މަރިއޮޕޯލްގައި ތިބި ޔޫކްރޭން ސިފައިން އަމާންދޭން އަންގައިފި
މަރިއޮޕޯލްގައި ތިބި ޔޫކްރޭން ސިފައިން އަމާންދޭން އަންގައިފި

ޔޫކްރޭންގެ ދެކުނުން އަޒޯވާ ކަނޑުގެ އައްސޭރީގައި އޮންނަ ބަނދަރު ސަހަރެއް ކަމަށްވާ މަރިއުޕޯލް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް ބުނެ، އެ ސަހަރުގައި މިހާރު ތިބި ޔޫކްރޭންގެ ސިފައިން އަމާން ދިނުމަށް ރަޝިޔާ އިން އަންގައިފި އެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މަރިއުޕޯލް މިހާރު "އެއްކޮށް ސާފުކޮށްލެވިއްޖެ" އެވެ. ނަމަވެސް ސާފުކޮށްލުން، ރަޝިޔާ އިން މާނަކުރަނީ އެ ސަހަރުގައި ތިބި ޔޫކްރޭންގެ ސިފައިން މަރައިލުމަށް ކަމެއް ނުވަތަ އެ ސަހަރުން ފައްސައިލުމަށް ކަމެއް ޔަގީނެއް ނުވެ އެވެ.

މިހާރު އެ ސަހަރުގައި ތިބީ ޔޫކްރޭންގެ ވަރަށް މަދު އަދަދެއްގެ ހަނގުރާމަވެރިން ކަމަށާއި އެމީހުން ތިބީ، ރަޝިޔާ ސިފައިންގެ ހިސޯރުގެ ދަށުގައި ހުރި ދަގަނޑު އުފައްދާ ކާރުޚާނާއެއްގެ ތެރޭގައި ކަމަށް ވެސް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ.

"އެމީހުންގެ ފުރާނަ ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ، އަމިއްލަ ރުހުމުގައި ހަތިޔާރު ބަހައްޓައި އަމާން ދިނުން،" ރަޝިޔާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު އީގޯރް ކޮނަޝެންކޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުން މަރިއުޕޯލް މިނިވަން ކުރުމަށް ކުރި ހަނގުރާމައިގައި ޔޫކްރޭން ސިފައިންގެ 1،464 މީހަކު ވަނީ ހަތިޔާރު ބަހައްޓައި އަމާން ދީފަ އެވެ. އެ މީހުން މިހާރު ތިބީ ރަޝިޔާ ސިފައިންގެ ބެލުމުގެ ދަށުގައި، ހަނގުރާމައިގެ އަސީރުންގެ ގޮތުގަ އެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރޭގައި ތިބި ބިދޭސީ ހަނގުރާމަވެރިންނާއި ޔޫކްރޭންގެ ސިފައިން ހަތިޔާރު ނުބަހައްޓައި، އިތުރަށް ހަމަލާ ދޭން ފަށައިފި ނަމަ، އެމީހުންގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ. އަދި އެމީހުން ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް، ރަޝިޔާ ސިފައިން މިހާރު ވަނީ، މިއަދު ހެނދުނު 6 އިން ފެށިގެން މެންދުރު 1 އަށް މުހުލަތެއް ދީފަ އެވެ.

މަރިއުޕޯލްގައި ތިބި ޔޫކްރޭން ސިފައިން އަމާން ދިނުމަށް ރަޝިޔާ އިން އެންގި އެންގުމާއި ދިން މުހުލަތާ ބެހޭ ގޮތުން، ޔޫކްރޭން ސަރުކާރުން މިހާތަނަށް ރަސްމީ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ މަރިއުޕޯލްގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.

"އެ ސަހަރުގެ ހާލަތު ވަރަށް އުނދަގޫ. އަހަރެމެންގެ ސިފައިން އެ ތިބީ އެ ސަހަރުގެ ތެރޭގައި މަގު ބެދިފައި. ޒަހަމްވެފައި ތިބި ސިފައިން ވެސް އެ ސަހަރުން ނެރެވޭނެ ގޮތެއް ނެތް. އެ ސަހަރުގައި އޮތީ ވަރަށް ނުރައްކާތެރި އިންސާނީ ހާލަތެއް. އެހެން ވިޔަސް، އެ ހަނގުރާމަވެރިން އެދަނީ ދިފާއުގައި ހަނގުރާމަ ކުރަމުން،" ޔުކްރަޔިންސްކާ ޕްރަވްޑާ ނިއުސް ޕޯޓަލް އަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވި އެވެ.