17 އެޕްރީލް 2022 - 13:34

ޕާޓީ އުފެއްދި އަސާސްތަކާއި ދިމާ އިދިކޮޅަށް ވައްކަމާއި ހިޔާނާތް ވަރިހަމަކޮށް، މުދާވެރިކަން ހޯދަން 24 ގަޑިއިރު އުޅޭތީ "ލަދުން ހަލާކުވާވަރުވެއްޖެ" ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އޭނާގެ ވާދަވެރިޔާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ޓީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައި، އޭނާ ވިދާޅުވީ އެމްޑީޕީ އަށް ޗެއާޕާސަނަކު ހޮވުމުގެ އިންތިހާބަކީ ވަޒީރުންގެ ރީތީގެ ރޭހެއް ނޫން ކަމަށެވެ.
އިންތިގެ ތުހުމަތުތަކާއި ހޫނު ރައްދުތައް ފައްޔާޒަށް އަމާޒުކުރެއްވީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ފައްޔާޒް ތަމްސީލްކުރެއްވި ގަމު ދާއިރާގެ ފޮނަދޫގައި ހުންނަވަ އެވެ.
އިންތި ވިދާޅުވީ ފަސް އަހަރުގެ ދައުރަކަށް އެމްޑީޕީގެ ޗެއާޕާސަނަކު ހޮވާ އިންތިހާބަކީ ޕާޓީގެ އެންމެ ބޮޑު ޕްރޮޖެކްޓު ކަމުގައިވާ ކުރިއެރުމާއި އިތުބާރާއި އުއްމީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. މިކަން މިހެން އޮތްއިރު، ޕާޓީގެ އިންތިހާބީ މަގާމްތަކުގައި ތިބި ވަރަށް ގިނަ ބަޔަކު ބިޒީވެގެން އުޅެނީ އެ ޕްރޮޖެކްޓް ކުރިއަރުވަން ނޫން ކަމަށާއި އަމިއްލަ ފައިދާ އާއި މުދާވެރިކަން ހާސިލްކުރަން ކަމަށް ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފައްޔާޒްގެ ޓީމުން 24 ގަޑިއިރު ކުރަނީ އެ ކަމެވެ.
"އަޅުގަނޑަށް އޮތް ޕްރޮޖެކްޓަކީ ކޮބައިތޯ، އަޅުގަނޑުގެ އަންހެނުންނަށް ދަރިއަށް އޮތް ވަޒީފާއަކީ ކޮބައިތޯ. މިކަމުގައި ބިޒީވެގެން އުޅޭ ތަން އަޅުގަނޑުމެންނަށް ފެނި އަޅުގަނޑުމެން ލަދުން ހަލާކުވާވަރުވެއްޖެ،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީގެ ސިފައެއް ނޫނެވެ. ޕާޓީ އުފެއްދި މަތިވެރި މަގްސަދުގައި ތިލަފަތް ރަމްޒުކޮށްދެނީ ހަމަހަމަކަމާއި އިންސާފާއި އަމާނާތްތެރިކަމާއި އިންސާނީ ގަދަރާއި ކަރަމާތާއި ހަމަހަމަ ގޮތެއްގައި ރަށްތައް ތަރައްގީކުރުން ކަމަށް ވިދާޅުވި އެވެ.
އެކަމަކު ޕާޓީގެ އެ ހުރިހާ ކަމަކާ ދުރަށް ޕާޓީ ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ތިމާއަށް ބޭނުންވާ މޮޅު އިތުރުކަމާއި ފައިސާވެރިކަމާއި މިކަންކަން ހާސިލްކުރުމަށްޓަކައި. ވަރަށް ހުތުރު ސިފަތަކެއް،" އިންތި ވިދާޅުވި އެވެ.
"ތިބޭފުޅުން ބައްލަވާ، މިވަގުތު ވެސް އަޅުގަނޑުމެންނަށް ހީވާ ކަހަލަ، ވައްކަން ވެސް ހަމަ ވަރިހަމައޭ. ކިތަންމެ ވަރަކަށް ބަދަލުތައް ވެސް އެއް އާއިލާއަކަށް ނަގަމުން ދިޔައަސް ހަމަ ހެވޭ. ނޭވާ ހޮޅީގެ ވައްކަން ވެސް. މި ދެންނެވީ ވެންޓިލޭޓަރުގެ ވައްކަން ވެސް ހަމަ ހެވޭ. ތި ބޭފުޅުންގެ ބައިތުލްމާލުން އެތައް މިލިއަން ފައިސާއެއްގެ ހިޔާނާތްވެފައިވާ އިރު ހަމަ ހެވޭ،" އޭނާ ވިދާޅުވި އެވެ.
އިންތި ވިދާޅުވި ގޮތުގައި އޭނާ އެކު އުޅުއްވާ މެމްބަރުން ފިޔަވައި އެކަން ބަލަން ބޭނުންވާ މެމްބަރުންތަކެއް މަޖިލީހުގެ 65 މެމްބަރުންގެ ތެރޭގައި ނެތެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން ވަކިކުރަން އުޅޭ ކަމުގެ ތުހުމަތު ކުރިން އެޅުވުމުން ވެސް ފައްޔާޒްގެ ޓީމުން އެކަން ދޮގުކޮށްފައި ވަނިކޮށް އަނެއްކާވެސް އިންތި ވަނީ ނަޝީދު ޕާޓީން ބާކީކުރަން އުޅޭ ކަމަށް ވިދާޅުވެފަ އެވެ.
ނަޝީދު އަވަހާރަކޮށްލަން އަމާޒުކުރި ހަމަލާގެ ކަންކަމާ ގުޅިގެން އުފެއްދި މޭ ހައެއް ކޮމިޓީގެ މަސައްކަތްތަކާ ގުޅިގެން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ނުދާން ފޯނުން ގުޅައި އެންގި ކަމުގެ ތުހުމަތު ވެސް އިންތި ކުރެއްވި އެވެ. ނަޝީދަށް ދިން ހަމަލާގައި ވަޒަން އަރައި އެމަނިކުފާނު އެނދުގައި އޮންނަވައި މަޖިލީހަށް ހުށަހެޅުއްވި މައްސަލަ "ކޮޅުފައިންޖަހައި ބޭރުކޮށްލީ" ކަމަށާއި އެ ވަރުގެ އިހްސާންތެރިކަން ވެސް ޕާޓީގެ ބައެއް މެމްބަރުންގެ ނެތް ކަަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"މިވަރުގެ ދަށު ދަރަޖައަށް މި ޕާޓީ އެބަ ގެންދޭ. މާނައަކީ ރައީސް މުހައްމަދު ނަޝީދު ވެސް މި ޕާޓީން ބާކީކޮށް ތި ބޭފުޅުންނާއި އަޅުގަނޑުމެން ތެދުވެރިކަމާ އެކު ތިބޭތީވެ ބާކީކޮށް މި ޕާޓީ މުޅިން އެހެން ޕާޓީއަކަށް، ވައްކަން ވަރިހަމަކޮށް މުދާވެރިކަމާއި ޕްރޮޖެކްޓް ބައްކުރާ ބަޔަކަށް ހެދުމަށް މަސައްކަތްކުރާ ތަން މި ފެންނަނީ،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފަލްސަފާއާ ދެކޮޅަށް ޕާޓީ ގެންދަން ބޭނުންވާ މީހުންނަށް ރަނގަޅު މެސެޖެއް ދޭން ފުރުސަތު ޗެއާޕާސަންގެ އިންތިހާބުގައި އޮތީ ލިބިފަ އެވެ. މި އިންތިހާބުގައި އެމްޑީޕީގެ 94،000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބެ އެވެ.