24 ޑިސެމްބަރ 2016 - 17:41

ލާގޯސް (ޑިސެމްބަރު 24) - ނައިޖީރިއާ އަށް އެތެރެކުރަން އުޅުނު ގާތްގަނޑަކަށް ތިން ޓަނުގެ "ޕްލާސްޓިކް ހަނޑޫ" އެ ގައުމުގެ ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.
"ބެސްޓް ޓޮމާޓޯ ރައިސް"ގެ ނަމުގައި ނައިޖީރިއާ އަށް އެތެރެ ކުރަން އުޅުނު 100 ބަސްތާ ފޭކް ހަނޑޫ ވަނީ ހިފަހައްޓައިފަ އެވެ. ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމަށް އެތެރެ ކުރަން އުޅުނު ހަނޑުލަކީ ޕްލާސްޓިކް ނޫން ކަމަށާއި އޭގައި ވިހަ ވެސް އެކުލެވިގެން ނުވާ ކަމަށެވެ. އެ ގައުމުގެ ފުޓް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން ކޮންޓްރޯލް އެޖެންސީގެ ރިޕޯޓް އަދި އާއްމުކޮށްފައެއް ނުވެ އެވެ.
ކަސްޓަމްސްގެ އޮފިޝަލުން ދިން މައުލޫމާތާއި ހެލްތު މިނިސްޓްރީގެ ބަޔާން ފުށުއަރަ އެވެ.
ފެޑެރަލް އޮޕަރޭޝަންސް ޔުނިޓުން ބުރާސްފަތި ދުވަހު ބުނީ ނައިޖީރިއާ އަށް އެތެރެ ކުރަން އުޅުނު ހަނޑުގައި ޕްލާސްޓިކް ހިމެނޭ ކަމަށެވެ. އަދި ޓެސްޓްތަކުން ވެސް އެކަން ދައްކާފައިވާ ކަމަށާއި އެ ހަނޑޫ ކާ މީހުންނަށް ވާނެ ގޮތް ދެނެވޮޑިގެންވާނީ ކަލާނގެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕްލާސްޓިކް ހަނޑޫ ބަސްތާތައް ނައިޖީރިއާ އަށް އެތެރެކުރި ތަނެއް ނޭނގެ އެވެ.
ނައިޖީރިއާގެ މައިގަނޑު ކެއުމުގެ ބާވަތަކީ ބަތެވެ. އެ ގައުމުގެ ރައްޔިތުން އަހަރަކު ހަ މިލިއަން ޓަނުގެ ހަނޑޫ ބޭނުންކުރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި ހަނޑޫ އެތެރެ ކުރަން ނައިޖީރިއާ އިން އަހަރަކު އެއް ބިލިއަން ޑޮލަރު ހޭދަކުރާ ކަމަށް އެ ގައުމުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވެފައިވެ އެވެ.