ޔޫކްރޭންގެ ސިފައިން ތިބީ އަމާން ދޭގޮތަކަށް ނޫން
ޔޫކްރޭންގެ ސިފައިން ތިބީ އަމާން ދޭގޮތަކަށް ނޫން

ރަޝިޔާގެ އުދުވާނުން ގައުމު ދިފާއުކުރުމަށް ހަނގުރާމައިގެ މައިދާނަށް ނުކުމެ ތިބި ޔޫކްރޭންގެ ސިފައިން ތިބީ، ރަޝިޔާ ސިފައިންގެ އިންޒާރުތަކާއި ބިރުދެއްކުންތަކަށް ބޯލަނބައި ހަތިޔާރު ބަހައްޓައި އަމާން ދޭ ގޮތަށް ނޫން ކަމަށް، ޔޫކްރޭންގެ ބޮޑުވަޒީރު ޑެނީސް ޝަމީހާލް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔޫކްރޭންގެ ދެކުނު ސަހަރެއް ކަމަށްވާ މަރިއުޕޯލްގައި ތިބި ޔޫކްރޭންގެ ސިފައިން ފުރާނަ ސަލާމަތްކުރަން ބޭނުން ނަމަ، ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް، އިއްޔެގެ މެންދުރާ ހަމައަށް ރަޝިޔާ ސިފައިން ދިން މުހުލަތު ފަހަނަޅައި ދިޔައިރު ވެސް، ޔޫކްރޭން ސިފައިން އަމާނެއް ނުދެ އެވެ. އެހެންކަމުން މަރިއުޕޯލް އެކުގައި ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ނުދާ ކަމަށް ޔޫކްރޭނުން ބުނެ އެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން އިއްޔެ ބުނި ގޮތުގައި މަރިއުޕޯލް މިހާރު "އެއްކޮށް ސާފުކޮށްލެވިއްޖެ" އެވެ. އަދި މިހާރު އެ ސަހަރުގައި ތިބީ ޔޫކްރޭންގެ ވަރަށް މަދު އަދަދެއްގެ ހަނގުރާމަވެރިން ކަމަށާއި އެމީހުން ތިބީ، ރަޝިޔާ ސިފައިންގެ ހިސޯރުގެ ދަށުގައި އޮތް ސަރަހައްދެއްގައި ހުރި، ދަގަނޑު އުފައްދާ ކާރުޚާނާއެއްގެ ތެރޭގައި ކަމަށް ވެސް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ.

ޔުކްރޭންގެ ބޮޑުވަޒީރު ވިދާޅުވީ މަރިއުޕޯލްގެ ދިފާއުގައި ހަނގުރާމަ ކުރާ އެ ގައުމުގެ ސިފައިން، އެންމެ ފަހު ނޭވާ ހަށިގަނޑާ ވަކިވަންދެން ވެސް ރަޝިޔާ ސިފައިންނާ ހަނގުރާމަ ކުރާނެ ކަމަށެވެ. ރަޝިޔާ ސިފައިން މަރިއުޕޯލް ހިސާރުކޮށްފައި އޮންނަތާ މިހާރު ހަތް ހަފުތާ ވެގެން ދާއިރު، އާންމުންނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ވެސް މި ސަހަރުންނެވެ.

"އެ ސަހަރު އަދިވެސް ރަޝިޔާގެ ބާރުގެ ދަށަކަށް ނުދޭ. އެ ސަހަރުގައި އަދިވެސް އަހަރެމެންގެ އަސްކަރީ ލަޝްކަރުތައް އެބަ އޮތް. އަހަރެމެންގެ ސިފައިން އެބަތިބި. އެހެންވީމާ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެމީހުން ހަނގުރާމަ ކުރަމުން ގެންދާނެ. އަހަރެމެންގެ ސިފައިން އަދިވެސް ތިބީ މަރިއުޕޯލްގައި،" ބޮޑުވަޒީރު ވިދާޅުވި އެވެ.

މަރިއުޕޯލްއަކީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ދިޔަ، ޔޫކްރޭންގެ އެންމެ ފުރަތަމަ ސަހަރެވެ. މިދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި ޔޫކްރޭންގެ ގިނަ އަދަދެއްގެ ސިފައިން މަރިއުޕޯލް އިން ހައްޔަރުކޮށް، ހަނގުރާމައިގެ އަސީރުންގެ ގޮތުގައި މިހާރު ތިބީ ރަޝިޔާގެ ބެލުމުގެ ދަށުގަ އެވެ.

ރަޝިޔާ ސިފައިން ބުނާ ގޮތުގައި މަރިއުޕޯލް އަށް ވަދެ ނުކުތުން މިއަދުން ފެށިގެން ބަންދުވާނެ އެވެ. އެއަށް ފަހު، އެ ސަހަރުގެ އެތެރޭގައި ތިބި ފިރިހެނުން ބަލައި ފާސްކުރުމަށް ފަހު، އެއީ ސިފައިންކަން ނުވަތަ އާންމު ރައްޔިތުންކަން ކަށަވުކުރާނެ އެވެ. އަދި މަރިއުޕޯލްގެ ތެރޭގައި މަގުމައްޗަށް ނުކުމެ އުޅެން ބޭނުންވާ މީހުންނަށް ރަޝިޔާ ސިފައިން މިހާރު އަންނަނީ ފާސްތަކެއް ދޫކުރަމުން ކަމަށާއި، އެ ފާސް ނެތް އެއްވެސް މީހަކަށް މަގުމައްޗަށް ނުނިކުމެވޭނެ ކަމަށް ވެސް ރަޝިޔާ ސިފައިން ބުނެ އެވެ.

ރަޝިޔާ ސިފައިން މަރިއުޕޯލް ހިސޯރުކޮށް ވަރުގަދަ ހަމަލާތަކެއް ދީގެން އެ ސަހަރު ހިފުމަކީ، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފި ކްރައިމިއާގެ މައްޗަށް ރަޝިޔާގެ ފުރިހަމަ ބާރު ހިންގުމަށް ތަނަވަސްކުރި ފުރުސަތެކެވެ. މަރިއުޕޯލްއަކީ ރަޝިޔާގެ ސަރަހައްދީ ރޮނގާ ދާދި ކައިރީގައި އޮންނަ ސަހަރަކަށް ވުމުން، އެ ސަހަރު ރަޝިޔާގެ ބާރުގެ ދަށަށް ދިއުމުން، ރަޝިޔާގެ ތެރެއިން އެއްގަމު މަގުން ފަސޭހައިން ކްރައިމިއާ އަށް ދިއުމުގެ ދޮރު ހުޅުވޭނެ އެވެ.