އާންމުވެގެން އުޅެނީ ހުއްދައާ އެކު މަސައްކަތްކުރާ ތަނެއްގެ ވީޑިއޯއެއް: އެޗްޑީސީ
އާންމުވެގެން އުޅެނީ ހުއްދައާ އެކު މަސައްކަތްކުރާ ތަނެއްގެ ވީޑިއޯއެއް: އެޗްޑީސީ

ސޯޝަލް މީޑިއާގައި އާންމުވެގެން އުޅެނީ ހިޔާގެ ޓަވަރެއްގައި ކެފޭއެއް ހެދުމަށް ޑްރައިނޭޖް ގާއިމުުކުރުމުގެ މަސައްކަތް ކުރަމުންދާ ތަނުގެ މަންޒަރެއް ކަމަށާއި އެއީ ހުއްދަ ލިބިގެން ކުރާ މަސައްކަތެއް ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓުތަކުގެ ކޮންކްރީޓް ސްލެބު ކެނޑުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ހިޔާގެ ގްރައުންޑް ފްލޯގައި ބިދޭސީން މަސައްކަތްކުރާ އެ ވީޑިއޯ އާންމުކޮށް ވިދާޅުވީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފްލެޓުގެ ކޮންކްރީޓް ސްލެބު ކެނޑުން ހުއްޓުވަން ޖެހޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެޗްޑީސީން ބުނީ އާންމުވެފައި ވަނީ ކެފޭއެއްގެ މަސައްކަތްކުރުމަށް ޑްރައިނޭޖް ގާއިމުކުރުމުގެ މަސައްކަތްކުރާ މަންޒަރު ކަމަށެވެ. އަދި ހުއްދަ ލިބިގެން އެ މަސައްކަތްކުރިޔަސް އެކަން ކުރުމުގައި އިމާރާތަށް ގެއްލުން ނުވާ ގޮތަށް ދެވެންޖެހޭ ޓްރީޓްމަންޓްތައް ވެސް ދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ ފްލެޓްތައް އިމާރާތްކޮށްފައި ވަނީ 25 ބުރިއަށް ކަމަށްވާއިރު، އެ ޔުނިޓްތަކުގެ ބެރިތައް ތަޅާލައި، ފާރުކަނޑަމުން ގެންދާ ނަމަ އެފަދަ އުސް އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރާއިރު، ބަލަންވާ ވަރަށް ނުބަލައި އެކަން ކުރާ މައްސަލަ ވަރަށް ބޮޑުވެގެން އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ. އެ ކަހަލަ ބައެއް މައްސަލަތަކުގައި ބައެއް މީހުން ޖޫރިމަނާ ކޮށްފައިވެ އެވެ.

އެޗްޑީސީން ކުރިން ވެސް ބުނެފައި ވަނީ އެ ޔުނިޓްތަކުގެ މަސައްކަތް ކުރަނީ އިންޖިނޭރުންނާ މަޝްވަރާ ކުރުމަށް ފަހު، އެ މީހުން އަންގާފައިވާ ގޮތަށް ކަމަށެވެ.