24 ޑިސެމްބަރ 2016 - 16:39

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު ދެ ވަނަ މެޗުން ކިރްގިސްތާން އަތުން ބަލިވެ، އަމިއްލަ ބާރުގައި މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް މިއަދު ގެއްލިއްޖެ އެވެ.
މިދިޔަ އަހަރު ދެ ވަނަ ހޯދި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ ނޭޕާލް އަތުންނެވެ. މިއަދު ކިރްގިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.
ރާއްޖެ އަށް އަމިއްލަ ބާރުގައި ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލުނީ ކުޅުނު ދެ މެޗުން ބަލިވިއިރު ދެ މެޗުން ހޯދުނީ އެންމެ ސެޓެއް ކަމަށް ވާތީ އެވެ. ފައިނަލަށް ދިއުމުގެ ކުޑަވެސް ފުރުސަތެއް ރާއްޖެ އަށް އޮތީ ކުރިއަށް އޮތް ދެ މެޗުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. އަދި ބަންގްލަދޭޝް ކުޅޭ މެޗުތަކުން ބަލިވެގެންނެވެ.
މި މުބާރާތުގައި ފަސް ޓީމު ވާދަކުރާއިރު ފައިނަލަށް ދާނީ ހުރިހާ ޓީމެއް ހުރިހާ ޓީމަކާ ކުޅެގެން އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. ބަންގްލަދޭޝް އާއި ކިރްގިސްތާން ވަނީ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އަދި ދެން އޮތް ދެ މެޗުން ރާއްޖެ ސީދާ ތިން ސެޓުން މޮޅުވިޔަސް ކިރްގިސްތާނާއި ބަންގްލަދޭޝް އަށް ދެ މެޗު އޮތުމުން އެ ދެ ޓީމާ ހަމައެއް ނުކުރެވޭނެ އެވެ.
މި މުބާރާތުގައި ވާދަކުރާ ކިރްގިސްތާން ޓީމުގައި އެ ގައުމުގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ކިލިޗެކް ސަރްބަގިޝިއެވް ވެސް ހިމެނެ އެވެ. އޭނާއާ އެކު އެ ޓީމުގައި ތިބީ އެންމެ އަށް ކުޅުންތެރިންނެވެ. އެ ޓީމަށް ސީދާ ތިން ސެޓުން މިއަދުގެެ މެޗުން މޮޅުވެވުނީ ޓީމެއްގެ ގޮތުގައި ދެއްކި ހިތްވަރުންނެވެ.
މުޅި މެޗަށް ބަލާއިރު ވެސް ޖުމްލަކޮށް ކޮންމެ ސެޓެއްގައި ވެސް ކިރްގިސްތާން އަބަދުވެސް އޮންނަނީ ލީޑެއްގަ އެވެ. ރާއްޖޭން ޖެހެނީ އެ ޓީމާ އެއްވަރުކުރާށެވެ.
ރާއްޖޭން މެޗު ފެށީ ލަސްކުޅުމަކުންނެވެ. ކިރްގިސްތާނުން މި ސެޓު ފެށިގެން ހަ ޕޮއިންޓުގެ ލީޑެއް ހިފެހެއްޓި އެވެ. ސެޓުގެ މެދުން ރާއްޖޭން އެއްވަރުކުރި ނަމަވެސް ފަހު ވަގުތު ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި ކިރްގިސްތާނުން ސެޓު ގެންދިޔަ އެވެ. އެ ޓީމުން ވާދަވެރި ކުޅުމަކަށް ފަހު މި ސެޓު ގެންދިޔައީ 27-25 އިންނެވެ.
ދެ ވަނަ ސެޓު ވެސް ފަށައިގެން ވެސް ކިރްގިސްތާނުން ކުރީގައި އޮވެގެން ރަނގަޅަށް ކުޅުނެވެ. މި ސެޓުގައި ރާއްޖޭން ލީޑެއް ނެގި ނަމަވެސް ހިފެހެއްޓޭ ގޮތެއްނުވި އެވެ. ރާއްޖޭގެ ޑިފެންސް ދަށްވުމުގެ ފައިދާ ކިރްގިސްތާނުން ރަނގަޅަށް ނެގި އެވެ. މުޅި މެޗުގައި ވެސް ރާއްޖެ އަށް އެންމެ އުނދަގޫވީ ކިރްގިސްތާންގެ ކަންޔަބެޗްގެ ޝޮޓުތައް ހިފެހެއްޓުމަށެވެ. އޭނާގެ މޮޅު ކުޅުން މުޅި މެޗުގައި ވެސް ފެނުނުއިރު، ދެ ވަނަ ސެޓު ކިރްގިސްތާނުން ގެންދިޔައީ 25-22 އިންނެވެ.
ފުރަތަމަ ދެ ސެޓު ލިބުމުން ކިރްގިސްތާނުން ތިން ވަނަ ސެޓަށް ނުކުތީ ބޮޑު އެޑްވާންޓޭޖަކާ އެކު އެވެ. އެ ޓީމުގެ ފަރާތުން ކޮންފިޑެންސާ އެކު މޮޅު ކުޅުމެއް ފެނުނުއިރު، މި ސެޓުގައި ރާއްޖެ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ރެފްރީގެ ނިންމުންތައް ރާއްޖެއާ ދެކޮޅަށް އައުމެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންގެ ހިތްވަރު އެލުނުއިރު، ކިރްގިސްތާނުން މި ސެޓު ގެންދިޔައީ 25-18 އިންނެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ކޯޗު ސްރީ ލަންކާގެ ކުމާރާ ވެންޑަކޫން ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަށް ފުރުސަތު ދީފައިނުވެ އެވެ.
މި މެޗުގައި ގާތްގާތުގައި ގިނަ ބަދަލުތަކެއް ޓީމަށް ގެނައިރު، އެންމެ ބޭނުންތެރި ވަގުތުތަކުގައި މުހިއްމު ކުޅުންތެރިންގެ ބޭނުން ނުހިފުނެވެ. އަދި ކުރިން މެޗުގައި މޮޅަށް ކުޅުނު މުހައްމަދު ޝާއިން (ޝާއިންޓެ) އަށް ވެސް ދިނީ މަދު ފުރުސަތެކެވެ.
ރާއްޖެ ދެން ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.