17 އެޕްރީލް 2022 - 11:14

މީގެ ފަސް އަހަރު ކުރިން ބްލޮގަރު ޔާމީން ރަޝީދަށް ވަޅިން ހަމަލާދީ އަނިޔާވެރިކޮށް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވި ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވެގެން ދޫވި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވީ ހައި ކޯޓުގައި އިސްތިއުނާފްކުރީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާނާއި މ. ތާއިފް، އިސްމާއިލް ރަޝީދުގެ މައްސަލަ އެވެ.
ކްރިމިނަލް ކޯޓުން ހުކުމްކުރީ މި ދެ މީހުންގެ މައްޗަށް ހުށަހެޅި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށެވެ.
އެކަށީގެންވާ މިންވަރަށް ހެކި ބަސް ނުލިބިގެން ކޯޓަށް މައްސަލަ ހުށަނޭޅުމުން ދޫވީ މ. ކުދެހިގޭ ހަސަން ޝިފާޒް އާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދު އެވެ.
ޔާމީން ދިރިއުޅެމުން ދިޔަ ގޭގެ ސިޑިގޮޅީގައި އޭޕްރީލް 2017 ގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް، ތޫނު އެއްޗެހި ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރި އެވެ.
ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު
މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް
ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން
މ. ކުދެހިގޭ ހަސަން ޝިފާޒް
މ. ތާއިފް އިސްމާއިލް ރަޝީދު
މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދު
ކްރިމިނަލް ކޯޓުން ޖެނުއަރީ 19 ގައި ހުކުމް އިއްވީ ޔާމީން މަރާލި ކަން ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެއީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެން ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ ދޫވީ އެވެ. މި މީހުން ދޫވީ ބޮޑެތި އިހުމާލުތަކަކާ ހެދި ކަން ކްރިމިނަލް ކޯޓުގެ ހުކުމުގައި އެބައޮތެވެ.
އަހަރެއްހާ ދުވަސް ކުރިން ފެށިގެން ރާވައި ފާރަލަމުން ގޮސް ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން ހަތަރު މީހަކު މިނިވަންވުމުގައި ފުލުހުންގެ ތަހުގީގާއި ދައުވާގައި ހުރި ގޯސްތައް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ. ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާ އިރު ހަތަރު މީހަކު ސަލާމަތްވުމުގައި، ޕީޖީ އޮފީހަށް ފުރުސަތު ދިނުމުން ވެސް އިތުރު ދައުވާއެއް އެ މީހުންގެ މައްޗަށް އުފުލާފައި ނުވުން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެންމެންގެ މައްޗަށް ވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި އޮތުމުން ކޯޓުން ދިނީ އެކަން ބަދަލުކުރުމުގެ ފުރުސަތެވެ. އަސްލު ދައުވާ ސާބިތު ނުވިޔަސް، އެހެން ކުށެއް ސާބިތުވާ ނަމަ އެކަމަށް އަދަބު ކަނޑައެޅުމުގެ ފުރުސަތު އޮތަސް ދައުލަތުން އެ ގޮތަށް ހުށަނޭޅީ ކަމަށް ކޯޓުން ބުންޏެވެ.
ޔާމީންގެ މަރާލި ކަން ދެ މީހެއްގެ މައްޗަށް ސާބިތުވިޔަސް ހުރިހާ ވާރިސުން ގިސޯސް ހިފަން ބޭނުން ނުވާތީ ކޯޓުން ހުކުމްކުރީ ގާތިލުން އުމުރަށް ޖަލަށް ލައި 1.3 މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ނަގައި ދިނުމަށެވެ.
ޔާމީންގެ މަރާ އެކު އެންމެންގެ ލޯ ކުރިމައްޗަށް މި ފެނުނީ ސީދާ އެކަމުގެ އަޑީގައި ތިބި މީހުން ކަމަކަށެއް އާއިލާ އިން ގަބޫލެއް ނުކުރެ އެވެ. ޒުވާން ސިކުނޑިތަކަކަށް އަހަރެއްހާ ދުވަސް ކުރިން އެކަން ރާވައި ފާރަލައި އެހާ އަނިޔާވެރިކޮށް ދަރިފުޅު މަރާލަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލުނުކުރެވެނީ ކަމަަށް އެ އާއިލާ އިން ބުނެ އެވެ.