ޕާކިސްތާނު ޝެފް ހައްޔަރުކުރީ ފޭސް 2 ގެ ބީޗުން
ޕާކިސްތާނު ޝެފް ހައްޔަރުކުރީ ފޭސް 2 ގެ ބީޗުން

ހުޅުމާލެ ހާންޖީ ރެސްޓޯރަންޓުގައި ބަންގްލަދޭޝް މީހާ ގަޔަށް ވަޅި ހަރައި މަރާލުމަށް ފަހު ފިލި ކަމަށް ޝައްކުކުރެވޭ ޕާކިސްތާން ޝެފް ހޯދީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުން ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ހަވީރު ފަހެއް ޖަހަން އުޅެނިކޮށް ރެސްޓޯރަންޓުގައި ބަންގްލަދޭޝް މީހާ އާއި ޕާކިސްތާނު ކައްކާއާ ދެމެދު ބަދިގެ ތެރޭގައި މާރާމާރީ ހިނގި މާރާމާރީގައި ބަންގްލާދޭޝް މަރާލުމަށް ފަހު ޕާކިސްތާނު މީހާ ފިލީ އެވެ.

ޕާކިސްތާނު ޝެފް މުހައްމަދު އާބިދް، 26، ހައްޔަރުކުރީ ހުޅުމާލޭ ފޭސް 2 ގެ ބީޗުން ކަމަށް ބުނުން ފިޔަވައި ފުލުހުން އިތުރު މައުލޫމާތެއް އަދި މިކަމާ ބެހޭ ގޮތުން ނުދެ އެވެ.

އެ ރެސްޓޯރަންޓުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންތަކެއް ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވިޔަސް ފުލުހުން ބުނީ މަރުގެ މައްސަލާގައި އެހެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ބަންގްލަދޭޝްގެ މީހާ މަރުވީ އެ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ. މަރުވި މީހާގެ މޫނުމަތީގަ އާއި ކަރުގައި ޒަހަމް ހުއްޓެވެ. އޭނާ ޒަހަމްކޮށްލާފައި އޮއްވައި، ސަލާމަތްކުރެވޭތޯ ރެސްޓޯރަންޓުގެ މުވައްޒަފުން މަސައްކަތްކުރާތަން ފެންނަ ވީޑިއޯއެއް ވެސް އާންމުވެފައިވެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ، ހަމަލާ ދިން ޕާކިސްތާނުގެ ޝެފަކީ އަބަދުވެސް ވަރަށް ރުޅިގަދަ މީހެއް ކަމަށެވެ. އޭނާ މީގެ ކުރިން ވެސް އެ ތަނުގެ މުއައްޒަފުންނާ ޒުވާބުކުރާ ކަމަށް ބުންޏެވެ.