18 އެޕްރީލް 2022 - 02:35

ބިލެފެލްޑް، ޖަރުމަން (އޭޕްރީލް 18) - ރަށުން ބޭރުގައި ރޭ އަރުމީނިއާ ބިލެފެލްޑާ ވާދަކުރި މެޗު 3-0 އިން ބެޔާން މިއުނިކް ކާމިޔާބުކޮށް، ޖެހިޖެހިގެން 10 ފަހަރު ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފި އެވެ.
ބެޔާން އިން ރޭގެ މެޗުގައި ލީޑު ނެގީ 10 ވަނަ މިނިޓުގައި އަރުމީނިއާގެ ޖޭކޮބް ލާސެން އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާޖް ގުނަބްރީގެ ލަނޑަކުން ލީޑު ފުޅާ ކުރިއިރު، ތިންވަނަ ލަނޑު 84 ވަނަ މިނިޓުގައި ޖަހައިދިނީ ޖަމާލް މުސިއާލާ އެވެ.
މި ނަތީޖާއާ އެކު ލީގުގެ އެއްވަނައިގައި އޮތް ބެޔާން މިއުނިކް ވަނީ މިހާތަނަށް ކުޅުނު 30 މެޗުން 74 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ހަތަރު މެޗު އޮތްއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ލިބިފައި ވަނީ 63 ޕޮއިންޓެވެ.
އަންނަ ހަފްތާގައި ލީގުގައި އަމިއްލަ ދަނޑުގައި ބެޔާން ވާދަކުރާނީ ވެސް ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ. އަދި އެ މެޗް ކާމިޔާބު ކޮށްގެން އަމިއްލަ ދަނޑުގައި ލީގު ޗެމްޕިއަންކަން ޔަގީން ކުރުމުގެ ފުރުސަތު ބެޔާން އަށް ވަނީ ފަހިވެފަ އެވެ.
އެންމެ ފަހުން ލީގުގައި ކުޅުނު ހަތް މެޗުން ވެސް އަރުމީނިއާ ބިލެފެލްޑް މޮޅު ވެފައެއްނުވެ އެވެ. ހަ މެޗުން ބަލިވި އިރު އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. މިއާ އެކު، މިދިޔަ ސީޒަނުގައި 15 ވަނައިގައި ނިންމައިގެން ކިރިޔާ ރެލިގޭޝަނުން ސަލާމަތްވި އަރުމީނިއާ މިހާރު އޮތީ އެންމެ ފަހަތުން ދެވަނައިގައި، ޓޭބަލްގެ 17 ވަނައިގަ އެވެ.