17 އެޕްރީލް 2022 - 07:37

ހުވަފެން ހަގީގަތަކަށް ހެދުމުގެ ދަތުރުގައި މީހަކަށް ދިމާވާނެ ހުރިހާ ގޮންޖެހުމަކާއި ހުރަސްތަކެއް ހައްވާ ޝަހީނާ ވަނީ ތަޖުރިބާކޮށްފައެވެ. އެކަމަކު އުމުރުން 41 އަހަރުގައި، މިއަދު ވެސް، އޭނާގެ ކިބައިން ފާހަގަކުރެވޭ އެންމެ ސަޅި ސިފައަކީ ދެގޮތެއް ނުވެ، ހިތްވަރު އެލުވާނުލައި މީގެ ވިއްސަކަށް އަހަރު ކުރިން ވެސް އުފެއްދި ފޯރި އާއި ޖޯޝުގައި ކުރިއަށް ދާން އަދިވެސް ކޮންމެ ދުވަހަކު އޭނާ ކުރާ މަސައްކަތެވެ. އޭނާގެ 65 ވަނަ އުފަން ދުވަހު ކުރަން ބޭނުންވާ ކަންތަކާއި 70 ވަނަ އުފަން ދުވަހު ދަތުރުކުރަން ބޭނުންވާ މަންޒިލްތައް އޭނާގެ ބޮލާއި ހިތާއި ސިކުނޑީގައި މީގެ އެތައް އަހަރެއް ކުރިން ރާވައި ޓިކެޓް ނަގައި ތައްޔާރުކުރަމުން ގެންދާ ގެންދިއުމެވެ. ހަޔާތަކީ ކިހައި ބޮޑު ދަތުރެއްކަން އޭނާ އަށް އެނގޭތީއެވެ. އަދި ކިތަންމެ ގަދަ ކަނޑެއްގައި ޖެހުނަސް ހުވަފެނާއި އަމާޒުން ކައްސާލައިގެން ނުވާނެކަން އޭނާ އަށް ދިރިއުޅުމުގެ މި ދަތުރުގައި ވަރަށް ރަނގަޅަށް ދަސްވެފައި ހުރީމައެވެ.

"އަހަރެންގެ ހަޔާތުގައި ކުރިމަތިވި ގޮންޖެހުންތަކާ ހެދި ވަކިން ހާއްސަކޮށް އިތުރު ހިތްވަރެއް ލައިގެން އަހަރެންގެ އަމާޒުތަކަށް ވާސިލުވުމަށް މަސައްކަތްކުރެވުނު. ދަރިން ބަލަމުން ގޭތެރޭގައި ޖެހުނު ހުރިހާ ކަމެއް ކުރަމުން ވެސް އަހަރެން ވާން ބޭނުންވި ކަހަލަ މީހަކަށް ލައިފުގައި ވުމުގެ ފުރުސަތު އަހަންނަށް ލިބުނު އެ ހިތްވަރާ ހެދި،" ޝަހީނާ ކިޔައިދިނެވެ.

މީހުން މިހާރު ވެސް ބުނާނެ އަހަރެން މިގޮތަށް މިހާ ގިނަ އިރު މަސައްކަތުގައި އުޅޭތަން ފެނުނީމަ، ތިމަންނަމެން ބޭނުންވަނީ އަވަހަށް މަސައްކަތް ނިންމާލާފައި ގެއަށް ގޮސް ޓީވީ ބަލާލާ އަރާމުކޮށްލަންށޭ. އެކަމަކު އަހަންނަކަށް ނޫޅެވޭނެ އެހެނެއް."

ރަސްމީ ވަޒީފާއެއްގެ ގޮތުގައި މިއަދު އޭނާ އަދާކުރަމުން ގެންދަނީ ވިލާ ކޮލެޖުގައި އެޗްއާރް މެނޭޖަރެއްގެ ރޯލެވެ. ހެނދުނު ހެނދުނާ ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ނުކުންނަ ގޮތަށް އޭނާ މިއަދު ވެސް މަސައްކަތުން އެނބުރި ގެއަށް ދާނީ އެންމެ ލަހުންނެވެ. އެންމެ ކުރިން އޮފީހަށް އައިސް އެންމެ ފަހުން ގެއަށް ދާ މީހަކަށް އޭނާ މިހާރު ވެސް ވާނެއެވެ. ނަމަވެސް ޝަހީނާގެ އެންމެ ހާއްސަ ސިފަ އަކީ އެތަނުގައި 300 މުވައްޒަފުން ގޮވައިގެން އޭނާ ކޮންމެ ދުވަހަކު އެއް ތަރުތީބަކުން، ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ސީދާ ސާދާ މަސައްކަތެއް ނޫނެވެ. އޭނާގެ އެންމެ ޕެޝަނޭޓް އަދި އެންމެ ހާއްސަ ދާއިރާ އަކީ ލައިފް ކޯޗިން އެވެ.

"ޑިއު ޑްރޮޕްސް ޝަހީނާ"ގެ ގޮތުގައި ބްރޭންޑްކޮށް އަމިއްލަ ކުންފުނި، މެޓިކިއުލަސް ކޮންސަލްޓެންސީގެ ދަށުން އޭނާ ދެމުން އަންނަ "ލައިފް ކޯޗިން" ގެ ހިދުމަތުގައި ހަޔާތެއް ބަދަލުކޮށްލުމަށް ނަގާނީ ފަޅި ސިކުންތެކެވެ. އެކަމަކު ޝަހީނާ އެ ހުރިހާ ކަމެއް ވެސް ދަސްކުރީ އޭގެ އެންމެ އުނދަގޫ ތުރާލާއި ހަޔާތުގެ ހިތްޗާއި އަނިޔާގެ ތެރެއިންނެވެ. – ހަޔާތުގެ މި ހުވަފެން ނުބަލަން އޭނާ އަށް މަޖުބޫރުކުރި މީހުންނާއި ހާލާތްތަކާ ބައްދަލުވެ މާޔޫސްވި އެތައް ދުވަހެއް އޭނާގެ ދިރިއުޅުމަށް އަޔެވެ. އެކަމަކު އެ ހުރިހާ ވާހަކައެއް އޭނާ މި ކިޔައިދެނީ ހިތްވަރެއްގެ ގޮތުގައެވެ.

ޝަހީނާ އަކީ އޭނާގެ ހަޔާތުގައި އަބަދުވެސް ޗެލެންޖަކަށް ތައްޔާރުވެގެން ހުންނަ މީހެކެވެ. މިސާލަކަށް މިއަދު އެޗްއާރް މެނޭޖަރެއްގެ މަގާމުގައި ހުއްޓަސް އޭނާގެ ވިސްނުމަކީ އެ އަރާމު ކުޑަކުޑަ ކެބިން ތެރޭގައި ކެރިއަރުގެ ބާކީ ދުވަސްތައް ހޭދަކުރުމެއް ނޫނެވެ. އޭނާގެ ދަށުން މަސައްކަތްކުރާ މީހުން އެ ފެންވަރަށް ތަރައްގީކޮށް ހަޔާތުގެ އެހެން ގޮންޖެހުމަކަށް މަރުހަބާކިޔަން އޭނާ ބޭނުންވެއެވެ. ސަބަބަކީ ޝަހީނާގެ މުޅި އުމުރުގައި ވެސް ގޮންޖެހުންތަކާއި އަޑިގުޑަންތަކާ ބައްދަލުކޮށް ރައްޓެހިވެ އެ ތަރުތީބަށް ނިކަން ފަރިތަވެފައިވުމެވެ.
މިސާލަކަށް، ކުޑައިރުގެ ހަޔާތުން ކިޔައިދޭ ނަމަ، އުފަން ރަށް. ސ. ފޭދުގައި ކިޔަވަން އުޅުނުއިރު ޕްރައިމަރީ ގްރޭޑްގައި އޭނާ އަކީ ބެސްޓް އޯލް ރައުންޑާއެކެވެ. އެންމެ މޮޅު އެއް ދަރިވަރުގެ ގޮތުގައި ސެކަންޑްރީ ހަޔާތުގެ ދަތުރު ފަށަން ދިޔަ ނަމަވެސް އޭނާ ބޭނުންވި މާއްދާތަކެއް ކިޔެވުމުގެ ފުރުސަތެއް ނުލިބުނެވެ.
"އޭރު ގްރޭޑް ހައެއް ހަތެއްގައި އުޅުނުއިރު އަހަރެން ވާން ބޭނުންވީ ސައިންޓިސްޓަކަށް. އެހެންވީމަ ފޭދޫ ސްކޫލުން ނިމިގެން ސަދަން ސެކަންޑްރީ އަށް ބަދަލުވީމަ އަހަރެން ބޭނުންވީ ސައިންސް ސްޓްރީމް ޗޫޒްކޮށްގެން ކުރިއަށް ދާން،" ޝަހީނާ ކިޔައިދިނެވެ.
"ނަމަވެސް އެތަނުގެ އެންޓްރެންސް ޓެސްޓުގައި އިނގިރޭސި މާއްދާ އިން ދަށްވީމަ އަހަންނަކަށް ނުލިބުނު ބޭނުންވި ގޮތަށް ކުރިއަށް ދިއުމުގެ ފުރުސަތެއް. އެތަނުގެ މެނޭޖުމަންޓުން މި ބުނަނީ އިނގިރޭސި މާއްދާ އަށް ދަށް ކުއްޖަކަށް ސައިންސް ސްޓްރީމް ނުކިޔެވޭނެއޭ."
ޝަހީނާގެ މުޅި ހަޔާތުގައި އޭނާއާ އެންމެ ގިނައިން ބައްދަލުވީ "ނުވާނެއޭ" ބުނި މީހުންނާއި އެވެނި މިވެނި ކަމެއް ޝަހީނާ ބޭނުންވާ ގޮތަކަށް ކޮށްގެން ނުވާނެއޭ ބުނި މީހުންނާއެވެ.
ސައިންސް ސްޓްރީމަށް ކިތަންމެ ބޮޑު ޝައުގުވެރިކަމެއް އުފެދިފައިވިޔަސް ކުރިއަށް ދާން ފުރުސަތު ލިބުނު ގޮތަށް ކުރިއަށް ދާން އޭނާ ނިންމީއެވެ. އެހިސާބުން ފެށިގެން ކިޔަވަން ކިތަންމެ ފޫހިވިޔަސް އެ ފޫހިކަމުގައި ބަނދެވި އިންނަން ބޭނުންނުވީ އެވެ.
އޯލެވެލް ނިންމާފައި އޭނާ ފުރައިގެން ދިޔައީ މާލެ އަށެވެ. އޭލެވެލްގައި ކިޔެވުމަށާއި އެކައުންޓެންޓެއްގެ ގޮތުގައި ކެރިއާއެއް ހޯދުމުގެ ވިސްނުމުގައެވެ. އެކަމަކު ދެން ވެސް ހާލަތާއި ފެންވަރާއި ނަސީބު އޭނާ އަށް ތަނެއް ނުދެއްކި އެވެ.
"އެކަމަކު ދެން ވެސް އިނގިރޭސި މާއްދާ އަށް ދަށްކަމުން ސީއެޗްއެސްއީ އިން ފުރުސަތު ލިބޭ ގޮތެއް ނުވި،" އިނގިރޭސި ބަހުން ފަރިތަކަމާ އެކު ވާހަކަ ދައްކަމުން ޝަހީނާ ކިޔައިދިނެވެ.
"އޯލެވެލްގައި އިނގިރޭސިން ލިބުނީ ޑީއެއް. އެކަމަކު އެހެން މާއްދާތަކުން މަތިން ފާސްވި ރަނގަޅަށް. އެކަމަކު ހަތް މާއްދާ އިން އޭރު ޖެހޭކަން ނޭނގެ ސީ ގްރޭޑަށް ވުރެ މަތިން ފާސްވާން. އެހެންވީމަ ސީއެޗްއެސްއީ އަށް ނުވަދެވުނު."
އެ ފުރުސަތު ނުލިބުމުން ފަހުން އަނެއްކާވެސް އޯލެވެލްގައި ބައިވެރިވެ އިނގިރޭސި މާއްދާއިން އޭނާ ސީ ފާހެއް ހޯދިއެވެ. ނަމަވެސް އޭރު އޭނާ އުޅެނީ މާލޭގެ ދިރިއުޅުން ދެކޮޅުޖައްސަން މަޖުބޫރުވެ އާމްދަނީ ލިބޭނެ ވަޒީފާއެއްގައި ހަމަޖެހިފައެވެ. ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރަމުން ޑިޕްލޮމާ އިން އެކައުންޓިން އަށް ކިޔަވަމުން ދަނިކޮށް އޭނާގެ ހަޔާތަށް އައިސް ދެން ބިންދާލީ ކުރިން ތަޖުރިބާކޮށްފައި ނުވާ ކަހަލަ ރާޅެކެވެ. ލޯބީގެ ބިޔަ، ބޮޑު ރާޅެކެވެ.
އެކަމަކު އުމުރުން 20 އަހަރުގައި ފެށި އަލަތު ކައިވެނިން އުފެއްދީ އޭނާ ހުވަފެނުގައި ވެސް ނުދެކޭ ވަރުގެ އަނިޔާވެރި ހަޔާތެކެވެ. ނަމަވެސް ޝަހީނާ ބުނާ ގޮތުން ނަމަ އެ ތަޖުރިބާ އިން އޭނާގެ މައިބަދަ ބިންދައިގެން ދިޔަޔަސް މިއަދު ވެސް ހަޔާތުގެ ވާހަކަ ކިޔައިދޭން ކޮޅަށް ހުރެވޭ އެންމެ ބޮޑު ސަބަބަކީ އެ ދުވަހު، އެ ކައިވެނީގައި ލިބުނު އަނިޔާ އެވެ.
"އަހަރެންގެ ހަޔާތުން އަހަރެންނަށް ގެއްލިގެން ދިޔައީ 11-12 އަހަރު އެ އަނިޔާގައި. އަހަރެން ހިތަށް މިއަދު އަރާ އަހަރެންނަށް ގައިޑްކޮށްދޭނެ މީހަކު އެ ދުވަސްތަކުގައި ހުރި ނަމައޭ. ލިބުނު ނަމައޭ. ނުވަ އަހަރު އަހަރެން އުޅުނިން ސީދާ އެބިއުޒިވް ރިލޭޝަންޝިޕެއްގައި،" ޝަހީނާ ކިޔައިދިނެވެ.
"އެކަމަކު އަހަރެން ދެރައެއް ނުވޭ އެ އެބިއުސިވް ރިލޭޝަންޝިޕްގައި އުޅެވުނީތީ. ސަބަބަކީ އެ އަނިޔާ އާއި ތަޖުރިބާތަކާ ހެދި މިއަދު އަހަރެން މި މީހަކަށް ބަދަލުވީ."
އެ އަނިޔާތަކުގެ ވާހަކަ ކިޔައިދޭކަށް ޝަހީނާ މިއަދު ބޭނުމެއް ނުވެއެވެ.
"ވަރަށް ބޮޑަށް ތަޅައި އަނިޔާކުރި އަހަންނަށް. އެންމެފަހުން އޭނަ ކިބައިން ސަލާމަތްވެގެން ގެއަށް ދިޔައިރު އަހަރެންގެ ދެ ވާޓެބްރާ ބިންދައިގެން ގޮސްފައި ހުރީ. އެއީ އޭނަ އަހަރެންގެ ނިއްކުރިމަތީގައި އަޅުވައިލި އެތިފަހަރަކުން ލިބުނު އަނިޔާ،" ޝަހީނާ ބުންޏެވެ.
"ވަރަށް އަނިޔާކޮށްލާނެ. އެއް ދުވަހަކު 45 މިނެޓް ވަންދެން އަހަރެންނަށް އޭނަ ވަޅިން ބިރު ދައްކައިގެން ހުރި"
"ނަމަވެސް އެ ކައިވެންޏާއި އޭނައާ އެކު ކުރެވުނު ތަޖުރިބާ އާއި ލިބުނު އަނިޔާ އަކީ ދިރިއުޅުން ދަސްކުރުމުގެ މަރުހަލާއެއްގެ ގޮތުގައި ދެކެނީ. އެއީ އަސްލު ކުރިއަށް ދާން އަހަރެންނަށް ހިތްވަރު ލިބޭ ސަބަބަކީ."
ޝަހީނާ ބުނީ އެ އަނިޔާވެރި ހަޔާތް އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ކަމަށެވެ. އަދި ކުދިން ލިބި، ހުރިހާ ހުވަފެންތަކެއް މަޑުމަޑުން ކުދިކުދިވަމުން ދަނިކޮށް އޭނާ އަށް އަލުން މަގު ދެއްކީ އެސައިންމަންޓެއް ހަދަން ލައިބްރަރީ އަށް ދިޔަ ދުވަހެއްގައި ފެނުނު ފޮތެއް ކަމަށެވެ.
"ދަރިއަކު ލިބުނަސް އަހަރެން ބޭނުންވީ ކިޔަވަން. އަހަރެން ބޭނުންވީ މަސައްކަތް ވެސް ކުރަން. އައި ހޭޑް ޑްރީމްސް އިން ލައިފް އަބަދުވެސް. އެކަމަކު އެ މަޖުބޫރީ ހާލަތް އަހަންނަށް އިހުސާސްކޮށްދިނީ އައި ޑޯން ހޭވް އެނީ ޑްރީމްސްއޭ. ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެ ގޭގައި މަސައްކަތްކޮށްފައި ދަރިފުޅާ އެކުގައި ނިދާލާނީއޭ،" ހަޔާތުގެ އެންމެ ހިތްދަތި ސަފުހާތައް އުކަމުން ޝަހީނާ ދިޔައެވެ.
"އެހެން އުޅެމުން ދަނިކޮށް އެއް ދުވަހަކު ލައިބްރަރީ އަށް ގޮސް ފޮތްތަކެއް ހާވަމުން ދަނިކޮށް އަހަންނަށް މި ފެންނަނީ "ސެވަން ހެބިޓްސް އޮފް ހައިލީ އިފެކްޓިވް ޕީޕަލް" ނަމަކަށް ކިޔާ ފޮތެއް. އެއީ ފުރަތަމަ ޓާނިން ޕޮއިންޓަކީ."
އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ އަދި ކީނޯޓް ސްޕީކާ ސްޓީވެން ކަވީގެ އެ ފޮތް ވީ ހަޔާތުގެ ދަތުރަށް ޝަހީނާ ތައްޔާރުކޮށް ލޯ ހުޅުވައިދިން ފުރަތަމަ ހަގީގީ ފިލާވަޅަށެވެ.
"އަހަރެން ގަބޫލުކޮށްގެން ހުރީ އަހަރެންގެ މިޒެރަބްލް ލައިފުގެ އަސްލަކީ އެ ފިރިމީހާއޭ. އޭނަ އަނިޔާކުރާތީއޭ. އޭނަ ބްލެކްމެއިލްކުރާތީއޭ. އެކަމަކު މި ފޮތް ކިޔާލީމަ އެނގުނީ އެއީ އަހަރެންގެ އަމިއްލަ ޑިޒިޝަންއެއްކަން އޭނައާ އެންމެ ފުރަތަމަ އިނުން ވެސް. އަހަރެންގެ ރުހުމާއި ނިންމުމެކޭ ފުރަތަމަ ދަރިފުޅަކީ ވެސް. ދެ ވަނަ ދަރިފުޅަކީ ވެސް އަހަރެންގެ ޑިޒިޝަންއެކޭ. އޭނަ އެވަރަށް އަނިޔާކުރިއިރުވެސް،" ޝަހީނާ ކިޔައިދިނެވެ.
"ކަންތައް އެހާ ގޯސްއިރު ވެސް އަހަރެން ރެޑީއެއް ނުވޭ އޭރު ވެސް އެ ލައިފުން ނުކުމެގެންދާކަށް. އަހަރެން ބިރު ވެސް ގަތީ އެގޮތަށް ކައިވެނި ރޫޅާލާފައި ނުކުމެގެންދާން. ބައްޕައަކާ ނުލައި ކުއްޖަކު ބޮޑުކުރަން ޖެހިއްޖެ ނަމަ އެ ކުއްޖަކަށް ވެދާނެ ގޮތަކާ މެދު ވެސް ވިސްނި ދެރަވެ ބިރުގަތީ."
އެކަމަކު އަނެއްކާވެސް ހަޔާތުގެ ދަތުރުގައި ކަނޑަށް ފުންމާލަން އޭނާ ތައްޔާރުވީ އެވެ. އެ ކަނޑުގައި ފަތަން އޭނާ ދަސްކުރީއެވެ.
"ސެވަން ހެބިޓްސް" ގެ އިތުރުން "ސަކްސެސް ޕްރިންސިޕަލް" އާއި "މެކްސިމަމް އެޗީވްމަންޓް" ފަދަ ސެލްފްހެލްޕް ފޮތްތަކަކީ ވެސް ޝަހީނާ ބުނާ ގޮތުން ނަމަ އޭނާ މިއަދު އައިސް ހުރި ހިސާބަށް ގެނެސްދިން މުހިންމު އެތައް ސަފުހާއެކެވެ.
"ސަކްސެސް ޕްރިންސިޕަލް ފޮތުގައި ވަރަށް ބޮޑަށް ކިޔައިދެނީ އެމީހަކު ހާސިލުކުރަން ބޭނުންވާ ގޯލްސްތައް ލިޔެ އެއަށް މަސައްކަތްކުރާނެ ގޮތް،" ޝަހީނާ ބުންޏެވެ.
"އެހެންވީމަ މިއަދު މި އިންޓަވިއު ދޭން އިންނައިރު ވެސް އަހަންނަށް އެނގޭ އަހަރެންގެ 65 ވަނަ އުފަން ދުވަހު އަހަރެން ކުރަން ބޭނުންވަނީ ކޮން ކަމެއްކަން. 70 ވަނަ އުފަން ދުވަހު ކުރަން ބޭނުންވަނީ ކޮން ކަމެއްކަން ވެސް"
"އެ ދުވަހަކުން އަހަރެން ބޭނުންވަނީ މުޅި ދުނިޔެ ބަލަން ދަތުރުކުރަން. އަހަރެން ބޭނުންވަނީ އެހެން މީހުންނަށް އެހީވާން. ނުރައްކާތެރި އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި ބަނދެވިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރިކޮށްދޭން އަހަރެން ބޭނުންވަނީ"
"އައި ސްޓިލް ހޭވް ބިގާ ޑްރީމްސް. އެއީ މިއަދު ވެސް މިހާ ގިނަ ވަގުތު މިހާ ބުރަކޮށް އަހަރެން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރާ ސަބަބަކީ."
ހަޔާތުގެ ހިތިން އޭނާ މިއަދު އެ ވަނީ ފޮންޏާ ހަމަ އަށް ދަތުރުކޮށްފައެވެ. އަލުން ކައިވެނިކޮށް، އުފާވެރި ޒަވާޖީ ހަޔާތެއްގައި ދިރިއުޅެމުން އަންނައިރު އެގްޒެކެޓިވް ލައިފް ކޯޗެއްގެ ގޮތުގައި ފުރިހަމަ އަށް ތަމްރީންވެ "ޑިއު ޑްރޮޕްސް ބައި ޝަހީނާ" ގެ ނަމުގައި މީހުން ދިރިއުޅުމުގެ ދަތުރަށް ތަމްރީންކުރުމަށް ކުރިއަށް ގެންދާ މަސައްކަތަކީ އޭނާގެ މިއަދުގެ އެންމެ ބޮޑު އެއް އުފަލެވެ.
މިއަދު އޭނާގެ ހަމައެކަނި ޑްރީމަކީ ޗާޓާޑް އެކައުންޓެންޓަކަށްވުމެއް ނޫނެވެ. ހާސިލުކުރަން ބޭނުންވާ ހުރިހާ ހުވަފެންތަކެއް އޭނާގެ ފޮތުގައި ލިޔެފައި އެބަހުއްޓެވެ. އެ ފޮތާއި ހުވަފެންތަކުގެ ވާހަކަ ޝަހީނާ ކިޔައިދޭއިރު އޭނާ ބޭނުންވަނީ ކޮންމެ މީހަކު ވެސް އެމީހެއްގެ ހަޔާތުގައި އަމާޒެއް ކަނޑައަޅައިގެން އެއަށް މަސައްކަތްކުރުމަށެވެ.
"އަހަރެން ބުނެލަން ބޭނުންވަނީ މައްސަލައެއްގެ ތެރޭގައި ތާށިވެ ބަންދުވެފައި ނުހުންނާށޭ. ބޭނުންވާ އެހީ އާއި އެހީތެރިކަން ހޯދާށޭ. އެ އެހީތެރިކަން ދޭނެ މީހުން އެބަތިއްބޭ،" ޝަހީނާ ބުނެލިއެވެ.
"އައި ސްޓިލް ހޭވް ބިގާ ޑްރީމްސް. އަހަރެންގެ ޑްރީމެއް މުޅި ދުނިޔެ ބަލަން ދަތުރުކުރުމަކީ ވެސް. އަހަރެންގެ ޑްރީމެއް ރާއްޖޭގެ ރައީސެއްގެ ލައިފް ކޯޗަކަށް އުޅެލުމަކީ ވެސް. އެއީ މިއަދު ވެސް މިހާ ގިނަ ވަގުތު މިހާ ބުރަކޮށް އަހަރެން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރާ ސަބަބަކީ."
އެ ހުވަފެންތައް ހަގީގަތަކަށް ހަދަން އޭނާ ހުރީ އަދިވެސް ކެތްމަދުވެފައެވެ. އެ ހުވަފެންތައް މީހުންނަށް ކިޔައިދެނީ ވެސް ހަމަ އެ ޕޮޒިޓިވް އެނާޖީގައެވެ. ތަޅައި މެރިޔަސް ހެވެވެ. ބިންދައެއް ނުލެވުނެވެ.