަގޫތަކުގައި އަބަދުވެސް އަހަރެންނާ އެކުވީ އާދަޔާހިލާފު ބާރެކެވެ. އޭނާ އެ ސިފައިގައި އަހަންނަށް އެކަނި ފެންނަނީ ސަބަބެއް އޭގައިވީމައެވެ. މީޒާ ދައްކާ ވާހަކައެއް ވެސް މީހުން ގަބޫލެއް ނުކުރެއެވެ. އެކަމަކު އަހަރެމެން ދެ މީހުންނަކީ އަބަދުވެސް އަލީ ރަމީޒުގެ ލަވައެއްހާ ރީއްޗަށް ޓިއުނު ދިމާވި ދެ މީހުންނެވެ.

އެހެންވީމަ މީޒާ ގެނެސް އަހަރެން މި ދެ މީހެއްގެ ވާހަކަ ހަމަ ގަދަޔަށް ކިޔައި ދިނީއެވެ. އަދި މީޒާ އަހަރެންގެ އެ ހުރިހާ ވާހަކައެއް ވަގުތުން ގަބޫލުކުރިއެވެ. ރާޒިން އަށް ހަ މަސް ދުވަހުން ވެސް ނަގައި ނުގަނެވުނު އެ ހުރިހާ ވާހަކައެއް މީޒާގެ ސިކުނޑިއަށް ފަހުމުވާން ހަ ސިކުންތު ވެސް ނުނަގައެވެ. އަންހެނެއްގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގޭނީ އަންހެނަކަށޭ ބުނަނީ މިހެންވެގެންނެވެ. އަދި ހަގީގީ ބެސްޓްފްރެންޑެއްގެ ނަމޫނާ މިސާލަކީ މަގޭ އެކުވެރި ރަހުމަތްތެރި މީޒާ ޑާލިންއެވެ.

މީޒާ އަހަރެން ގާތަށް އެނބުރި އައީ އެ ބުނާ ސަފާ އަކާއި އޭނާގެ ބޯދިގު ހާމުންޑިކަލޭގެއަކާ ބެހޭ ހުރިހާ މައުލޫމާތެއް އަލިފުން ޔާއަށް އެއްކޮށްގެންނެވެ. ސީލެވިއްޖެއެއްނޫން ހެއްޔެވެ!

އަހަރެންގެ ހިތުގައި މި ޝައްކެއް އުފެދޭތީ، އަހަރެންގެ މި ސިކުނޑީގައި މި ސުވާލުތަކެއް އެނބުރޭތީ އެ ހުރިހާ ވާހަކައެއް ކިޔައިދިނީމަ ރާޒިން ހީކުރީ އަހަރެން މޮޔަގޮވަނީ ކަމަށްވިއްޔާއެވެ. އެކަމަކު މިހާރު ދެން އޭނަ ކިޔާނީ ކީކޭ ހެއްޔެވެ؟ މިއޮތީ އޭނަ ގެއަށް ގެނެސް ވައްދައިގެން އުޅޭ ދެ މީހުންގެ ހުރިހާ ސިއްރެއް ހޯދައިފައެވެ. ރީތިވެއްޖެއެއް ނޫން ހެއްޔެވެ!

ވާހަކައެއް ބުނަން ހެއްޔެވެ! ދަރިއެއްގެ ހައްގުގައި މަޔަކު ދުވަހަކުވެސް މޮޔަ ވާހަކައެއް ނުދައްކާނެއެވެ.

އެކަމަކު ސަފާ އާއި އޭނާގެ ހާމުންޑިކަލޭގެ މިގެ އަށް އައިސް ތިބެ ސައްލާކުރަމުން އެ ގެންދަނީ މަގޭ މި ދަރިފުޅު ވަގަށް ނަގާނެ ގޮތަކާ ބެހޭ ގޮތުންނޭ ރާޒިން އަށް ކިޔައިދިނީމަ އޭނަ ޖަހާލީ ކުރު ހިނިގަނޑެކެވެ. އެކަމަކު މީޒާ ގެނެސްދިން ހުރިހާ ސިއްރު ލިޔެކިޔުންތަކެއް އަހަރެންގެ އަތުގައި މިހިރީއެވެ.

އެ ސަފާ އަކީ ނަރުހެއް ވެސް ނޫނެވެ. އެ ދެ މީހުންނަކީ ޝަހުސު އޮޅުވާލައިގެން ވައްކަންކުރުމާއި ހީލަތްހެދުމުގައި އެފަދަ ދެވަނައެއް ނެތް ބޮޑު ދެ މުޖުރިމުންނެވެ. ދެ ގާތިލުންނެވެ. މިހާރު ވެސް ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ފިލައިގެން އުޅޭ ނުރައްކާތެރި ދެ ކުށްވެރިންނެވެ. އަދި ވަކިން ހާއްސަކޮށް މީހުންގެ ލޯބި ލޯބި ތުއްތުކުދިން ވަގަށް ނަގައި އެ ކުދިންގެ ގުނަވަންތައް ބުރިކޮށް، ކައި، ވިއްކައި ވިޔަފާރިކޮށް ބޮޑުވެގެންވީ ޖަރީމާއެއްގެ ތެރެއަށް ނޭވާލަމުން ހެމުން ރާވަމުން ދިޔަ ދެ މީހުންނެވެ. ހަމަ އަސްލަށް ވެސް ޒުވާން ދެ އިންސާނުންގެ ސިފައިގައި ތިބި ބޮޑު ދެ ފުރޭތައެވެ.

ހިތަށް ވެއްދި ބިރުވެރިކަމާ އެކު އަނެއްކާވެސް އަހަރެން މަސައްކަތްކުރީ ރާޒިން އަށް މި ހުރިހާ ވާހަކައެއް ކިޔައިދީ ދަރިއަކު ދެކެ ލޯބިވާނެ ފުރިހަމަ ބައްޕައަކާއި އަންބަކު ދެކެ ލޯބިވާނެ ފުރިހަމަ ފިރިއަކަށް ވުމުގެ ފުރުސަތު އޭނާ އަށް ތަނަވަސްކޮށްދޭށެވެ. އެކަމަކު ދެން ވެސް އަހަރެންގެ މި އެއްވެސް ވާހަކައެއް އޭނާ ގަބޫލެއް ނުކުރިއެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ކަށަވަރުކުރުމަށް ހޯދައިދިން ފުރުސަތުގައި އޭނާ ޖެހީ ކޮޅުފައިންނެވެ.

މައްސަލަ އިތުރަށް ގޯސްކޮށްލި ހިސާބަކީ މިއެވެ.

އަހަރެން އެވަރަށް އެ ދެ މީހުންގެ ސިއްރުތައް ހޯދައި ރާޒިން އަށް އެ ހުރިހާ ވާހަކައެއް ކިޔައިދިނީމަ އޭނާ ގޮސް ގުޅުނީ އެ ދެ މީހުންނާއެވެ. އަޅެފަހެ މީހަކު ހަމަ އަޖައިބެއް ނުވާނެ ހެއްޔެވެ! އަލަތު ދަރިފުޅު ގޮވައިގެން ހަމަނިދި ނުލިބެ އުޅޭ މަޔަކަށް މީހަކު އަޅެފަހެ އެވަރުގެ ބޮޑު ފުރައްސާރައެއް ކުރާނެ ހެއްޔެވެ؟

ރާޒިން އަދި ހަމައެކަނި އެ ދެ މީހުންނާ ގުޅުނީކީއެއް ވެސް ނޫނެވެ. މީޒާ އެނބުރި އައިސް މަށަށް ކިޔައިދިން ގޮތުން ނަމަ ރާޒިން އަކީ ވެސް ސީދާ އެމީހުންގެ ތެރޭގައިވީ ސިއްރު އެޖެންޓެކެވެ.

މާތްކަލާކޯއެވެ! މަށަށް މި އިނދެވުނީ ކޮން ފަދަ ނުބައި އިންސާނަކާ ހެއްޔެވެ؟ އަލަތު ދަރިއާއެކު ހަމަނިދި ނުލިބި އުޅުނު މަޔަކަށް އިބަރައްބީ ތިޔަ ޖެއްސެވީ ކޮން ފަދަ ނުބައި ހާލެއް ހެއްޔެވެ؟

އެކަމަކު ކުރާނެ އެއްވެސް ކަމެއް ނެތެވެ. އަދި އަހަންނަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ. މީޒާ ވެސް އެންމެފަހުން ހައްޔަރުކޮށް ގެއްލުވާލައިފިއެވެ.

އެއަށް ފަހު އަހަންނަށް ހޭލެވުނުއިރު އަހަރެން އޮތީ ހުދުކުލައިގެ ހަތަރުފާރުހެން ހީވާ ކުޑަ ކޮޓަރިއެއްގައި ބަންދުކޮށް ދަގަނޑު އެނދަކަށް އަރުވައި ހަތަރެސްފައިގައި ހިލިހިލާ ޖަހައި ދަމައި ވާންކޮށް މައިތިރިކޮށްފައެވެ. ހޭލެވި ހޭވެރިކަންވިއިރު އެއްކަލަ ސަފާ އާއި އޭނާގެ ހާމުންޑިކަލޭގެ އަހަރެންގެ މި ކޮޓަރި ތެރޭގައި ހަރަކާތްތެރިވެ މިތަނުގެ ތެރޭގައި ހުރި މެޝިންތަކާ ކުޅެ އަނގަތަޅަމުން ގެންދަނީއެވެ. އިރުކޮޅަކުން އައިސް މި ކޮޓަރިއަށް ވަނީ ރާޒިން އެވެ. އެންމެން ވެސް ތިބީ ހުދުކުލައިގެ ދިގު ކޯޓުތަކެއް ލައިގެންނެވެ. ހިތުން ހުސް ޑޮކްޓަރުންނެވެ.

އެކަމަކު އަހަރެން މިހާރު މި އިންތިޒާރުކުރަނީ އައު ޚަބަރަކާއިގެން އަހަރެންގެ އެކުވެރި މީޒާ މި ކޮޓަރިއަށް އަންނާނެ އިރަކަށެވެ. އަހަރެންގެ ދަރިފުޅަށް ވީނުވީއެއް ހޯދަން އޭނާވީ ގޮހެވެ. އެންމެފަހުން އޭނާ އަހަރެންގެ ސިކުނޑިއަށް ފޮނުވި ޖާސޫސީ މައުލޫމާތު ބުނާ ގޮތުން ނަމަ އަހަރެންގެ ދަރިފުޅުވީ އާސަހަރާއޭ ކިޔުނު ސިއްރު ބިމެއްގައި ވަޅުލައި ފޮރުވައިފައެވެ. އަދި މިއޮތްހާ ދުވަހު އަހަރެންގެ އަތަށް މި މީހުން ދީގެން އުޅުނީ ކުޅޭކުޅޭ ބުދުގަނޑެކެވެ.

ކަލޭމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!

މީޒާ އެނބުރި އައިސް މި ކޮންކްރީޓް ފާރުތަކުގެ ތެރެއިން އަހަރެން ސަލާމަތްކޮށްގެން ގެންދިއުމުން ކަލޭމެން އެންމެންގެ ދުވަސް މިފަހަރު ދުއްވާލާނަމެވެ. އެކަކު ވެސް ސަލާމަތެއް ނުވާނެއެވެ! ހަމަ އެކަކު ވެސް ސަލާމަތެއް ނުވާނެއެވެ!

މެޝިންތަކާ ކުޅެން ތިބެފައި ރާޒިން އާއި އެ ސަފާގަނޑައި ހާމުންޑިގަނޑު ނުކުމެގެން ހިނގައްޖެއެވެ. އަހަރެން އޮތީ ނިދާ ކަމަށް ހެދިގެން ދެ ލޯ މަރާލައިގެންނެވެ. ލޯހުޅުވާލި އިރު ސީލިންގުން މަށާ ދިމާލަށް ބޯދިއްކޮށްލައިގެން އޮތީ އެކުވެރި މީޒާއެވެ.

އަހަރެންގެ ގައި މައްޗަށް ފުންމާލައި އޭނާ އަހަރެންގެ ބޮލަށް ވަދެ ސިކުނޑި ތެރޭގައި ހަމަޖެހިލިއެވެ. އޭނާ ބުނާ ގޮތުން ނަމަ މިއީ އަހަރެމެން ދެ މީހުންނަށް ވެސް މިތަނުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތެވެ.