17 އެޕްރީލް 2022 - 11:11

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ދަނޑިވަޅުގައި، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގުން އިތުރުކޮށް، މަސްޖިދުލް އަގްސާގެ ތެރެއަށް ވެސް ހަމަލާ ދޭން ފަށައިފި އެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ މުސްލިމުން މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމަށް ސަމާލުކަން ދީފައިވާ އިރު، އިޒްރޭލުގެ ސިފައިންނާއި ފުލުހުން ގެންދަނީ އެކަމަށް ހުރަސް އަޅަމުންނެވެ. އެ ގޮތުން މިދިޔަ ހުކުރު ދުވަހު އިޒްރޭލް ސިފައިން ވަނީ އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެ، ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ 150 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފަ އެވެ.
އިޒްރޭލުގެ ސިފައިންނާއި ފުލުހުން އަގްސާ މިސްކިތަށް ވަދެ، ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން ވެސް މިހާރު އަންނަނީ، އިޒްރޭލު ސިފައިންގެ ހިމާޔަތުގައި ތިބެގެން، ފަލަސްތީނު މީހުންނަށް ހަމަލާ ދެމުންނެވެ.
އަލް ޖަޒީރާ ޓީވީން ބުނި ގޮތުގައި ރޭ ދަންވަރު ވެސް އިޒްރޭލުގެ ސިފައިން އަގްސާގެ ތެރެއަށް ހަތިޔާރާ އެކުގައި ވަދެ، އެ ވަގުތު މިސްކިތުގައި ނަމާދަށް ތިބި މީހުންގެ ސަފުތައް ރޫޅާލައި، އިއުތިކާފަށް ތިބި އެތައް ބަޔަކު މިސްކިތުން ފައްސައި ބޭރުކުރި އެވެ. އެއަށް ފަހު، ޔަހޫދީ ވަޒަންވެރިން ވެސް އަގްސާ މިސްކިތަށް ވަދެ، މިސްކިތުގައި އަޅުކަމުގައި ތިބި ފަލަސްތީނު މީހުންނަށް ހަމަލާދީ އަޅުކަމަށް ހުރަސްއެޅި އެވެ.
ރޭ ދަންވަރުން ފެށިގެން މިއަދުގެ ހެނދުނާ ދެމެދު ޔަހޫދީ ވަޒަންވެރިން ހަތަރު ފަހަރެއްގެ މަތިން، ބައިބަޔަށް އަގްސާ މިސްކިތުގެ ތެރެއަށް ވަދެ، މިސްކިތުގެ އެކި ތަންތަނުގައި ހިނގައި، ޔަހޫދީންގެ ދީނީ ބަނދިވަރުތައް ކިޔައި އުޅުނެވެ. ޔަހޫދީން އަގްސާ މިސްކިތަށް މިވަންނަން ފެށީ، ޔަހޫދީންގެ އީދުލް ފުސްހު ފާހަގަކުރުމުގެ ގޮތުންނެވެ.
ޔަހޫދީންގެ އީދުލް ފުސްހަކީ، ފިރްއައުނުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް، ބަނީ އިސްރާއީލު ވަންހައިގެ މީހުން މިސްރުން ފައިބައިގެން ދިޔުން ފާހަގަކުރާ މުނާސަބަތެވެ. އީދުލް ފުސްހު ފާހަގަކުރުން އޮންނަނީ ކޮންމެ އެޕްރީލް މަހެއްގެ 15 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށެވެ.
އިޒްރޭލުގެ ސިފައިންނާއި ފުލުހުންގެ އިތުރުން ޔަހޫދީ ވަޒަންވެރިން އަގްސާ މިސްކިތަށް ވަދެ ހިންގަމުންދާ އުދުވާނީ އަމަލުތައް، އެމިރޭޓްސް އިން ވަނީ ކުށްވެރިކޮށްފަ އެވެ. އެމިރޭޓްސްގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި އިޒްރޭލު ސަރުކާރަށް ގޮވާލާފައިވަނީ، ފަލަސްތީނުގެ މުސްލިމުންނަށް ލިބިގެންވާ އަޅުކަން ކުރުމުގެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަށާއި، އަގްސާ މިސްކިތުގެ ހުރުމަތް ނުކެނޑުމަށެވެ.