20 އެޕްރީލް 2022 - 07:50

ރާޅާ އަޅަން ދަނީ ވަކަރުގޭ ކުދިންނޭ ބުނެ އަޑުފެތުރި ދުވަސްތައް މާޒީއާ އެކުވެއްޖެ އެވެ. ރާޅާ އަޅަނީ، ވިއްސިވިހާލިވެގެން އުޅޭ ބައެކޭ ބުނި ޒަމާން ހިނގައްޖެ އެވެ. އެ ވިސްނުން ބަދަލުވެ ރާޅާ އެޅުމަކީ ޕްރޮފެޝަނަލް ގިންތިއެއްގައި ކުރެވޭނެ ކަމެއް ކަމަށް އެންމެންނަށް ގަބޫލު ކުރެވެން ފެށި ސަބަބަކަށްވީ ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި) މެން ފަދަ އުމުރުން ހަގު އެތުލީޓުން ރާޅުތައް މަތީގައި އުދުހެން ފެށި ހިސާބުންނެވެ.

ކަޔާންގެ ބައްޕަ ހަމްދާން ޒަކީ ބުނިގޮތުގައި އުމުރުން އެންމެ ނުވަ އަހަރުގައި ކަޔާން ރާޅާ އަޅަން ފެށުމުގެ ކުރިން، ދެ ފަރާތުގައި އާއިލާގައި ވެސް ރާޅާ އަޅަން ދިޔަ އެކަކު ވެސް އަދި އެކަމަށް ހިލާޔުކުރި މީހަކު ވެސް ނެތެވެ. އުމުރުން އެންމެ ދެ އަހަރުގައި ކަޔާން މޫދަށް ގެންދަން ފެށީ، ހަމްދާން އަކީ އޭރު ޑައިވަރެއް ކަމަށް ވުމުންނެވެ.

ސްކޫލް މަރުހަލާގެ ފުރަތަމަ ދެތިން އަހަރު ލަންކާގައި ކިޔެވުން ކުރިއަށް ގެންދިޔަ ކަޔާން، 11، ވަނީ ލަންކާގައި ޖޫނިއާ ފުޓްބޯޅަ އަދި އެތުލެޓިކްސްގައި ވާދަކޮށް އުމުރުފުރާ ލެވަލްގެ ކާމިޔާބުތައް ވެސް ހޯދައިފަ އެވެ. އޭނާގެ އާއިލާ މާލެ އަށް ބަދަލުވެ، ކުރީގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ މޯނިގްސަން މޫސާ މަނިކުގެ (ކުޑަ މޫސަ) ކޯޗުކަމުގެ ދަށުގައި ސޮކަ މޭޓްސްގެ އެކަޑަމީއަށް ވެސް ކަޔާން ގެންދިޔަ އެވެ.

"ފުޓްބޯޅަ ވެސް ހަމަ މޮޅަށް ކުޅޭ. އެތުލެޓިކްސްގައި ވެސް ވަރަށް ރަނގަޅު. އެކަމަކު ރާޅާ އެޅުމަށް ބަދަލުވީ އަޅުގަނޑުމެން މާލެ އަށް ބަދަލުވިފަހުން،" ކުރީގެ މިނިސްޓަރު އިބްރާހިމް ހުސައިން ޒަކީގެ ދަރިފުޅު ހަމްދާން ކިޔައިދިނެވެ.

"ހުޅުމާލޭ ބީޗް ސަރަހައްދުގައި އެއްދުވަހަކު އަޅުގަނޑު ވެސް ކޮންމެވެސް މަސައްކަތެއްގައި އުޅުނީމަ ކަޔާން މޫދަށް އެރުވީ. ދެން އިރުކޮޅަކުން އަޅުގަނޑަށް މިފެންނަނީ ބޯޑެއްގެ މަތީގައި ރާޅާ އަޅަން ހުއްޓާ. އޭރު ވާނީ އެންމެ ނުވަ އަހަރު. ދެން އަޅުގަނޑު ބުނިން އައްދޭ ތީކޮންތާކުން ދަސްކުރި ކަމެއް ހެއްޔޭ. ގައިމު އަޅުގަނޑު ދުވަހަކު ވެސް ކުރުވަން ހިތަށް އެރުވި ކަމެއް ވެސް ނޫން."

ހަމްދާން ގަބޫލުކުރާ ގޮތުގައި ރާޅާ އެޅުމުގެ ހުނަރަކީ އޭނާގެ ދަރިފުޅަށް ގުދުރަތީގޮތުން ލިބުނު ހުނަރެކެވެ. ކަޔާން ގެންދިޔައީ ފުޓްބޯޅަ އާއި އެތުލެޓިކްސް ކޯޗުން ކައިރި އަށެވެ. އޭގެ ކުރިން ދުވަހަކު ވެސް ސާފިން ކޯޗެއް ކައިރި އަށް ނުގެންދެ އެވެ. އެކަމަކު ކުއްލިއަކަށް ރާޅެއްގެ މަތީގައި ބޯޑެއް ހިފައިގެން ފުމެމުން އުދުހެމުންދާތަން ފެނުނު ހިސާބުން ކަޔާންގެ ހުނަރު، ހަމްދާން އަށް ފާހަގަ ކުރެވުމުން ކޯޗަކު ހަމަޖެއްސި އެވެ.
އެންމެ ފުރަތަމަ ކައި އަށް ކޯޗުކޮށް ދިނީ ހަސަން އައްމާން އެވެ. އެއަށް ފަހު އަހްމަދު ޝާޒް (މައިކު) އެވެ. މިހާރުގެ ކޯޗަކީ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ.
ސާފިންގައި އޭނާ އެންމެ ބޮޑަށް ފޮލޯ ކުރަނީ ވެސް ކުޑަ އިއްސެ އާއި އިސްމާއީލް ރަޝީދު (ސްމައިލީ) ކަމަށް ކަޔާން ބުންޏެވެ.
ފުޓްބޯޅަ އަށް ވުރެ ސާފިން އަށް ކަޔާންގެ ޝައުގުވެރިކަން ހުރިކަން، ހަމްދާން އަށް އެނގުނީ ކަޔާންގެ ފަރާތުން ފެނުނު އާދާޔާހިލާފް އިސްނެގުމުގެ ސަބަބުން ކަމަށް ހަމްދާން ބުންޏެވެ.
"އަޅުގަނޑު ވެސް ނިދައިފަ އޮންނައިރު ފަތިހު ގޮވާނެ ބައްޕާއޭ 5:30 ގަ ނޫންހޭ އެންމެ ރަނގަޅު ޓައިޑްތައް ލިބޭނީ ވެސް ޓްރޭނިން އަށް ދާން ހިނގާށޭ. ދެން ކުއްޖެއްގެ ޝައުގުވެރިކަން އެވަރަށް ހުންނައިރު މައިންބަފައިންނަށް ވެސް ނޯވެވޭނެތާ ނިދާކަށް. އަޅުގަނޑުމެން ވެސް ތެދުވެގެން އަންނަނީ މީނަގެ ޓްރޭނިން އަށް،" ކަޔާންގެ ޝައުގުވެރިކަން ސާފިން އަށް ހުރި މިންވަރު ހާމަކޮށް ދިނުމުގެ ގޮތުން ހަމްދާން ބުންޏެވެ.
ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ސާފިންގެ ޓްރޭނިންތައް ކަޔާން ކުރިއަށް ގެންދެ އެވެ. ފަތިހު 5:30 ގައި ޓްރޭނިން ފަށައި ހެނދުނު 7 ޖެހުމުން ޓްރޭނިން ނިންމާލަނީ 8 ޖަހާއިރު ސްކޫލަށް ދިއުމަށެވެ. އަނެއްކާ ވެސް މެންދުރު ފަހުން ޓްރޭނިން އަށް ހުޅުމާލޭ ރާޅުތަކުގެ ތެރެއަށް ނުކުމެ އެވެ.
"ވީކެންޑް ކަމަށް ވަންޏާ އަޅުގަނޑުމެން ދަނީ ތުލުސްދު އަށް. ސްކޫލް އޮންނަންޏާ ކޮންމެ ދުވަހަކު ވެސް ދެ ގަޑިއެއްގައި ޓްރޭނިން ހަދައިގެން ހަތަރު ގަޑިއރު ހަމަ ކުރަނީ،" ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ ގުރޭޑް 6 ގައި ކިޔަވަމުން އަންނަ ކަޔާންގެ ޓްރޭނިންތަކާ ބެހޭގޮތުން ހަމްދާން ބުންޏެވެ.
ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އުފަންވީ، ރާޅާ އަޅާ މީހުންނަކީ ވަކަރުގޭ ކުދިންކަމަށް ސިފަކުރެވުނު މާހައުލުގެ ތެރެއިން ކަމަށް (އެމްއެސްއޭ) ގެ ރައީސް މުހައްމަދު ސޮބާހް ވިދާޅުވެފައި ވެއެވެ. ސަރުކާރުގެ ރަސްމީ އިދާރާތަކުގައި ވެސް ދާދި ފަހަކާ ޖެހެންދެން އެކަމާމެދު ދެކެމުން އައީ އެގޮތަށެވެ. ކަޔާން ވެސް ރާޅުތަކުގެ ތެރެއަށް ފުންމާލިއިރު އޮތީ އެކަހަލަ ހާލަތެއްގަ އެވެ. އެކަމަކު އެޓެގުން އޭނާ ސަލާމަތްވި އެވެ. އޭނާ ނިސްބަތްވީ ރާއްޖޭގެ ގަދަރުވެރި ދެ އާއިލާ އަކަށެވެ. ގ. ވަކަރުގެ އަށް ކަޔާންގެ މަންމަ ނިސްބަތްވިޔަސް، ބައެއް މީހުން ސިފަ ކުރާ "ވަކަރުގެ" ޓެގެއް އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ ގައިގައި ނުޖެހުނެވެ. ސްކޫލްގައި އޭނާގެ ވިދުންގަދަ އެވެ. ނަތީޖާތައް ރަނގަޅެވެ.
"ޗޭ [އެމްއެސްއޭގެ ރައީސް ސޮބާހް] ގެ ތިވާހަކަ އަޅުގަނޑު ނަގާނީ ތަންކޮޅެއް ސަމާސާކޮށް، އަދި ކިރިޔާ ވަކަރުގޭ ކުއްޖަކު ރާޅާ އަޅަން ފެށީ. އެ ކުއްޖަކީ ކައި،" ގ. ވަކަރުގެ އަށް ކަޔާންގެ މަންމަ ނިސްބަތްވާކަން ފާހަގަކޮށް، ހެމުހެމުން ހަމްދާން ބުންޏެވެ.
ރާޅާ އެޅުމާމެދު މީހުން ދެކޭ ގޮތް ބަދަލުވީ، ކަޔާން ކަހަލަ ސްކޫލްގައި ވެސް ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ރާޅާ އެޅުުމުގެ ތެރެއަށް ވަން ހިސާބުންނެވެ. ފަރުމަންތާ ޗެލެންޖާއި ގައުމީ މުބާރާތުގައި އަދި ސާފިން ލީގުގެ ފުރަތަމަ މުބާރާތުގައި ކަޔާން އާއި ބައެއް އެހެން ޒުވާން ސާފަރުން ވާދަކުރަން ފެށި ހިސާބުން މިކުޅިވަރުގައި ވެސް އޮތް ސްކޯޕް އާންމުންނަށް ފެންނަން ފެށި އެވެ.
"ހަގީގަތުގައި ކައި އެކަންޏެއް ވެސް ނޫން. ދެތިން ހަތަރު ކުއްޖެއް މީގެ ތެރެއަށް ވަނުމުން ސާފިން އާމެދު އެންމެން ދެކޭ ނުރަނގަޅު ވިސްނުން ބަދަލު ވާން ފެށި. ކައި ވެސް އޭގެ ތެރޭގައި ހިމެނޭނެ،" ހަމްދާން ބުންޏެވެ.
އެހެން ކުދިންގެ ބެލެނިވެރިން ވެސް އެކަމަށް ޝައުގުވެރިވެގެން އެވާހަކަ އޭނާ ކައިރީ ދައްކާކަން ހަމްދާން ފާހަގަ ކުރި އެވެ.
"ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ޓްރޭން ކުރަން. އެއީ ޑްރީމެއް އެޗީވް ކުރަން،" ފެބްރުއަރީ މަހު ލަންކާގައި ބޭއްވި މަމްބޯސް ޖޫނިއާ ސާފިން މުބާރާތުގައި ހަތަރު ވަނަ ހޯދި ކަޔާން ބުންޏެވެ.
އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ސްޕޮންސާޝިޕް ފުރުސަތުތައް ކަޔާން އަށް ލިބެން ފެށި ހިސާބުން އެހެން ބެލެނިވެރިންގެ ވިސްނުން ވެސް ބަދަލުވި އެވެ.
"މިހާރު އެންމެންނަށް މިކަން ރީތި ވެއްޖެ،" ހަމްދާން ބުންޏެވެ. "ވަކަރުގޭ ކުއްޖެކޭ ކިޔާ އަޑެއް ނާހަން. ސްކޫލުން ވެސް ވަރަށް ކޯޕަރޭޓިވް."
މިދިޔަ އަހަރު ބޭއްވި ގައުމީ މުބާރާތުގައި ވާދަކޮށް ހަތަރު ވަނަ ހޯދުމުން އެމެރިކާގެ ޕާފިއުމް ބްރޭންޑް "ސަންބަމް" ގެ ސްޕޮންސާޝިޕް ލިބުނު ކަޔާން ބުނީ ސާފިންގައި މިހާތަނަށް ހޯދުނު ކުރިއެރުންތަކަކީ ގިނަ ބައެއްގެ ހެޔޮ ދުއާ އާއި އެހީތެރި ކަމާއެކު ހޯދުނު ކާމިޔާބުތަކެއް ކަމަށެވެ.
ރާއްޖޭގެ ޖޫނިއާ ސާފިން ޓީމުގެ އެންމެ ޒުވާން އެތުލީޓް މިއަހަރު ވެސް ވަނީ ބޭރުގެ އިތުރު ދެ މުބާރާތެއްގައި ވާދަކުރަން ތައްޔާރު ވެފަ އެވެ.
"ބާލީ އާއި މޮރިޝަސް އަށް އަޅުގަނޑުމެން ޕްލޭން މިކުރަނީ،" ހަމްދާން ބުންޏެވެ.
ބިގް ވޭވް ރައިޑިންގައި ދުނިޔޭގައި އެންމެ ފާހަގަ ކުރެވޭ އެތުލީޓް އެމެރިކާގެ ޝޭން ޑޯރިއަންގެ ޓްރޭނިންތަކެއް މިދިޔަ އަހަރު ކަނޑޫމާ ރިސޯޓްގައި ބާއްވާކަން އެނގިގެން ކަޔާން އޭނާގެ ބައްޕަ ކައިރީ އެވާހަކަ ދެއްކި އެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ސާފަރުން، އެ ޓްރޭނިން ޕްރޮގްރާމަށް ކަނޑޫމާ ރިސޯޓަށް ދިޔަ އެވެ. ޓްރޭނިން ޕްރޮގްރާމްގައި ބައިވެރި ވެވެނީ 7000 ޑޮލަރު ދެއްކުމުންނެވެ. އެކަމަކު އެވަރުގެ އަދަދެއް ދެއްކޭނެހާ ފައިސާއެއް އެވަގުތު ހަމްދާންގެ އަތުގައި ނެތެވެ.
ޓްރޭނިން ކުރިއަށް ދިޔަ ދުވަސްވަރު ކަނޑޫމާ ރިސޯޓްގެ ރޫމެއް ހިފައިގެން ހަމްދާން އާއި ކަޔާން އެ ރިސޯޓަށް ދިޔަ އެވެ. ރިސޯޓްގައި ކަޔާން ރާޅާ އަޅާ މަންޒަރު ޝޭން ޑޯރިއަން ފެނުމުން، ކަޔާންގެ ހުނަރު އޭނާ އަށް ޝައުގު ވެރިވި އެވެ.
"ކައިގެ ހުނަރު ފެނުނީމަ ޝޭން އަމިއްލަ އަށް ނިންމީ އެއް ވެސް އަގަކާ ނުލައި ޓްރޭނިން ޕްރޮގާރްމާގައި ބައިވެރި ކުރަން،" ހަމްދާން ބުންޏެވެ.
- ސާފް ލީގުގެ ގައްދޫ މުބާރާތުގެ ހަތަރު ވަނަ
- ގައުމީ މުބާރާތުގެ ހަތަރުވަނަ
- ފަރުމަންތާ ޗެލެންޖުގެ ފައިނަލް
- ލަންކާގެ ހިއްކަޑުވާ މަމްބޯސް ޖޫނިއާ މުބާރާތުގެ ހަތަރު ވަނަ
- ޖޫނިއާ ގައުމީ ޓީމަށް ހޮވުނު އެންމެ ޒުވާން އެތުލީޓް
ކަޔާންގެ އުންމީދަކީ އޭނާގެ އުމުރުން 15 އަހަރުގައި ވޯލްޑް ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަކުރަން ފުރުސަތު ހޯދުމެވެ.