18 އެޕްރީލް 2022 - 12:39

މީހެއްގެ ފިރިއަކާއެކު ލޯބީގެ ކުޅިގަނޑެއްގައި ތާށިވެ ހިރިނުލެވިފައިވާ އަންހެނަކަށް ދިވެހިބަހުން ކިޔާނީ ކީކޭ ހެއްޔެވެ؟ ނުވަތަ ކިޔަނީ ކީކޭ ހެއްޔެވެ؟ ހުއްސަރިބައި އަންހެން ކުދިން ކައިރިއަށް ފިރިހެނުން ދާ ދިއުމަށް ކިޔައި އުޅެނީ ކަޅަށްޖެއްސުމެވެ. ނަމަވެސް ބަސްފޮތާއި ރަދީފު ހާވައި، އިރައި ކުދިކޮށްގެން ވެސް މި ލޯބީގެ ކުޅިގަނޑު އަހަރެންގެ ނަޒަރަށް އަނބުރާލީމަ، އަޅުގަނޑުގެ މި ޕޮއިންޓް އޮފް ވިއު އަށް އަނބުރާލީމަ އެއަށް ކިޔާނެ ނުވަތަ ދޭނެ ނަމެއް ވެސް ނުފެނުނެވެ.
އެހެންވީމަ، އަންހެނެއްގެ ހިތް މީހެއްގެ ފިރިއަކަށް ބަންޑުންނުވާނޭ ކަމަށް އަހަރެމެން ގަބޫލުކުރަނީ ހެއްޔެވެ؟ ނުވަތަ އެއީ ދައްކަން ހެޔޮނުވާވަރުގެ ވާހަކައަކަށްވީމަ އެ ލޯބީގެ ދުނިޔެއަށް ބަސްކޮށާރުން ދަތިކުރުމުގެ ފިޔަވަޅު އެޅީ ހެއްޔެވެ؟ ނުވަތަ އެފަދަ ފިރިއެއްގެ ވާހަކަ އަންހެނަކު މީހަކަށް ސިފަކޮށްދީފާނެތީ އެ ސިފަކުރުމެއް ވުޖޫދުގައި ވެސް ނެތީ ހެއްޔެވެ؟ ނުވަތަ މީހުންނާ އިނދެގެން ތިބޭ ފިރިހެނުން ވެސް ހިލޭ އަންހެނުން ހޯދާކަން ބޭޒާރުވެ ސޯޓުބޭލިދާނެތީ ބިރުން އުޅެނީ ހެއްޔެވެ؟ ކަޅަށް ޖެއްސުމުގައި ވެސް މީހަކާ އިނދެގެން އުޅޭ ފިރިއެއްގެ ވާހަކައެއް ނެތެވެ.
ފިރިހެނުންގެ މި މަތިވެރިކަމާއި އެމީހުންގެ ހިތުގައި އުފެދޭ ކަމަށް ބުނާ ސާފު ތެދުވެރި ލޯބި ސިފަކޮށްދޭން ބައިވަރު ލަފުޒާއި މަޒާޖާއި މަހުރަޖު އެމީހުން އަމިއްލަ އަށް އުފަންކޮށްފައި އެބަހުއްޓެވެ. އަދި ހަމަ އެ ދަރަޖައިން އަންހެނާގެ އިއްޒަތާއި އަބުރު ވެއްޔާ މޮޑެލުމަށް ވެސް ފިސާރި ތޫނު ބަސްކޮށާރެއް ހަނުލާފައި އެބައޮތެވެ. މިސާލަކުން ނިންމާލާނަމަ 'ހަވަރުތުންފުއްސެވެ'.
ނޫނެކެވެ. އަހަރެން މިއީ އެއްގޮތަކަށް ވެސް ހަވަރުތުންފުއްސެއް ނޫނެވެ. އެކަމަކު ތެދެކެވެ. އަންހެނުންނަކީ އަބަދުވެސް ހާކާލިބުރުވާލިއެވެ. ފިރިހެނުންގެ މި ބަސް ފޮތުގައި ހަމަ ރަނގަޅަށް ވެސް ހަރާމުޖާދާއިންނެވެ.
އެކަމަކު ހާސްވާނެ ކަމެއް ނެތެވެ. ހާސްވާންޖެހޭ ވަރުގެ ކަމެއް ވެސް ނެތެވެ. އަހަރެން ކިޔައިދޭން މި އުޅެނީ އަހަންނަށް މީހެއްގެ ފިރިއަކު ދެކެ ލޯބިވެވުނު ގޮތާއި މި ބަލިއެނދުގައި ހިރިނުލެވި އޮންނަން ޖެހުނު ގޮތެވެ. އަހަންނަށް މިއީ ހަމަ ލޯބީގެ ވާހަކައެކެވެ. މިހެން ބުނީމަ ބައެއް ފިރިހެނުން ކަޅިއުކައި ކަޅިއަޅާނެވެ. އަންހެނަކު ކަޅިއެޅީމަ އެމީހާ ވާނީ ހާމުންޑިއަކަށެވެ. ނުވަތަ އެއީ ހާގެރަގަނޑެކެވެ.
ހާގެރަ އެއީ ކޯއްޗެއްކަން އެނގޭ ހެއްޔެވެ؟ އެއީ ދުރުދުރުގައި ދެރަވަރުކޮށް ސިފަ ހުތުރުކޮށް ހެދިފައި ހުންނަ ރުކަށް ފުވައްމުލަކާއި އައްޑޫ މީހުން ކިޔާ ނަމެކެވެ.
އެހެންވީމަ އަންހެނެއްގެ ދޭސީ، ވިޔާނުދާ ހުރިހާ ވާހަކައެއް އޭގެ ސާފު ހުތުރުކަން ސިފަކޮށް އަގުވައްޓާލެވޭނޭހެން ކިޔައިދޭން ބޭނުން ނަމަ ބައިވަރު ލަފުޒާއި މިސާލާއި މަޒާޖު އެބަހުއްޓެވެ. އަހަރެންގެ އަލަތު ފިރިމީހާ އަދި ކުރީގެ ފިރިމީހާ ވަރި ސާބިތުކުރުމަށް ކޯޓަށް ގެންދިއުމުން ގާޟީ އަށް ދެންނެވީ އަހަރެން މިއީ ތަނުއެޅިކުނަލެއްހެން ހީވާ އަންހެނެކޯލައެވެ.
އެ ބުނި އެއްޗެއް އަހަރެންގެ މި 'އަންހެން' ސިކުނޑިއަށް ފަހުމުވީ ހަމަ އަސްލު ވެސް، އިއްދައިންކެނޑުނުފަހުންނެވެ.
ބުރުސޫރައިގައި އަހަންނަކީ އަބަދުވެސް ހިމަތޮޅިމީހެކެވެ. ޖިސްމާނީގޮތުން ރީތިކޮށް ތިބޭ އަންހެނުން ސިފަކުރުމަށް ބަސްކޮށާރުގައި ރިޒާވުކޮށްފައިވާ އެއްވެސް ލަފުޒެއްގައި ލައްވާލާ ކަހަލަ ސިފައެއް، ނަމްބަރެއް ނޫނެވެ. ތަނުއެޅިކުނަލެއްހެން ހީވާ އަންހެނެކޭ ބުނީމަ އަހަރެން ހަމަ އަސްލަށް ވެސް ހީކުރީ އަހަރެން ހެދިހުރި ބައްޓަމާއި ސިފަ ހުތުރުވެގެން، ހިތްޕުޅާ ނުވެގެން، ކޯފާއިސްކުރައްވައި ސަމަދުﷲ އަހަރެން ވަރިކޮށްލާފައި ދިޔައީ ކަމަށެވެ.
އެހެން ހީނުވާންވީ އަޅެ ކީއްވެގެންތޯއެވެ؟ ފުރިހަމަ ބައްޓަން ނުލިބޭ، ވަރަށް ހިކިކޮށް ހުތުރުކޮށް ތިބޭ އަންހެނުން ސިފަކުރުމަށް ކިޔައިއުޅެނީ ހިކިބިލަމަގެވެ. އެހެންވީމަ ތަނުއެޅިކުނަލަކީ ކޮބައިކަން، މިހައި ހުތުރު ދަރަޖައަކަށް ވައްޓާލާފައިވާ ސިފަ ހުތުރު އަންހެނަކަށް ހަމަ އޮޅިދާނެއެއް ނޫން ހެއްޔެވެ؟
އަސްލަންއާ ބައްދަލުވީ އެހެން އުޅެނިކޮށެވެ. އޭނާ އަކީ ނަމުގައި އެ ބުނާ ސިންގާއެއް ނޫނެވެ. އެކަމަކު ބަހުގައި، އަހަރެން ދުވަހަކުވެސް ނުދެކޭ ވަރުގެ ސިންގާއެކެވެ. ދިވެހި ބަހުގެ މުދައްރިސެކެވެ. އަހަރެން އޭނާ އަށް ލޯބިން ކިޔައި އުޅޭ ނަމަކީ 'ހުދުސިންގާ' އެވެ. އެއީ ރަސްމީ ބައްދަލުވުންތަކުން ފެންނައިރު އޭނާ އަބަދުވެސް ލައިގެން ހުންނަ ހުދުގަމީހަށް ނިސްބަތްކޮށް ކިޔަން ފެށި ނަމެކެވެ. އަދި ހަނދާން ނެތުނީއެވެ. އަސްލަން އަކީ މޯޓިވޭޝަނަލް ސްޕީކާއެއް ވެސްމެއެވެ. ލައިފު ކޯޗުން ތިބެއެއް ނޫންހެއްޔެވެ؟ އޭގެ ވެސް މީހެކެވެ. އޭނާގެ ހުދު ގަމީސްތަކަށް އެންމެ ހާއްސަ ޝޯއަކީ ވެސް އެއީއެވެ.
މަށަށް އޭނާ އެގޮތަށް ކިޔާ ނަމަކީ 'ޖަމްބުމާ' އެވެ. އާނއެކެވެ. އަހަރެން މިހާރު ވެސް މިހިރީ ތުއިވެ ލަދުގަނެފައެވެ. އެކަމަކު އެއީ ޖަމީލާއޭ ކިޔާތީ ކިޔާ ނަމެއްކަން ޔަގީނެވެ. ޖަމްބުމަލެއްހާ ރީއްޗޭ ބުނަން ކިޔާ ނަމެއް ނޫންކަން މަށަށް ހަމަ ޔަގީނެވެ. މަގޭ ކުރީގެ ފިރިސޮރު މަށަށް ކިޔައި އުޅުނީ ތަނުއެޅިކުނަލޭ ވެސް އަހަރެން މީނަ ކައިރީގައި ބުނީމެވެ. އެ ދުވަހު ހޭން ފެށި ގޮތަށް ކޮށިއަރައިގެން ގޮސް ހަވީރުގެ އެ ސައި ވެސް ރަނގަޅަކަށް ނުބޮވުނެވެ.
އެކަމަކު އަހަންނަށް ވުރެ ހުރިހާ ގޮތަކުން ވެސް މަޖާވެފައި ސަކަ މިޒާޖެއްގެ ވެރިޔަކީ އަސްލަންއެވެ. އޭނާގެ ޖާދޫގައި އެހާ ގިނަ މީހުން ޖެހޭ ސަބަބަކީ ވެސް އެއީއެވެ. ނަމަވެސް އޭނާ ލައިގެން ހުރި ގަމީހަށް ވުރެ އަބަދުވެސް އަހަންނަށް ރީތިވީ އެ ސިކުނޑިއެވެ. އޭނާގެ އަޑާއި ވާހަކައިގައިވީ ރާގުތަކަށްވުރެ އޭނާ ދެއްކި ވާހަކައެވެ. ވަރަށް ސްމާޓް އަދި އިންޓެލިޖެންޓް މީހެކެވެ. ފުރާފުރިހަމަވެފައިވީ އިންސާނެކެވެ. ވަކިން ހާއްސަކޮށް އޭނާގެ ޅައުމުރާއި ޒުވާންކަމާ އަޅާ ބަލާއިރު މުޅިން އެހެން ލެވެލްއެއްގައި އޭނާގެ މިޒާޖާއި ވާހަކަ ދެއްކުން ހުރި ލީޑަރެކެވެ.
މިހެން ބުނީމަ މިހާރު އެންމެންގެ ވެސް ހިތަށް އަރާނީ އެހެންވީމަ މި ޖަމީލާއަކަށް މިހާރު ކިތައް އަހަރެއް ވެދާނެތޯއެވެ؟ ބުނަން ހެއްޔެވެ؟ މަމީ ތަނުއެޅިކުނައުގަނޑެކެވެ. މަށަށްވީ އުމުރެއް ބަލާނެ ކަމެއް ނެތެވެ. އެކަމަކު އަސްލަން މަށަށް ވުރެ ފުދޭވަރަކަށް ހަގެވެ. އޭނާގެ އުމުރު ވެސް މަ ބުނެފާނަމެވެ. ސާޅީސް ތިނެކެވެ.
ޖޭވާނެ ކަމެއް ނެތެވެ. އަސްލަން އަށް ވުރެ މާ ޒުވާން ކުއްޖެއްގެ ވާހަކަ ވެސް އަދި ކުރިއަށް އެބައޮތެވެ. އެކަމަކު މި ޗެޕްޓާ ނިމެންދެން ހިނގާބަލާށެވެ.
އަހަރެން މިއީ ސަރުކާރު އޮފީހެއްގެ އެގްޒެކެޓިވް ޕޯސްޓެއްގައި އުޅޭތާ މިހާރު ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެފައިވާ މީހެކެވެ. އަސްލަން އަހަންނަށް ތައާރަފްވީ އޮފީހުގެ އަހަރީ ދުވަހަކާ ދިމާކޮށް ހުރިހާ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި ހާއްސަ ހަފުލާއެއްގެ ތެރެއިންނެވެ. އެރޭ އަހަރެން ދިޔައީ އަސްލު ވެސް ޖަމްބުކުލައިގެ ބޯވަޅު އެޅި ދިވެހި ލިބާހެއް ލައިގެންނެވެ. އަދި ސްޓޭޖުމަތިން އަހަންނަށް ފެނުނީ ހަމަ އަސްލު ވެސް ހުދަންބަރެކެވެ.
އަސްލަން ކަހަލަ ފިރިހެނަކު މި ޒަމާނުގައި ފެނުމަކީ އަސްލު ވެސް ތަދުކަމެކެވެ. އޭނާގެ މޯޓިވޭޝަނަލް ސްޕީޗަށް ތައުރީފު އެއްލަމުން އެ ރޭ ވެސް އަހަރެން އެ ވާހަކަ ބުނީމެވެ. ހިތަށް ހެރިފައި ހުރި ހުރިހާ ތީރެއް އެ ހިތަށް އެއްލަން ނުކެރުނީ އޭނާ މީހެއްގެ ފިރިއަކަށްވީމައެވެ. އިނގިލީގައި އަނގޮޓިއެއް ނެތެވެ. އެކަމަކު އަސްލަން އަކީ މީހެއްގެ ފިރިއެއް ކަން ދެން އެންމެނަށް ވެސް އެނގެއެވެ. ވަރަށް ރީތި، ލޯބި ލޯބި ދެ ކުދިން ވެސް އަދި އޭނާގެ ތިއްބެވެ.
"ކަލޭ އެހެންވީމަ ދެ ވަނަ އަންބަށް ވާން ވީ ނޫން ހެއްޔެވެ؟".
"ދޮން އަމަޔަށް ވާންވީ ނޫން ހެއްޔެވެ".
ސާބަހެވެ. މަށެއް ނޫޅެމެވެ.
އަސްލަންގެ ވާހަކަ ނިމި ޖަޒްލާންގެ ވާހަކަ ފެށޭ ހިސާބަކީ މިއެވެ. އަހަރެން ބުނި އަސްލަން އަށް ވުރެ ޒުވާން ސޮރަކީ މިއެވެ. އޭނާގެ ނަމުން ވެސް އެކަން އެބައެނގެއެއް ނޫން ހެއްޔެވެ. ޖަޒްލާން އަކީ އަހަރެންގެ ދަރިއަކަށް ކިޔާ ކަހަލަ ނަމެކެވެ. އަހަރެންގެ ފިރިހެން ދަރިއަކު ހުރި ނަމަ ފަހަރެއްގައި ކިޔާނެ ވެސް ނަމެވެ. ދަރިއަކަށް ކިޔަން މަށަށް އަބަދުވެސް، އެހާވެސް ރީތި ނަމެކެވެ.
އޯ---މައި---ގޯޑްއެވެ. އަދި މި ދެވެނީ އެއް ވާހަކައެއް ނުބުނެއެވެ. ފިރިހެން ދަރިއަކު ނެތަސް އަންހެން ދަރިއަކު މަގޭ އެބަހުއްޓެވެ. އަދި އެނގޭ ހެއްޔެވެ؟ އެއީ މަށާ ދިމާލަށް ތަނުއެޅިކުނަލެކޭ ގޮވާލާފައި ދިޔަ ސަމަދުﷲގެ ދަރިއެކެވެ. މިހާރު އަހަރެމެންގެ އިސްކޮޅުން އަރައިގެން ގޮސް ގާތްގަނޑަކަށް ޖަޒްލާނާ އެއް އުމުރެއްގެ ކުއްޖެކެވެ. ނަސީބަކުން އަހަރެންގެ އެއްވެސް ސިފައެއް ވެސް ނެތެވެ. މިބުނި އެއްޗެއް އެނގެއެއްނޫން ހެއްޔެވެ؟
އެކަމަކު ޖަޒްލާނަކީ ހަމަ އަހަރެންގެ ފުރާވަރުގެ އަންހެން ދަރިފުޅު ކަހަލަ ޅަ ސިކުނޑިއެވެ. އޭނާ އަށް ވުރެ ވެސް ބައެއް ކަންކަމުގައި މާ ޅައޭ ބުނެވިދާނެއެވެ. އެކަމަކު އޭނާ ވެސް އުޅުނީ މެރީކޮށްގެންނެވެ. ދެ ދަރިން ވެސް ތިއްބެވެ.
ޖަޒްލާނަކީ ފިލްމު ޑައިރެކްޓަރެކެވެ. އޭނާގެ ހުނަރާއި މައިދާނުގައި ވަރަށް ވެސް ކުޅަދާނަ އާޓިސްޓެކެވެ. އަހަރެމެން ދެ މީހުން ބައްދަލުވީ ކޮވިޑްގެ ފުރަތަމަ ރާޅަށް ތައްޔާރުވަމުން ދަނިކޮށެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ކިޔާ ކެމްޕޭނެއްގެ ވީޑިއޯތަކެއް އުފެއްދުމުގެ މަސައްކަތް އޭނާ އަހަރެމެންގެ އޮފީހާ ގުޅިގެން ކުރިއަށް ގެންދިޔަ ދުވަސްކޮޅެއްގައެވެ. ރިސޯޓެއްގައި ކުރިއަށް ދިޔަ ޝޫޓިންތަކެއްގެ ތެރެއިންނެވެ.
އޭގެ ކުރިން ވެސް އަހަރެމެން ދެ މީހުން ދަންނަމެވެ. ނަމަވެސް އެއީ ދެ މީހުން އެކަނި އެއްތަންވެ ދެ މީހުންގެ ލޭގައިވީ ހޫނުކަމާއި އެކަނިވެރިކަން އަރާމުގައި ފިހެ އިހުސާސްކުރެވުނު ފުރަތަމަ ފަހަރެވެ. އެއީ ސަމަދުﷲ އަހަރެން ވަރިކޮށްލާފައި ދިޔަ ފަހުން ފިރިހެނަކާ އެކު އެގޮތަށް އުޅެލެވުނު ފުރަތަމަ ދުވަހެވެ. އެއީ ހާއްސަ ދުވަހެކެވެ. ހާއްސަ ދުވަހެކޭ އަހަރެން މި ބުނަނީ ކީއްވެގެންކަން އެނގޭނެ ވަރަށް ގިނަ އަންހެނުން ތިބޭނެއެވެ. އެ އެކަނިވެރިކަން ފަހަރެއްގައި ފިރިހެނުންނަށް އިހުސާސް ނުވެދާނެއެވެ.
ޖަޒްލާން އަހަރެން ކައިރީގައި ބުނީ އޭނާގެ އަންހެނުން އޭނާ ކައިރިން ވަރިވާން ބޭނުންވެގެން އުޅޭ ކަމަށެވެ. ތެރަޕީ އަށް ދާން ހިތްވަރު ދިން ނަމަވެސް ޒައިނާ ބޭނުންވަނީ ވަރިވާށޯ އެވެ. އަހަރެމެން ދެ މީހުން ބައްދަލުވާން ފެށިއިރު ޖަޒްލާންގެ ހަޔާތް ދިޔައީ މަޑުމަޑުން ވިއްސިވިހާލިވަމުންނެވެ. އަދި އަހަރެން ޖަޒްލާނާ އެކީގަ ކޮފީއަކަށް ދިޔަޔަސް ނުވަތަ ކޮޓަރިއަކަށް ދިޔަޔަސް އަހަރެން ދިޔައީ އެ ހުރިހާ ކަމަކަށް ވެސް ވިސްނައިގެންނެވެ. ނުވަތަ ވިސްނަމުންނެވެ.
އަހަރެން ބުނާނީ އަހަންނަށް ވުރެ ބޮޑަށް އެ 'ފްލިން' އަށް ފެންބޮވައިގެންފައި ހުރީ ޖަޒުލާނޭ އެވެ. ރަނގަޅެވެ. އަހަރެން ވެސް ބޭނުންވެގެން ކުރި ކަމެކެވެ. އެކަމަކު އެއީ ހަމަ އެ ކިޔާ ކަހަލަ ފްލިންއެކެވެ.
ޖަޒްލާންގެ ކިބައިން އަހަރެން ސަލާމަތްކޮށްދިނީ ކޮވިޑްގެ ފުރަތަމަ ރާޅެވެ. އެ ރާޅު ބޮލަށް ބިންދާލިއިރު އޭނާ އާއި ޒައިނާ އުޅެނީ ވަރިވެގެންނެވެ. އަދި މަސައްކަތް ނުލިބި ކުންފުނި ބަނގުރޫވާން ފެށުމުންނާއި މާލޭގައި ކުއްޔަށް އުޅެވެން ނެތިގެން އޭނާ އެންމެފަހުން ރަށަށް ބަދަލުވީއެވެ.
ދެން ލިބުނީ އަސްލަން ފޭސްބުކުން ފޮނުވި މެސެޖެކެވެ. މީހުންގެ ފިރިން ހިލޭ އަންހެނުންނަކަށް މެސެޖެއް ނުކުރާނެއޭ އަދިވެސް ބުނާށެވެ! ކަޅަށް ޖެއްސުމެއް ނޯވެއޭ ކަލޭ ބުނާށެވެ! އެކަމަކު އަހަރެންގެ ހިތަށް އެރީ އެހެނެއް ނޫނެވެ. އަހަރެންގެ ހިތަށް އެރީ މިހެންނެވެ.
"އެކަމަކު ކީއްވެގެން ހެއްޔެވެ؟"
އެއަށް ފަހު މިހެންނެވެ.
"މެރިޑް މެން އާރ އޮފް ލިމިޓްސްއެވެ."
ލޯބީގެ ދުނިޔަވީ އުސޫލާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުން އަނެއްކާވެސް އަހަރެން މަސައްކަތްކުރީ އަސްލަންއާ ދުރަށް ދިއުމަށެވެ. އެކަމަކު ކޯވިޑްގެ އެކަނިވެރިކަމާއި ހިތްދަތިކަމުގައި މީހަކަށް ކެތްވާނީ ވެސް ވަކި ވަރަކަށް ނޫން ހެއްޔެވެ. އަސްލަންއާ ވާހަކަ ނުދައްކަން ކިތަންމެ ހިތަށް އެރުވިޔަސް ހިތް ބޭނުންވީ އެންމެފަހުން އެގޮތެވެ. ބައްދަލުކުރަން، ދެ މީހުން އެކުގައި ބޭރަށް ދާން އޭނާ ދިން ދައުވަތުގައި ނުހިފަން ހިތް ކިތަންމެ އިންޒާރެއް ދިނަސް ހިތް ގޮސް އެ ހުރިހާ ދައުވަތެއްގައި ވެސް އެންމެފަހުން ހިފީއެވެ. ބޭނުންވެފައި ހުރި މީހަކު އެހާ ރުހިގެން އެގޮތަށް އައީމަ ދެން މަށަށް މަޑުން ހުރެވޭނެ ހެއްޔެވެ؟
ކޮވިޑްގެ ތެރޭގައި ދެ މީހަކު ބައްދަލުވުން އެވަރަށް މަނާކޮށްފައި އޮތް އިރު ވެސް ތަފާތު އެކި އުޒުރުތައް ހަދައިގެން ގޮސް އަހަރެމެން ދެ މީހުން ބައްދަލުކުރީމެވެ. އެކަމަކު އަހަރެމެން ދެ މީހުންގެ ގުޅުން އޮތީ ގޮތަކަށް ބުނަނީ ނަމަ ކޮވިޑްގެ އަސްލަށް ވުރެ ވެސް ބޮޑަށް ސިއްރުކޮށްފައެވެ. އަދި ދެ މީހުން ގުޅުން ކުރިއަށް ގެންދާނެ ސާކިއުލާއަށް ދަންދެން އަހަރެމެން ދެ މީހުން އުޅުނީ ނެރެގެންނެވެ.
މިސާލަކަށް، އަސްލަންގެ ފޯނަށް އަހަރެން އެއްގޮތަކަށް ވެސް ނުގުޅާނަމެވެ. އަސްލަން އަހަރެންގެ ފޯނަށް ގުޅާނީ ހަފުތާއެއްގެ ވަކި ދުވަސްތަކެއްގައި ވަކި ގަޑިތަކެއްގައެވެ. އެ ހާއްސަ ވަގުތުތަކަކީ ދެ ދުވަހުން އެއް ދުވަހު އޭނާ ދުވަން ނުކުމެ އުޅޭ ވަގުތެވެ. ބައެއް ދުވަސް ދުވަހު ދުވަން ދާނީ ފަތިހުއެވެ. އަނެއް ބައި ދުވަސްތަކުގައި އިރުއޮއްސޭ ވަގުތެވެ.
އަނެއްކޮޅުން އަސްލަންގެ ފޯނަށް އަހަންނަކަށް މެސެޖެއް ވެސް ނުކުރެވޭނެއެވެ. އޭނާގެ އަތުގައި ދެ ތިން ނަމްބަރެއް އޮވެއެވެ. އެކަމަކު ކިތަންމެ ނަމްބަރުތަކާއި ފޯނުތަކެއް ގެންގުޅުނަސް އޭނާގެ އަންހެނުންނަށް ޝައްކުވާ ކަހަލަ އެއްވެސް ކަމަކަށް ޖާގަ ދޭން އޭނާ ބޭނުމެއް ނުވެއެވެ. އަދި އެ ހުރިހާ ސަބަބެއް ވެސް އަހަންނަށް ވަރަށް ސާފެވެ. އަހަންނަށް އަންޑަސްޓޭންޑްވިއެވެ.
ކޮވިޑްގައި އެންމެން ވެސް ތިބީ ކަންބޮޑުވެ ހާސްވެ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ ހާސްކަމުގެ ތެރޭގައި އަސްލަން އާއި ފަޒްލާ އެމީހުންގެ ކައިވެނި ރޫޅަމުންދިޔައިރު އެ ދެމެދަށް ވަންނަން ހަމަ އަސްލަށް ވެސް އަހަރެން ބޭނުން ނުވީއެވެ. އަނެއްކޮޅުން އެ ދެ މީހުންގެ ދެމެދުގައި ޖެހިގެން އުޅުނު މައްސަލައަކަށް އަހަރެން ނުވެ އަހަރެން އެ މައްސަލައަކަށް ވާން ބޭނުމެއް ވެސް ނުވީއެވެ.
ނަމަވެސް އަސްލަން އާއި އަހަންނާ ދެމެދު އެއީ 'ފްލިންއެއް' ނޫންކަން މަށަށް ޔަގީނެވެ. އަހަންނަށް ވަކިން އެ ޔަގީންކަން ދިނީ އަސްލަން އެވެ. އޭނާގެ އުޅުމާއި އަހަރެމެން ދެ މީހުންގެ ގުޅުމަށް އޭނާ ދެމުން ދިޔަ މާނަ އާއި ނަމެވެ. އޭނާ ރާވަމުންދިޔައީ ފަޒްލާ ގާތުން ރަނގަޅު ގޮތުގައި ވަރިވުމަށް ފަހު އޭނާގެ ހަގު ދަރިފުޅުގެ އޯލެވެލް ނިމުމާއެކު އަހަރެންނާ އިންނާށެވެ. އޭނާގެ ދޮށީ ދަރިފުޅު ކޮވިޑް އައިއިރު ވެސް އޯލެވެލް ނިމިއްޖެއެވެ.
ފަޒްލާ އާއި އަސްލަންއާ ދެމެދު ޖެހުނު މައްސަލައެއް އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. އަހަރެން އެ ދެ މީހުންގެ ދެމެދަކަށް ނުވަންނަމެވެ. ފަހަރެއްގައި ދެ މީހުންގެ ބިޒީ ދިރިއުޅުމުގައި އެކަކު އަނެކަކަށް ދޭން ޖެހޭ ވަގުތާއި ލޯބި ނުދެވި އެންމެފަހުން އެ ގުޅުން މަޑުމަޑުން އޮޔާ ދިޔައީއެވެ.
އެހެންވީމަ އަހަރެން މަޑުކޮށްލައިގެން ހުރީ އަސްލަން އޭނާގެ ކައިވެނި ރީތިގޮތުގައި ރޫޅާލައި އެ ދިރިއުޅުމުން ދެއަތް ފޮޅާލަންދެން މަޑުކޮށްލައިގެންނެވެ. ދެ މީހުން އެއްބަސްވެފައިވާ ގޮތުގެ މަތިން އަހަރެން އޭނާއަކަށް ނުވެސް ގުޅަމެވެ. އުނދަގުލެއް ވެސް ނުކުރަމެވެ. އަނެއްކޮޅުން އަހަރެން ފޫއްސެއް ވެސް ނުވެއެވެ. އޮފީހުގެ މަސައްކަތާއި އާއިލާ މީހުންނާއި ރައްޓެހިން އަހަރެންގެ ހަޔާތުގައި ތިއްބެވެ.
އަސްލަން ކަހަލަ ފިރިހެނަކަށް މަޑުކޮށްލައިގެން ހުންނަން ޖެހުމުން ހަމަ ހަގީގަތުގައި އެކަން އަހަންނަކަށް އެއްވެސް މައްސަލައަކަށް ނުވެއެވެ. ހަޔާތުގެ ދަތުރުގައި ތިމާ ގަޔާވާ، ލޯބިވާ މީހަކާ ބައްދަލުވާނީ ހަމަ އަސްލަށް ވެސް އެއް ފަހަރު އެވެ. އަދި އަހަރެންގެ އެ މީހަކީ އަސްލަންކަން އަހަންނަށް އޭރު މާ ބޮޑަށް ވެސް ޔަގީނެވެ.
ނަމަވެސް އަސްލަންގެ ޚަބަރެއް ނުވެ ދުވަސްވުމަކީ އަބަދުވެސް ކަންބޮޑުވުމެކެވެ. ދެ ތިން ދުވަސް ވަންދެން ވާހަކަ ދައްކާނުލެވުނަސް އޯކޭއެކެވެ. އެހެން ނަމަވެސް ހަފުތާއެއް ދެ ހަފުތާ ވަންދެން ވާހަކަ ދައްކާނުލެވި ދާން ފެށުމުން އަހަރެންގެ ހިތް ކުޑަކޮށް ހާސްވާން ފެށި އެވެ. އެންމެ ބޮޑަށް ހާސްވީ ކޮވިޑްގެ ބޮޑު ފުރަބަންދެއްގައި އޭނާގެ އެއްވެސް ޚަބަރެއް ބެލޭނެ ގޮތެއް އިހުތިޔާރެއް އަހަރެންގެ އަތުގައި ނެތުމުންނެވެ. ކޮވިޑްގައި ބަލިވެ މަރުވިޔަސް އެކަން މަށަށް އެނގޭނީ ޚަބަރުންނެވެ. އަހަރެމެން ދެ މީހުންގެ މިއުޗުއަލް ރައްޓެހިން ތިއްބަސް އަހަރެމެން ދެ މީހުންގެ ދެމެދުގައި އޮތް ގުޅެމެއް އެއްވެސް ރައްޓެއްސަކަށް ނޭނގޭނެއެވެ. އަނެއްކޮޅުން އެކަކު އަނެކަކު ހޯދަން ރައްޓެހިން މެދުވެރިނުކުރަން ދެ މީހުން ވެސް ތިބީ އެއްބަސްވެގެންނެވެ.
ކޮވިޑްގެ އެ އެކަނިވެރިކަމުގައި ތިބެފައި ލޮކްޑައުން އިން ދޫކޮށްލި ފުރަތަމަ ފަހަރު އަހަރެމެން ދެ މީހުން ނައްޓާލީ ބ. އަތޮޅަށެވެ. ފެހެންދުއަށެވެ. އެތަނުގެ މޫދާއި ފަޅުގައިވީ ރީތިކަން ބަލައި ފޫހިކޮށްފައި ރ. އަތޮޅަށެވެ. އެއަށް ފަހު އެނބުރި މާލެ އައިގޮތަށް ކަސްތޮޅު ޖެހީ ކޮވިޑްގެ ދެ ވަނަ ރާޅެވެ. އެހިސާބުން އަނެއްކާވެސް އަސްލަންއާ އެއްކޮށް ގުޅުން ކެނޑުނީއެވެ. ވަކިން ހާއްސަކޮށް ކާފިއު ހިންގައި ފިޔަވަޅުތައް ހަރުކަށިކުރުމުން އޭނާ ދުވާކަށް ވެސް ނުދެއެވެ. އަނެއްކޮޅުން ފަޒްލާ އަކީ އައިޖީއެމްއެޗުގައި މަސައްކަތްކުރަމުން ދިޔަ ނަރުހެކެވެ. ދެ ކުދިން ގޮވައިގެން ގޭގައި ހުރިހާ ކަމެއްހެން ކުރަމުން ދިޔަ މީހަކީ އަސްލަންއެވެ. އަހަރެން ފަޒްލާ ގޯސްކުރަނީކީއެއް ނޫނެވެ. އަދި އަސްލަން އިތުރަށް ރަނގަޅުކޮށްފަ ކިޔައިދެނީއެއް ވެސް ނޫނެވެ. ކަންހުރި ގޮތުގެ ވާހަކައެވެ.
އެކަމަކު ދެން ހަމަ މަޑުމަޑުން އަހަރެން ހާސްވާން ފެށީއެވެ. އަސްލަންގެ ޚަބަރެއް ނުވާތާ ދެ ހަފުތާވެއްޖެއެވެ. ތިން ވަނަ ހަފުތާގައި ހިކި ކެއްސުމާއެކު ބޮލުގައި ރިއްސަން ފަށައިފިއެވެ. ނުވަތަ އެއީ އަސްލަންއަށް ވީގޮތެއް ނޭނގިގެން އަހަރެންގެ ނޭވާކުރުވާން ފެށުމުން ހީވި ހީވުމެކެވެ. އެކަމަކު ނޭފަތް ބެދި އެރުތެރެ ދަވަވެ ކެއްސައި ކިނބިހި އަޅަން ފަށައިފިއެވެ. ގައިގެ މަސްތަކާއި ހުޅުހުޅުގައި ރިއްސައި ހީކަރުވައި މޭނުބައިކޮށް ހޮޑުލެވެން ފެށުމުން އެއީ އާދައިގެ ރޯގާއެއްގެ އަލާމަތްތަކެއްހެން ހީވިޔަސް ކޮވިޑްގެ ދެ ވަނަ ރާޅުގައި އޭގެ ޓެސްޓެއް ނެހެދިޔަސް ނަތީޖާ ވަރަށް ސާފެވެ.
އަހަރެން ކޮވިޑަށް ޕޮޒިޓިވްވެ ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ހާއްސަ ވޯޑެއްގައި އެޑްމިޓްކުރި ދުވަހަކީ މާލެއިން ކޮވިޑްގައި ތިން މީހުން މަރުވި ދުވަހެކެވެ. އަސްލަން އަށް ވީގޮތެއް އޭރު ވެސް އަހަންނަކަށް ނޭނގެއެވެ.
އޭގެ މަހެއްހާ ދުވަސްފަހުން އަހަރެން އާދައިގެ ފެސިލިޓީއަކަށް ބަދަލުކޮށް ފަރުވާ ދެމުންދިޔައިރު އެތަނުގައި ކޮންމެ ބަލި މީހަކަށް އެޓެންޑްވަނީ އެމީހަކަށް ކަނޑައަޅާފައިވާ ހާއްސަ ނަރުހެކެވެ. ފަޒްލާއާ ބައްދަލުވި ގޮތަކީ އެއީއެވެ. އަދި ކޮވިޑް ޖެހިގެން އަސްލަން މަރުވިކަން އެނގުނު ދުވަހަކީ ވެސް އެއީއެވެ.
އަހަރެން މިއީ ކާކުކަން އަދި އަހަރެން މިއީ އަސްލަންގެ ކާކުކަން ފަޒްލާ އަށް އެނގޭ ކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު ކޮންޓެކްޓް ޓްރޭސިން ބެލީމަ އެނގޭނެތާއެވެ. އެހެން އެކަކަށް ނޭނގުނަސް އެ ހަފުތާގައި އަސްލަންއާ އެކު ބ. އަތޮޅާއި ރ. އަތޮޅަށް ދިޔަ އަހަރެންނަކީ އަސްލަންގެ ކާކުކަން ފަޒްލާ އަށް އެނގެން ޖެހޭނެއެއް ނޫން ހެއްޔެވެ.
ފަހަރެއްގައި އަސްލަން މަރުވި ޚަބަރު އޭނާ އަހަންނަށް އެ ދިނީ އަހަރެމެން ދެ މީހުންގެ ސިއްރު އޭނާ އަށް އެނގޭތީއެވެ.
އަހަރެން އަދިވެސް މިއޮތީ ހޮސްޕިޓަލްގެ އެނދެއްގައެވެ. އަދި އަހަރެންގެ ހިތަށް މިހާރު އަރަނީ މިހެންނެވެ. މީހެއްގެ ފިރިއަކާއެކު ލޯބީގެ ކުޅިގަނޑެއް ކުޅެ ބަލިވެފައިވާ އަންހެނަކަށް ދިވެހިބަހުން ކިޔާނީ ކީކޭ ހެއްޔެވެ؟