18 އެޕްރީލް 2022 - 02:29

ނިއުކާސަލް (އޭޕްރީލް 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އަތުން ފަހަތުން އަރައި ނިއުކާސަލް ޔުނައިޓެޑް މޮޅުކޮށްދިން ބްރެޒިލްގެ މިޑްފީލަޑަރު ބްރޫނޯ ގިމަރޭސް އެޓީމުގެ ލެޖެންޑަކަށް ވާން ބޭނުންވާކަން ހާމަކޮށްފި އެވެ.

ލެސްޓާ ސިޓީން މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާފައި ވަނިކޮށް ނިއުކާސަލް މޮޅުވީ ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބު ކޮށްގެނެނެވެ. މެޗުގެ 19 ވަނަ މިނިޓުގައި ލެސްޓާ އަށް ލީޑު ނަގައިދިނީ އަޑެމޯލާ ލުކްމަން އެވެ. ފަހަތުން އަރައި ނިއުކާސަލްގެ ދެ ލަނޑު ވެސް ޖަހައިދިނީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައި އެޓީމުގެ ރެކޯޑް ޓްރާންސްފާއެއްގައި ގެނައި ގިމަރޭސް އެވެ.
ނިއުކާސަލް އަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގެ 30 ވަނަ މިނިޓުގަ އެވެ. ލެސްޓާގެ ގޯލްކީޕަރު ޕީޓާ ޝްމައިކަލް ބޯޅަ އަތަށް ނުނެގި އުޅެނިކޮށް ގިމަރޭސް ގޯލު ތެރެއަށް ފޮނުވާލި ބޯޅަ، ކީޕަރު އަތުގައި އޮއްވައި ޖެހި ކަމަށް ހީކޮށް ރެފްރީ ފުރަތަމަ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ އެއީ ގޯލެއް ކަމަށް ނިންމީ އެވެ.
މެޗުން މޮޅު ކޮށްދިން ލަނޑު ގިމަރޭސް ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގަ އެވެ. ޖޯ ވިކޮލް ނަގައިދިން ހުރަހަކުން ގިމަރޭސް ބޮލުން ޖެހި ލަނޑު އެއީ އޭނާގެ ކެރިއަރުގައި ވެސް ބޮލުން ޖެހި ފުރަތަމަ ލަނޑެވެ. އަދި މިއީ އޭނާ ނިއުކާސަލް އަށް މިހާތަނަށް ކުޅެދިން 11 މެޗުގައި ޖެހި ތިންވަނަ ލަނޑެވެ. ނިއުކާސަލްގެ ފުރަތަމަ 11 ގައި ހިމެނިގެން ގިމަރޭސް ކުޅުނު ފުރަތަމަ މެޗުގައި ވެސް ޓީމު މޮޅުވި ލަނޑު ޖަހައިދިނީ އޭނާ އެވެ.
ފުރަތަމަ ފަހަރަށް ނިއުކާސަލްގެ ސެއިންޓް ޖޭމްސަސް ޕާކް ސްޓޭޑިއަމްގައި ލަނޑު ޖެހި މެޗަށް ފަހު ގިމަރޭސް، 24، ބުނީ، ޕްރިމިއާ ލީގުގައި ކުޅުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ބޭނުންވަނީ މިތާނގެ (ނިއުކާސަލްގެ) ލެޖެންޑަކަށް ވާން ކަމަށެވެ.
މި މޮޅާ އެކު ނިއުކާސަލް ޔުނައިޓެޑް ލީގު ޓޭބަލްގެ 14 ވަނައިގައި އޮތްްއިރު، ލެސްޓާ ސިޓީ އަދިވެސް ނުވަވަނައިގައި އޮތީ 30 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.
މިދިޔަ ހަފްތާގައި ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދި ވެސްޓް ހޭމް ޔުނައިޓެޑް، ޕްރިމިއާ ލީގުގެ ރެލިގޭޝަނުގައި އޮތް ބާންލީއާ ދެކޮޅަށް ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ފުރަތަމަ ހާފުގައި ވައުޓް ވެގޯސްޓް ބާންލީ އަށް ލީޑު ނަގައިދިން އިރު ހާފް ނިމެނިކޮށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް މެކްސްވެލް ކޯނެޓް ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. ވެސްޓް ހޭމް އަށް އެއްވަރު ކޮށްދިނީ 74 ވަނަ މިނިޓުގައި ތޯމަސް ސޫޗެކެވެ.
ވެސްޓް ހޭމް ވަނީ މެޗު ކާމިޔާބު ކޮށްގެން އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ވެސްޓް ހޭމް ލީގު ޓޭބަލްގެ ހަތްވަނައިގައި އޮތީ 33 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.
ހަވަނައިގައި އޮތް އާސެނަލް އާއި ފަސްވަނައިގައި އޮތް ޔުނައިޓެޑަށް ވެސް ލިބިފައި ވަނީ 54 ޕޮއިންޓެވެ. ނަމަވެސް ދެ ޓީމު އަދި ކުޅެފައި ވަނީ ވެސްޓް ހޭމް އަށް ވުރެ މަދު މެޗުތަކެކެވެ. އާސެނަލް މިހާތަނަށް 31 މެޗު ކުޅެފައިވާއިރު ޔުނައިޓެޑް ކުޅުނީ 32 މެޗެވެ. ހަތަރު ވަނައިގައި އޮތީ 32 މެޗުން 57 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ.