ބެންފީކާގެ ނޫނޭޒް އަށް ޔުނައިޓެޑުން ފާރަލަނީ
ބެންފީކާގެ ނޫނޭޒް އަށް ޔުނައިޓެޑުން ފާރަލަނީ

ލިޒްބަން (އޭޕްރީލް 17) - ބެންފީކާގެ ފޯވާޑް ޑާވިން ނޫނޭޒް ގެންދަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްފާ ރިޕޯޓްތައް ބުނެފި އެވެ.

ނޫނޭޒް، 22، ވަނީ މިސީޒަންގައި ބެންފީކާ އަށް ކުޅުނު 37 މެޗުގައި 32 ލަނޑު ޖަހައިފަ އެވެ. އުރުގުއޭގެ ފޯވާޑް ގަންދަން ޔޫރަޕްގެ ބޮޑެތި ކްލަބްތަކަކުން ވެސް ޝައުގުވެރި ވެއެވެ. ޔުނައިޓެޑުން އުންމީދު ކުރަނީ އެޓީމަށް ކުޅުނު އުރުގުއޭގެ ފޯވާޑް ޑިއޭގޯ ފޯލާން އާއި މިހާރުގެ ފޯވާޑް އެޑިންސަން ކަވާނީ އެކޭ އެއްގޮތަށް ޔުނައިޓެޑްގެ ހުށަހެޅުމަށް ނޫނޭޒް އިޖާބަ ދޭނެ ކަމަށެވެ.

އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ނޫނޭޒް ކްލަބް ބަދަލު ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އޭނާގެ އެޖެންޓް، އެޑްގާޑޯ ލަސްލްވިއާ އާއެކު ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކޮންޓްރެކްޓް އާ ނުކުރާނެ ކަމަށް އޭނާ ވަނީ ދާދި ފަހުން ބުނެފަ އެވެ. ކްލަބް ބަދަލު ކުރުމާ ބެހޭގޮތުން ސީދާ ވާހަކައެއް އޭނާ ނުދައްކަ އެވެ. އެކަމަކު އޭނާ ބުނެފައި ވަނީ ކުރިމަގާ ބެހޭގޮތުން ވާހަކަ ދައްކަން މިވަގުތު ބޭނުން ނުވާ ކަމަށެވެ.

"އަހަންނަކަށް ނޭނގެ ކުރިއަށް އޮތްތަނުގައި ވާނީ ކިހިނެއް ކަމެއް. އެކަމަކު ސީޒަން ނުނިމެނީސް އަހަރެންގެ ކުރިމަގާ ބެހޭގޮތުން އެއް ވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން،" ނޫނޭޒް ބުނެފައި ވެއެވެ.

ނޫނޭޒްގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި ބެންފީކާއިން ކިޔާ އަގަކީ 65 މިލިއަން ޑޮލަރެވެ. ޔުނައިޓެޑްގެ ކޯޗު ކަމާ އަންނަ ސީޒަންގައި ހަވާލުވާނެ ކަމަށް ބެލެވޭ، އަޔެކްސްގެ މިހާރުގެ ކޯޗު އެރިކް ޓެން ހޭގް އަށް ޓްރާންސްފާގައި ހަރަދު ކުރުމަށް ފުރުސަތު ދޭނެ ކަމަށް އޮތީ ބެލެވެ އެވެ.