24 ޑިސެމްބަރ 2016 - 16:54

ކ. ވެލައްސަރު ރިސޯޓުގެ މުވައްޒަފަކު ޓޫރިސްޓުންތަކެއްގެ މައުލޫމާތު ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެ ރިސޯޓް ހިންގާ ޔުނިވާސަލް އެންޓަޕްރައިސަސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ފެންމަތިވެގެން ބެލި އިރު، ގެސްޓުންގެ ޑޭޓާތަކެއް ހޯދަން އޮންނަ އުސޫލްތަކާ ހިލާފަށް ނަގާފައިވާ ކަމަށެވެ.
"އެ ކަމުގައި ބައިވެރިވި މީހުން ހުރީ ޕީސީތަކުން ސްކްރީންޝޮޓްތަކެއް ނަގާފައި. އަދި މީހުންގެ ޕާސްވޯޑްތަކެއް ވެސް ނަގާފައިވޭ. އެކަމަކު ރިސޯޓުގެ ޑޭޓާތަކެއް ނެތް،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރި އިރު، އެއްވެސް ގެސްޓެއްގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ނަގާފައި ނުވާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ގެސްޓެއްގެ ފަރާތުން ޝަކުވާއެއް ވެސް ލިބިފައި ނުވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ވެސް ބަލަމުން އަންނަ ކަމަށް އެނގިފައިވެ އެވެ. އެކަމަކު، މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މާލެ އަތޮޅުގެ ދެކުނުގައި އޮންނަ ފަސް ތަރީގެ މި ރިސޯޓުގައި 129 ކޮޓަރި ހުރެ އެވެ.