17 އެޕްރީލް 2022 - 23:50

ދިވެހި ޕްރިމިއަ ލީގުގެ ދެވަނަ ބުރުގައި މިރޭ، ކްލަބް ވެލެންސިއާގެ މައްޗަށް 13-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމއަ ލީގުގައި، މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އަތުގައި އޮތް ރެކޯޑެއް މާޒިޔާއިން މުގުރާލައިފި އެވެ.

މިރޭ މާޒިޔާއިން ވެލެންސިއާ ކޮޅަށް 13 ލަނޑު ޖެހުމާއެކު، މި ނަތީޖާ އަކީ މިއީ ދިވެހި ލީގު ކާމިޔާބު ކުރި ޓީމަކާ ދެކޮޅަށް ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އަތުގަ އެވެ. ދިވެހި ލީގު 2013 ގެ ސީޒަންގައި ނިއު ރޭޑިއަންޓުން ވަނީ، ކުރީގެ ޗެމްޕިއަން ވީބީ އައްޑޫ އެފްސީ މައްޗަށް 10-1 ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ.

ދިވެހި ލީގު 2019-2020 ގެ ސީޒަންގައި މާޒިޔާއިން ވަނީ ފ. ނިލަންދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ވެސް 13-0 މޮޅުވެފަ އެވެ.
މިރޭ ގެ މެޗު މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަސް ލަނޑު ޖެހި ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.
މިމޮޅާ އެކު މާޒިޔާ ވަނީ އަލުން ތާވާލުގެ އެއްވަނަ މަގާމަށް ޖެހިލައިފަ އެވެ. އެ ޓީމުން ވަނީ 24 ޕޮއިންޓް ހޯދައިފަ އެވެ. އަދި ފައިދާ ގޯލްގެ ގޮތުގައި 32 ލަނޑު އެބައޮތެވެ. ލީގުގައި 9 މެޗު ކުޅުނު އިރު އެޓީމު ކޮޅަށް ވަދެފައި ވަނީ ދެ ލަނޑެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެކަނި ވެސް މާޒިޔާއިން ހަތް ލަނޑު ޖެހި އެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ޖެހީ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. އޭގެ ދެ މިނެޓް ފަހުން ހަމްޒާ މުހައްމަދު (ހަމްޕް) ވަނީ މާޒިޔާގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. އިތުރު ލަނޑެއް ޖަހައި ނަތީޖާ 3-0 އަނބުރާލަން ހަމްޒާ އަށް ހޭދަވީ ހަތަރު މިނެޓެވެ. މެޗުގެ 23 ވަނަ މިނެޓްގައި ހަމްޒާ ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ހަދައިފަ އެވެ.
މާޒިޔާގެ ފަސް ވަނަ ލަނޑު 32 ވަނަ މިނެޓްގައި ޖެހީ ވެސް ހަމްޒާ އެވެ. އޭގެ ހަ މިނެޓް ފަހުން އިބްރާހިމް އައިސަމް (ޓޯނީ) ވަނީ މާޒިޔާގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. ހަމްޒާގެ ފަސް ވަނަ ލަނޑު އަދި މަޒިޔާގެ ހަވަނަ ލަނޑު އޭނާ ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ.
ދެވަނަ ހާފު ފެށިގޮތަށް މާޒިޔާއިން ވަނީ ލަނޑު ޖަހައިފަ އެވެ. އެލަނޑު ޖެހީ ކޯނޭ އެވެ. މެޗުގެ 53 ވަނަ މިނެޓްގައި ޕެޑްރޯ ޑޮމިނޭގޭޒް (ޓާނާ) ވަނީ މާޒިޔާގެ ނުވަ ވަނަ ލަނޑު ޖަހައިފަ އެވެ. ނިއު ރޭޑިއަންޓްގެ ރެކޯޑާ ހަމަހަމަ ކޮށްދިން ލަނޑާއި ރެކޯޑް މާޒިޔާގެ ނަމަށް ލިބުނު ލަނޑު ޖެހީ ވެސް ނާއިޒު ހަސަން (ދާދު) އެވެ. ނާއިޒުގެ ފުރަތަމަ ލަނޑު އަދި މާޒިޔާގެ 10 ވަނަ ލަނޑު ނާއިޒު ޖެހީ 55 ވަނަ މިނެޓްގަ އެވެ. އޭގެ 10 މިނެޓް ފަހުން އޭނާ ވަނީ މެޗުގެ 11 ވަނަ ލަނޑު ޖަހައި މާޒިޔާ އަށް ރެކޯޑް މުގުރާލަ ދީފަ އެވެ.
ދެވަނަ ހާފުގައި ވެލެންސިއާއިން ވެސް ވަނީ ހަމަލާތަކެއް އުުފައްދަން މަސައްކަތް ކޮށްފަ އެވެ. އެޓީމުގެ ބޯހަސް މާޓިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ އެވެ. އޭނާ ނެގި ކޯނަރެއް ހުއްޓުވަން މާޒިޔާގެ ކީޕަރު ކިރަން ޝެމޮޝަން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބޯޅަ ދޫވި އެވެ. ވެލެންސިއާގެ ކުޅުންތެރިންނަށް ބޯޅަ ފޮނުވާލަން ފުރުސަތު ނުލިބެނީސް މާޒިޔާގެ ޑިފެންޑަރުން ބޯޅަ ދިފާއު ކުރި އެވެ.
މާޒިޔާގެ 12 ވަނަ ލަނޑު 82 ވަނަ މިނެޓްގައި ޖެހީ ޓާނާ އެވެ. އޭގެ ފަހުން ހެޓްރިކް ހެދުމުގެ ފުރުސަތު ވެސް އޭނާ އަށް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ. މެޗުގެ 90 ވަނަ މިނެޓްގައި ދާދު ވަނީ މާޒިޔާގެ 13 ވަނަ ލަނޑު ޖަހައި ހެޓްރިކް ވެސް ހަދައިފަ އެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވެލެންސިއާ އަށް ޕެނަލްޓީ އެއް ވެސް ލިބުނެވެ. ބޯހަސް ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.