24 ޑިސެމްބަރ 2016 - 14:33

ކަސްރަތު ކުރަން ބޭނުންވެފައި ތިބި ދިވެހިންނަށް އެ ފުރުސަތު އެންމެ ފުރަތަމަ ތަނަވަސްކޮށްދިނީ 1989 ގައި ހުޅުވި މާލޭ ފިޓްނަސް ކްލަބުންނެވެ. މިއަދު ތަފާތު ޖިމްތަކާއި ކަސްރަތު ކްލާސްތައް ގިނަވެއްޖެ އެވެ. މަދީ އެތަންތަނުގައި މަސައްކަތްކުރާނެ އިންސްޓްރަކްޓަރުން ތަމްރީން ކުރާނެ ފުރުސަތުތަކެވެ. އެކަމަށް ވެސް މާލޭ ފިޓްނަސް ކްލަބުން މިވަނީ އިސްނަގައިފަ އެވެ.

ފިޓްނަސް އިންސްޓްރަކްޓަރުން ތަމްރީން ކުރުމަށްޓަކައި އެ ޖިމުން 2011 ގައި ފެށި އެކަޑަމީން މި ވަނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރޭ ހިމެނޭ ފިޓްނަސް އިންސްޓްރަކްޓާ ކޯސްތަކެއް ފަަށައިފަ އެވެ.
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އޮތޯރިޓީގެ ހުއްދައާ އެކު ނެޝަނަލް ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހުގެ ދެ ބެޗެއް މިހާތަނަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ކޯހުގެ ފުރަތަމަ ބެޗް މާޗު މަހު ނުވަ ކުދިން ފުރިހަމަކުރި އިރު ދެ ވަނަ ބެޗު ނިމިފައިވަނީ މިދިޔަ ހަފުތާގަ އެވެ.
"ރާއްޖޭގައި ޖިމްތައް ވަރަށް ގިނަ ވަމުން އަންނަނީ. އެހެންވުމާ އެކު ފިޓްނަސް ދާއިރާއަކީ ހަމައެކަނި އެކްސްޓްރާ ކަމެއްގެ ބަދަލުގައި ކެރިއާއެއްގެ ގޮތުގައި ނަގަން ވެސް ވަރަށް ރަނގަޅު ދާއިރާއަކަށް ވެއްޖެ. އެހެންވެ މި ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ފުރުސަތުތައް ހޯދައިދިނުން އަޅުގަނޑުމެންގެ ބޭނުމަކީ،" ކޯސް ކޯޑިނޭޓަރު ޒެއިން ހާމިދު ބުންޏެވެ.
އެކަމުގެ އަމާޒުގައި އެ އެކަޑަމީން ވަނީ ސްކޫލް ނިންމާ ކުދިންނަށް ހާއްސަކޮށްގެން ސެޓްފިކެޓް ލެވެލް ހަތަރެއްގެ ކޯހެއް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށަން ނިންމައިފަ އެވެ. އަދި މަޑުމަޑުން ގޮސް ލެވެލް ފަހެއް އަދި ޑިޕްލޮމާ އާއި ބެޗަލާސް ޑިގްރީއާ ހަމަޔަށް ގެންދަން ވެސް އެ އެކަޑަމީގެ ޕްލޭނުގައި ހިމެނެ އެވެ.
މާލޭގެ ޖިމްތަކުގެ އިތުރުން ރިޒޯޓްތަކާއި ކޯޕަރޭޓް ފިޓްނަސް ކްލާސްތަކުގައި މަސައްކަތްކުރުމުގެ އިތުރުން މި ކޯސް ނިންމުމާ އެކު ސްކޫލްތަކުގެ ފިޒިކަލް އެޑިއުކޭޝަން ޓީޗަރުންގެ ގޮތުގައި ނުވަތަ ކުޅިވަރު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް، ޒައިން ވިދާޅުވި އެވެ.
"މި ކޯހުގައި ކިޔަވައިދޭނީ ސްޕޯޓްސް ސައިންސް. މާނައަކީ އެކަމާ ގުޅުން ހުރި ކޮންމެ ދާއިރާއެއްގައި ވެސް މަަަސައްކަތްކުރެވިދާނެޔޭ،" އޭނާ ބުންޏެވެ.
"މި ދާއިރާގެ ބެކްގްރައުންޑް ނެތަސް ކޯހުގައި ބައިވެރިވެވޭނެ. ވަރަށް ބޮޑަށް ފައުންޑޭޝަން ލެވެލްގައި ކިޔަވައިދޭނީ."
ރާއްޖޭގެ އެހެން ޖިމްތަކުގައި ވެސް އެކްރެޑިޓެޑް ކޯސްތައް ހިންގާއިރު ދުނިޔޭގެ ބައެއް މަޝްހޫރު ކަސްރަތު ޕްރޮގްރާމްތަކުގެ ކޯސްތައް ވެސް ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މިއީ ރާއްޖޭގެ ސަނަދު އޮނިގަނޑުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދާ ސްޕޯޓްސް ސައިންސްގެ ފުރަތަމަ ކޯހެވެ.
އެންމެ ފަހުން ނިމުނު ކޯހުގައި ވެސް ކިޔަވައިދިނީ ސްރީ ލަންކާގެ ތަޖުރިބާކާރެއް ކަމަށްވާ ޖަނަކާ ސަމަރަސިންހެ އެވެ.
ފިޒިކަލް އެޑިއުކޭޝަނާއި ސްޕޯޓްސް ސައިންސްގެ ދާއިރާގެ ރާއްޖޭގެ ފުރަތަމަ ގްރެޖުއޭޓް ހާމިދު އަބްދުލްގަފޫރު ފެއްޓެވި މާލޭ ފިޓްނަސް ކްލަބުން ރާއްޖޭގެ ފިޓްނަސް ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނެވެ.
ކަސްރަތުގެ ދާއިރާ އިން އިންސާނީ ވަސީލަތް ބިނާކުރުމަކީ އެކަޑަމީ މެދުވެރިކޮށް އެ ޖިމުން ފަށާފައިވާ އެންމެ މުހިއްމު އެއް މަސައްކަތެވެ.