17 އެޕްރީލް 2022 - 07:42

ރައްޓެހިން، ލައިރާއާ އެންމެ ގިނައިން ކުރާ ސުވާލަކީ އަދި އޭނާ ދުވަހަކު ވެސް ޖަވާބު ނުދޭ ސުވާލަކީ މިއެވެ؛ ކަލޭ އިންސްޓަގްރާމު އިންފްލުއެންސާއަކަށްވީ ކީއްވެ ހެއްޔެވެ؟
އަދި އޭނާގެ ހިތަށް އަބަދުވެސް އެރީ މިހެންނެވެ. – އިންސްޓަގްރާމު އިންސްފްލުއެންސާއަކަށް މަ ނުވާންވީ ކީއްވެގެން ހެއްޔެވެ؟
ލައިފުގައި "ހޭޝް ޓެގް"، ލައިރާގެ ޑިސްކައުންޓަކާއި ޝޯޓްކަޓެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ކޮމެންޓެއް ކޮށްލައިގެން އެފެލް ޓަވަރުގައި ނިދާލަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ މަމްތާޒް މަހަލްގެ ތާޖު އަޅައި ތަހުތު ހިފައިގެން ގޮސް ތާޖު މަހަލްގެ ރިފްލެކްޝަން ޕޫލަށް އެރި އުފަން ދުވަސް ފާހަގަކުރަން ކޭކު ފަޅައި ފްލޯޓިން ބްރޭކްފާސްޓެއް އެތަނުގައި ނަގަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟
އެ ޓިކެޓް މަށަށް، ރަނުން ހިލޭ ލިބޭ ނަމަ އިންފްލުއެންސާއަކަށް މަ ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ޝަނެލާއި ގޫޗީ އާއި ލުއީ ވޮޓޮން އިން ހިތް ފުރަން ލިބޭ ނަމަ އިންފްލުއެންސާއަކަށް މަ ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ޑޮލްޗޭ އެންޑް ގަބާނާ، ޕްރާރރޑާއި ވަސާޗޭ، އަހަރެން ހުރި ތަނަކަށް ބަލައި އަންނަނީ ނަމަ އިންފްލުއެންސާއަކަށް މަ ނުވާންވީ ކީއްވެގެން ހެއްޔެވެ؟
ލައިރާގެ ހިތަށް އެރީ މިހެންނެވެ. ނަމަވެސް އޭނާ އަކީ ސްމާޓް ޕްލެޔަރެކެވެ. އަދި އިންސްޓަގްރާމުގައި މިލިއަން ފޮލޯވަރުން ހޯދައި ފޭނުންގެ އެ ލޯތްބާއި އިތުބާރު ދަމަހައްޓަން ބޭނުން ނަމަ ސްމާޓްކޮށް މި ބިޒިނަހުގައި ކުޅެން އެނގެން ޖެހޭނެއެވެ. އުޅެން އެނގެންވާނެއެވެ. ހިތަށް އަރާހާ އެއްޗެއް އަދި އެ ހިތް ބޭނުން ހުރިހާ އެއްޗެއްގެ ވާހަކަ އެންމެނަށް ކިޔައިދޭކަށް ނުޖެހެއެވެ. ޕަބްލިކް އެކައުންޓަކަށްވިޔަސް ކޮންމެހެން ޕަބްލިކްވާކަށް ނުޖެހެއެވެ.
ހިތަށް އަރާހާ ވާހަކައެއް އޭނާ ނުދައްކަނީ އެހެންވެގެންނެވެ. ރައްޓެއްސަކަށްވިޔަސް ހުރިހާ އެއްޗެއް ކިޔައިނުދެނީ އެހެންވެގެންނެވެ. އެހެން ނޫނަސް، "ހޭޝްޓެގް" ލައިރާއަކުން ހަޔާތެއް ބަދަލުކޮށްލުމުގެ ބާރާއި ނުފޫޒު އިނގިލިކުރީގައިވީއިރު ދެން ކޮން ބޭކާރު ވާހަކައެއް ހެއްޔެވެ؟
ލައިރާ އަކީ ހަމަ އަސްލަށް ވެސް އޭނާގެ މި ދުނިޔޭގައި ޕަޕަރާޗާއެއްހާ އަގުބޮޑު މަހުރަބެކެވެ. ނީލޯފަރު މަލުގައިވީ ހިތްގައިމުކަމާއި ރީތިކަން ސިފަވެގެން އަންނަ މަޣުރިބުކަރައިގެ ނީލަމެއްގައިވީ ފުރިހަމަ ކަމެކެވެ. ކަސްތޫރީގެ އެންމެ މީރު ވަހާއި އަސަރެވެ. ސަފްރޯންހާ ތަދު އަގުބޮޑު ރީތިކަމެކެވެ. އެންމެން ވެސް އޭނާގެ ފަހަތުން ދުވަމުން ގެންދިޔަ ސަބަބު ވަރަށް ވެސް ސާފެވެ.
އޭނާގެ ނުފޫޒާއި އެ ރީތިކަމާ ބައްދަލު އެހެން އެއްވެސް ބާރެއް ހަގީގަތުގައި ނުވެއެވެ. އަދި އެ ބާރާއި ނުފޫޒު ކެނޑިގެން ހިނގައިދާނެ ކަމަކަށް މީހުން ގަބޫލެއް ވެސް ނުކުރެއެވެ. ލައިރާގެ އެ މަންޒަރު ކުޑަކޮށްލަފާނެ މަންޒަރެއް ދުނިޔެ މައްޗަށް ފާޅުވެދާނެ ކަމަށް އޭނާގެ މި ދުނިޔެއަށް ސަޖިދަޖަހައިގެން ތިބި އެއްވެސް ބަޔަކު ގަބޫލެއް ވެސް ނުކުރެއެވެ.
އެކަމަކު ކޮވިޑްގެ ބަލިމަޑުކަން އައީ އެއްވެސް ކަހަލަ އިންޒާރެއް އެއްވެސް މީހަކަށް ދިނުމެއް ނެތިއެވެ. އަދި އިންސާނުންގެ މެދުގައި އޮތް ހަމަޖެހުމާއި އެމީހުންގެ ތަނަވަސްކަން ޖަހައިގެން ގެންދާ ރޫހާނީ ނުބައި ބާރެއްގެ ސިފައިގައެވެ. ދުނިޔޭގެ އެއްބިތުން ކޮވިޑްގެ އެ ބޮޑު ރާޅާއި ފުރޭތައިގެ ދެ ދަޅު ދައްކާލިއިރު އެ މަންޒަރު ބަލަން ލައިރާ އިނީ އަނެއް ބިތުގައެވެ. އޭނާގެ މޮޑެލިން ކެރިއާ އޭނާ އުފުއްލާލައިގެން ގެންގޮސް ބެހެއްޓި މެންހެޓަންގެ ބިއްލޫރި ޖެހި ހިތްގައިމު ކޮޓަރިއެއްގައެވެ.
ކޮންމެ އެއްޗެއް ވެސް ކުދިކުދިވެ، ކުނޑިކުނޑިވެ، އަޅިއަށްވެ ނިމިގެންދެއެވެ. ދުނިޔަވީ މި ހަގީގަތް ލައިރާގެ ބޮލާއި ހިތް ތޮރުފައިގަތީ މޮޑެލިން އިންޑަސްޓްރީ ނަގައި އެކޮޅުކޮޅުން ޖަހައިލި ރާޅާއެކު ވެއްޓެމުންދިޔަ ހުސްކަމުގައި އެނބުރި އައުމެއް ނެތްކަން އިހުސާސުވި ވަގުތެވެ. ވަކިން ހާއްސަކޮށް ހަމުގައިވީ ކުލަ އާއި ނަސްލުގައިވީ ހަގީގަތް އޭނާ އަށް ދިން ކެހި ކޮވިޑްގެ އަނދިރިކަމުގައި ވަކިން ބޮޑެވެ.
އެކުގައި އުޅުނު ލޯބިވެރިޔާ ގެއްލި، ކައިބޮއި އުޅުނު ޕާޓްނާޝިޕްތައް ގެއްލި، އެކުގައި ނޭވާލަމުން ދިޔަ މުވައްޒަފުންގެ ކުޅަދާނަ ޓީމު ގެއްލި ހަޔާތުގެ ވަށްބުރު ކުއްލިއަކަށް ކުޑަވެ އެ އިމުގައި އިންތިހާ އަށް އެކަނިވެރިވެ އެ ހިތްދަތި އިހުސާސް ފުރަތަމަ ފަހަރަށް ހިތަށް ވަދެގަތެވެ. މިލިއަނެއްހާ މީހުން ފަހަތުގައި ތިއްބަސް މިޔަހެލީގެ ގަދަ ވަޔާއި ވާރެ އާއި ތޫފާނުގެ ތެރެއަށް ނަގައި އެއްލާލައިފިއެވެ.
ވެއްޓިގެން ގޮސް ޖެހުނު ބާރު މިނުގައި އަނެއްކާވެސް އެންމެ އަމާން އައްސޭރިއަކަށްވީ ހުދު ދޮންވެލީގެ އަމިއްލަ އުފަން ބިމެވެ. ވެލި ފޮޅާލާފައި ތެދުވެ އަނެއްކާވެސް ސުމަކުން ފަށަން ޖެހުނީއެވެ.
ހަޔާތް ދެއްކި ދުނިޔޭގެ ހުރިހާ ބުރައެއް ކޮނޑަށް ލައިގެން ގޮސް އޭނާ ވެއްޓިގަތީ މާލެއިން ކުއްޔަށް ހިފި ކުޑަ ކޮޓަރިގަނޑުގެ ބިންމަތީގައި އަޅާފައި އޮތް ގޮދަޑިގަނޑެއްގެ މައްޗަށެވެ. އޭނާ އެނބުރި އައި ވާހަކަ ފަލަ ސުރުހީތަކަށް އަރައި މެސެޖުތަކާއި ކޯލުތަކުން ފޯނުގަނޑު ހުލިކޮށް ނިއްވާލިއެވެ. ލައިރާގެ ސިކުނޑީގައި އޭރު ގުގުމަމުންދިޔަ އަޑަކީ އެކުގައިވީ ކުރީގެ ރައްޓެހިންނާއި ދުވަހަކުވެސް އޭނާ ބޭނުންނުވި މީހުންގެ ތޫލި އަޑެވެ.
"ކަލެއަށް ދުނިޔެ ފެނިއްޖެއެއް ނޫން ހެއްޔެވެ؟ ކަލެއަށް ދުނިޔެ ދެއްކި މަންޒަރު ވަރަށް ރީތިވެއްޖެއެއް ނޫން ހެއްޔެވެ؟ ކަލޭގެ ރީތިކަމާއި ބާރާއި ނުފޫޒުގައިވީ ކިބުރުވެރިކަމާއި ބޮޑާކަން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ ކަލެއަށް ކޮންމެ ހާލެއް ޖެހުނަސް އަހަރެމެންނަށް މިއަދު ކީއް ހެއްޔެވެ؟"
ލައިރާ ނިދައި ހޭލަމުންދިޔައީ މި ފުރައްސާރަ އާއި މަލާމާތަށެވެ. ބަދުދުޢާ ކުރި މީހުންނާއި ނެތިމޮށުނު މީހުންގެ ދަރުބާރަށެވެ. ސޯޝަލް މީޑިއާގެ އެ ދިރިއުޅުން ނިއްވާލައި އޭނާ ނިދައި މަރުވެ ވެއްޓިގަތީ އެނބުރި އައުމެއް ނެތް ދުނިޔެއަކަށް ދުޢާކުރަމުންނެވެ. އެކަމަކު މަރުވުމެއް ވެސް ނެތެވެ. އަދި ދިރިހުރުމެއް ނުވަތަ ދިރިއުޅުމެއް ވެސް ނެތެވެ.
އޭނާ އަށް އަލުން ހަމަ ނޭވާ ލެވެން ފެށީ މި ހިތްދަތި ހަޔާތުގެ ބުރުގައި އެނބުރެމުންދާތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. މީހުން އަނެއްކާވެސް މަޑުމަޑުން ލައިރާ ބަލައިގަންނަން ފަށައިފިއެވެ. ވިޔަފާރީގެ އެއްބަސްވުންތަކުގެ މަޅީގައި ބެދި ކޮވިޑްގެ ރާޅާއެކު އަތުން ބީވެގެން ދިޔަ މިލިއަން ފޮލޯވަރުންގެ އެކައުންޓްގެ ބަދަލުގައި އެހެން ނަމަކާއި މުޅިން އައު މޫނަކާ އެކު މުޅިން އައު ފެށުމަކަށް އަނެއްކާވެސް ރިޔާކޮށައި ފޯނު ހުޅުވާލިއެވެ.
މަޑުމަޑުން ނޫސް މަޖައްލާތަކުގެ ފަލަ ސުރުހީތަކާއި ކަވަރުތަކުން ޖާގަ ލިބި ވިޔަފާރިވެރިންނާއި ބްރޭންޑްތަކުގެ އިތުބާރާއި ލޯބި އަލުން ލިބެން ފަށައިފިއެވެ. މީހުން އަނެއްކާވެސް އޭނާ ފޮލޯކުރަން ފަށައިފިއެވެ. ވަކިން ހާއްސަކޮށް ފޮޓޯގްރާފަރުންގެ ޝައުގުވެރިކުރުވަނިވި ހުށަހެޅުންތައް ލިބެން ފަށައިފިއެވެ. އަދި އެއާއެކު ލައިރާގެ ހިތާއި ބޮލަށް އަނެއްކާވެސް ވަސްވާހުގެ ވިހަ އާއި އަމިއްލަ އެދުން މަޑުމަޑުން ފޭދެން ފަށައިފިއެވެ.
ކޮންމެ ކޮންމެ ފޮޓޯގްރާފަރަކާއެކު ފޮޓޯނަގާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަދި ވަކިން ހާއްސަކޮށް އަގަކަށް ނޫން ގޮތަކަށް ގޮސް އެއްވެސް ފޮޓޯގްރާފަރަކަށް ހިލޭ ސާބަހަށް މޮޑެލްކޮށްދޭން ބޭނުމެއް ނުވިއެވެ.
"މިއީ އަނެއްކާވެސް އަހަރެންގެ އުސްމިނަށް އެނބުރި ދިއުމަށް ލިބޭ ފުރުސަތެކެވެ. މިއީ އަހަންނަށް ހުޅުވާލެވޭ ދެ ވަނަ ފުރުސަތެވެ."
ވިޔަފާރިވެރި ބްރޭންޑްތަކާއި މަޖައްލާތަކާއި މަޝްހޫރު ފޮޓޯގްރާފަރުން ހުށަހަޅަމުން ދިޔަ ހުށަހެޅުންތައް ބަލައި ހާވަމުންދިޔައިރު ލައިރާގެ ތުންފަތްމަތީގައި ކުޅެމުން ދިޔަ ހިނިތުންވުން އޭނާގެ ބޮލަށް ވައްދަމުން ދިޔަ ހިޔާލަކީ މިއެވެ. އަދި އޭނާގެ ޝައުގުވެރިކަން ދަމައިގަތް ނަމަކަށްވީ ސަފަކް އެވެ.
ދިވެހި ފޮޓޯގްރާފަރެކެވެ. ބްރޭންޑާއި ފޮލޯވަރުންގެ އަދަދުން ބަލާ ނަމަ ލައިރާގެ އާ އެކައުންޓަށް ވުރެން އެތައް ގުނައެއް ބޮޑު ނަމެކެވެ. އެކަމަކު ލައިރާގެ ވަގުތު ގަނެލެވޭވަރުގެ ދިވެހި ފޮޓޯގްރާފަރަކާ މިހާތަނަށް ބައްދަލެއް ނުވެއެވެ. އަދި އެ ވަގުތަށް ހައްގު އަގު ނުދޭ ފޮޓޯގްރާފަރަކަށް ވަގުތު ދިނުމުގެ ވިސްނުމެއް ލައިރާގެ ވެސް ނެތެވެ.
ނަމަވެސް ސަފަކް ހުށަހެޅި އަގުވީ ދެ މީހުންގެ އެ ވާހަކައިގައި އިތުރު ބޮޅުތަކެއް ކުރެހި ހިތްގައިމު އަދަދަކަށެވެ. އެކަމަކު ލައިރާ ބޭނުންވީ އެ އަދަދު އެއަށް ވުރެން ވެސް ރީތިކުރާށެވެ. ސަފަކްގެ ގޮތް ބަލައިލުމަކީ ލައިރާގެ އެއް ބޭނުމެވެ. އަނެއް ބޭނުން ނުބުންޏަސް ވަރަށް ސާފެވެ. އަމިއްލަ ދެފައި މައްޗަށް ތެދުވަން މިއަށް ވުރެ މޮޅަށް އޭނާ ކުރަން ދަންނަ އެހެން އެއްވެސް ވިޔަފާރިއެއް ނެތެވެ.
ލައިރާގެ އަގަށް ސަފަކް އެއްބަސްވުމުން ދެން އެދުނީ އޭގެ އެޑްވާންސް ޕޭމަންޓް 24 ގަޑިއިރު ތެރޭގައި ހެދުމަށެވެ. އެކަމަކު އެ ޕޭމަންޓް ސަފަކް ހެދީ ވަގުތުންނެވެ. އެއާ އެކު ސަފަކްގެ މި ޕާސަނަލް ޕްރޮޖެކްޓަށް ލައިރާ ވަގުތުން އޮންބޯޑްވީއެވެ. އިތުރު ސުވާލެއް ވެސް ކުރުމެއް ނެތިއެވެ.
ރީތިވެގެން ބޭރަށް ނުކުމެ ޓެކްސީއަކަށް އިންތިޒާރުކުރަމުންދިޔައިރު ވެހެމުންދިޔަ ވާރޭގެ ތެރެއަށް ގެއްލި ހުރެ ލައިރާގެ ހިޔާލުގައި އެނބުރެމުން ދިޔައީ ފޮޓޯޝޫޓްތަކަށް އޭނާ ކުރިން ތައްޔާރުވާ ގޮތާއި އޭނާ ރީތިކޮށްދޭން ތިބޭހާ މީހުންނާއި އެމީހުން ކުރަހަމުން ކުލަ ޖައްސަމުން ޖަރީކުރަމުން ދިޔަ ބޮޑު މަންޒަރެވެ. އެ އުޑުން ވެއްޓިގެން ދިޔަ ގޮތާއި ވެއްޓިގެން ގޮސް ޖެހުނު ބާރު މިނެވެ. އަނެއްކާވެސް އެ އުޑަށް އަމާޒުކޮށް ހަޔާތުގެ ދަތުރުގައި އޭނާ ފަށާ އައު ދަތުރެވެ.
ކާރު އައިސް މަޑުކޮށް ބަރުގޮނު އަޅައިލުމާ އެކު ހިޔަލުން ނުކުމެ ކުރު ފިޔަވަޅުތަކެއްގައި ގޮސް ލައިރާ ޓެކްސީ އަށް އަރައި ދޮރު ލައްޕައި ހަމަޖެހިގަތެވެ. ސިނަމާލެ ބްރިޖު ހުރަސްކޮށް ހުޅުމާލެ އަށް ގޮސް އުޑުވިލާ އެޕާޓްމަންޓްސްގެ ބޭރަށް މަޑުކޮށްލިއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ. ކާރުން ފޭބިއިރު ވޭރާ މިހާރު އެ އޮތީ ހުއްޓާލައިފައެވެ. ނަމަވެސް ވައިގެ ތެރޭގައިވީ ތެތްކަމާއި ފިނިކަން އެނބުރެމުން އައިސް ގައިގައި ބައްދައިގަތެވެ.
ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓާއި ކަޅުކުލައިގެ ރިޕްޑް ޖީންސްގެ ބޮޑު ބައެއް ފޮރުވަމުން މެރޫންކުލައިގެ ޓްރެންޗް ކޯޓު ގަޔަށް ހެޔޮވަރުކުރަމުން ގޮސް ސަފަކްގެ އިރުޝާދާ އެއްގޮތަށް އުޑުވިލާ އެޕާޓްމެންޓްސްގެ ލިފްޓަށް ލައިރާ އަރައިފިއެވެ.
ހަތް ވަނަ ބުރިއަށް އަރައި މަޑުކޮށްލި ލިފްޓުން ނުކުމެ ގޫޗީ ދަބަސް ތެރެއިން ފޯނު ނަގައި ސަފަކްގެ ނަމްބަރަށް ގުޅައި ފޯނު ކަންފަތުގައި ޖެހިއިރު މި ހޯލްވޭގެ އެންމެ އެތެރެއިން ފެންނަން ހުރި ދޮރު ހުޅުވާލައިގެން ހުރި ޒުވާނަކު އޭރު ލައިރާ އަށް ފެނެއެވެ. އެ ޒުވާނާ އަތުން އިޝާރާތްކޮށް ގޮވާލުމުން އެއީ ކާކުކަން ޔަގީންވެ ފޯނު ދަބަހަށް ލަމުން ލައިރާ އެ ދިމާލަށް ހިނގައިގަތެވެ.
ސަފަކްގެ އަޑު ވަރަށް ރީއްޗެވެ. އިސްކޮޅުން ދިގުވެފައި ހެދިހުރި ހަށިގަނޑާއި ހެދުން އެޅުމުގެ ސްޓައިލް ވެސް ވަރަށް ރީއްޗެވެ. ބޮލުގައި އޮތް ކަޅު، ބުޅި އިސްތަށިގަނޑު އަދި ވަކިން ރީއްޗެވެ. އަތުގައި ފަށެއް ނެތެވެ. އަތުކުރީ ގަޑިއެއް ނެތެވެ. އިނގިލީގައި އަނގޮޓިއެއް ނެތެވެ. އެކަމަކު އެ ނިޔަފަތިތަކުގައި ވަރަށް ފަރުވާތެރިކަމާ އެކު ޖައްސާފައިވީ ރަތް ކުލައިގެ ނެއިލް ޕޮލިޝްވީ އިތުރަށް ޝައުގުވެރިކުރުވަނިވި ސިފައަކަށެވެ. ސަފަކްގެ އެ ސިފަތަކަށް ފާރަލަމުން ދަނިކޮށް ލައިރާގެ ލޯ ކުއްލިއަކަށް މަރާލެވުނީ އަޑުފަށްގަނޑަކާއެކު ސްޓޫޑިއޯ ދިއްލައި މުޅި އެތަނަށް ފެތުރިގަތް ގަދަ ހުދު އަލިންނެވެ.
ލޯހުޅުވައި މުޅި އެ މަންޒަރުގައި ރަނގަޅަށް ހަމަޖެހިލެވުނުއިރު އެއޮތް ބޮޑު ސްޓޫޑިއޯ ތެރޭގައި ތިބީ ލައިރާ އާއި ސަފަކް އެކަންޏެވެ. ލައިރާ އިށީންނާނެގެ ގޮނޑިއެއް ދައްކާލުމަށް ފަހު އަހާލީ ކޮން ވައްތަރެއްގެ ކޮފީއެއްތޯއެވެ؟ އޭނާ އެނބުރިގެން ގޮސް ގެއްލުމުން ހުދުއަލީގައި ދިއްލިފައި އޮތް ސްޓޫޑިއޯ ތެރެއަށް ލައިރާގެ ނަޒަރު އަނެއްކާވެސް ހުއްޓުނެވެ. އަދި ފޮޓޯނަގަން ސެޓުކޮށްފައިވާ ބެކްޑްރޮޕާ ދިމާލުން އެއް ފަރާތެއްގައިވީ ހެދުން ކަލެކްޝަނެއް ފެނި އޭގެ ބާރުގައި ޖެހި ސޯފާ ދޫކޮށް ބޭއިހުތިޔާރުގައި އެދިމާލަށް ހިނގައިގަނެވުނެވެ.
އެއީ ހުސް ދިވެހި ލިބާހެވެ. ކަސަބު ބޯވަޅު އަޅައި ކުލަކުލައިން ޖަރީކޮށްފައިވާ ސަގާފީ ބޮޑު ކަލެކްޝަނެކެވެ. ނަމަވެސް އެތަނުގައި ފިރިހެނުންގެ ހެދުމެއް ނެތެވެ.
ހެދުންތައް ބަލައި ހާވަމުން ދަނިކޮށް ލައިރާގެ ލޮލުގައި އަޅައިގަތީ ފަހަތުގައި އަތުރާފައި ހުރި މެނެކުއިންތަކެވެ. ރަންކުލައިގެ މެނެކުއިންތަކެކެވެ. އޭގެ ބައެއް ބުދުތައް ހުރީ ދިވެހި ލިބާހުގައި ރީތިކޮށްފަ އެވެ. ދެން ހުރި ބުދުތައް ހުސްގަޔާއެވެ. ލައިރާގެ ލޮލުގައި ދެން އަޅައިގަތީ މި ބުދުތަކުގެ ފަހަތުން ފެންނަން ހުރި ފާރުގައި ހަރުކޮށް ހުރި ފޮޓޯތަކެވެ. އެ ވެސް ބޮޑު ކަލެކްޝަނެކެވެ. ވަރަށް ރީއްޗަށް ފްރޭމްކޮށްފައިވާ ފޮޓޯތަކެކެވެ. އަދި އެ ފޮޓޯތަކުން ފެންނަން ތިބީ ހުސް ޒުވާން އަންހެން ކުދިންނެވެ. އެންމެން ވެސް ތިބީ ކަސަބުން ޖަރީކުރި ދިވެހި ލިބާހުގައެވެ.
ސަފަކްގެ ޕާސަނަލް ޕްރޮޖެކްޓަކީ މިއީ ދޯއެވެ. ލައިރާގެ ހިތަށް އެރީ މިހެންނެވެ. އެވަގުތު ފަހަތުން މީހަކު ކަރުކެހިލި އަޑަށް އެނބުރުނުއިރު ކޮފީތައްޓެއް ހިފައިގެން އައިސް ހުއްޓި ހުރީ ސަފަކްއެވެ. ކޮފީތަށި ދިއްކޮށްލުމުން ލައިރާގެ ލޮލުގައި އަނެއްކާވެސް އަޅައިގަތީ ރަތްކުލަ ޖައްސާފައިވީ އެ ރީތި ނިޔަފަތިތަކެވެ.
ކޮފީތަށި އަތުލައިގެން ފޮދުވަރެއް ބޯލުމާއެކު ސަފަކް ކިޔައިދޭން ފެށީ އޭނާގެ މި ހާއްސަ ޕްރޮޖެކްޓްގެ ވާހަކަ އާއި އޭނާގެ ކެރިއަރުގެ ވާހަކައެވެ. އަދި ލައިރާގެ ވާހަކަ އަޑުއިވުނު ގޮތާއި އޭނާގެ މި ހާއްސަ ޕްރޮޖެކްޓަށް ލައިރާ ކަހަލަ މޫނެއް ހާއްސަވާ ސަބަބެވެ. މި ވާހަކަތައް ކިޔައިދެމުން ސްޓޫޑިއޯ ތެރެއިން ސަފަކްގެ މަސައްކަތްތައް ދައްކަމުން ގޮސް ދެ މީހުން ޖައްސާލީ އަނެއްކާވެސް ސޯފާގެ އަރާމުގައެވެ.
ލައިރާ އަށް އިނދެވުނީ އިމްޕްރެސްވެ ކިޔާނެ އެއްޗެއް ވެސް ނޭނގިފައެވެ. ސަފަކަކީ އޭނާ ހީކުރިހާ އާދައިގެ ފޮޓޯގްރާފަރެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް އޭނާގެ ޕްރޮޖެކްޓަށް ލައިރާގެ މޫނު ހާއްސަވާ ސަބަބުތައް ކިޔައިދިނުމުން އެ ހިތް މިހާރު އެ އޮތީ ފުރިފައެވެ.
ޝޫޓުކުރާނެ ދުވަހަކަށް އެއްބަސްވެ ލައިރާ އެތަނުން ނުކުމެގެން ދިއުމުގެ ކުރިން އެއްބަސްވާން ޖެހުނީ އެންމެ ޝަރުތަކަށެވެ. އެއީ މި ޕްރޮޖެކްޓެއްގެ ވާހަކަ އިތުރު އެއްވެސް މީހަކާ ހިއްސާނުކުރުމަށް ސަފަކް އެދުނު އެދުމެވެ. އެކަމަކު ހަގީގަތަކީ މިއެވެ. ލައިރާ މިހާރު އެހެރީ ލޯ މަރާލައިގެން ވެސް ސަފަކްގެ އަތުގައި ހިފަން ތައްޔާރަށެވެ. އަނެއްކޮޅުން ހަޔާތުގެ ވާހަކަ ހިއްސާކުރާނެ އިތުރު އެއްވެސް މީހަކު ވެސް އޭނާގެ ހަޔާތުގައި ނެތެވެ.
ސަފަކްގެ ސްޓޫޑިއޯގައި ހޭދަކުރި އެއް ގަޑިއިރުގެ އެއް ބައްދަލުވުމަށް ފަހު ދެ މީހުން ދެން ބައްދަލުވީ އޭގެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އަނެއްކާވެސް ސްޓޫޑިއޯގައެވެ. އަދި ލައިރާ ގޮސް ކެމެރާގެ ކުރިމައްޗަށް ހުއްޓި އެހެރީ ސީދާ އޭނާ އަށް ހާއްސަކޮށްގެން ސަފަކްގެ ދެ އަތުން ތައްޔާރުކޮށްފައިވާ ދިވެހި ލިބާހެއްގައެވެ. ސަފަކްގެ މޭކަޕާއި ހެއާސްޓައިލުން ފަރިވެ ނަލަވެގެންނެވެ.
މިއަދު ވެސް ސްޓޫޑިއޯގައި ތިބީ ދެ މީހުން އެކަންޏެވެ. ސަފަކް ފޮޓޯނަގަމުން ލައިރާ އަށް އިރުޝާދު ދެމުން ގެންދިޔައިރު އެ ހިތްގައިމު މަންޒަރު ބަލަން އެތަނުގައި ތިބީ އެއް ފަރާތެއްގައި މަޑުކޮށްލައިގެން ތިބި މެނެކްއިންތަކާއި ފާރުގައި ހަރުކޮށްފައިވީ ފޮޓޯތަކުގައި ތިބި އަންހެން ކުދިންނެވެ. އެ ހުރިހާ އަންހެން ކުދިން ވެސް އެ ތިބީ ލައިރާ ވެސް ދެމުން ދިޔަ ޕޯޒްތަކުގައި ހުއްޓިލައިގެންނެވެ.
ހިތް ފުރެންދެން ފޮޓޯނަގައި ނިމުމުން ސަފަކް އެދުނީ އަނެއް އައުޓުފިޓަށް ޗޭންޖުވުމަށެވެ. ދެ ވަނަ އަދި އެންމެ ހާއްސަ ސެޝަން ފެށުމަށެވެ.
ސަފަކް ދިން ހެދުން ގަޔަށް ހެޔޮވަރުކުރަމުން ޗޭންޖިން ރޫމުން ލައިރާ ނުކުމެގެން އައިއިރު ސަފަކް ތައްޔާރުކުރަމުން ގެންދިޔައީ ތަހުތެކެވެ. ސްޓޫޑިއޯގައި މިހާރު ވަނީ ލައިޓިން ވެސް ބަދަލުކޮށްފައެވެ. ފޮޓޯސެޓަށް ހެޔޮވަރުކުރަމުން ގެންދިޔަ ތަހުތު ފިޔަވައި އެހެން ހުރިހާ ދިމާލެއް މިހާރު ވަނީ ފުސް އަނދިރިކަމެއްގެ ތެރެއަށް ދަމައިގެންގޮސް ގެއްލިފައެވެ.
މަޑުމަޑުން ހިނގާލާފައި ގޮސް ސެޓަށް ވަނުމުން ސަފަކް ދައްކާލީ ތަހުތެވެ. ތަހުތުގައި ގޮސް ލައިރާ އިށީނުމުން ކެމެރާގެ ފަހަތަށް ވަދެ ސަފަކް އަވަސްއަވަހަށް ދެ ތިން ގަނޑެއް ކަނޑާލިއެވެ. އަދި ކެމެރާއިން ލޯ ދަމައިގަނެގެން ގޮސް އިތުރު އިރުޝާދުތަކެއް ލައިރާއަށް ދިނުމަށް ފަހު ސަފަކް ވަދެގެން ގޮސް ގެއްލުނީ ދުރުގައި އޮތް އަނދިރިކަމުގެ ތެރެއަށެވެ. އެދިމާލުން މީހަކު އެނބުރި އަންނަތަން ފެނުނީ އިރުކޮޅެއްވީފަހުންނެވެ. ސަފަކްއެވެ.
އޭނާ އެ އަންނަނީ ކަނޑިއެއް ހިފައިގެންނެވެ. އެއީ މި ސެޝަންގެ އެންމެ ހާއްސަ ޕްރޮޕެވެ. އެއާ ނުލައި ތަހުތާއި މަހާރެހެންދިއެއްގެ ފޮޓޯގަނޑެއް ފުރިހަމަނުވާނެ އާލާތެކެވެ. ތޫނުކަމެކެވެ.
ސަފަކް އައިސް ކުރިމަތީގައި ހުއްޓުމުން އެ ކަނޑި އަތުލަން ލައިރާ ހިނިތުންވެ ދެ އަތް ދިއްކޮށްލިއެވެ. އެއާއެކު ކަނޑި ނަގައި ސަފަކް އޭނާއާ ދިމާލަށް ދިއްކޮށްލިއެވެ. ލައިރާއަކަށް އެ ކަނޑީގައެއް ނުހިފުނެވެ. އެއަށް ވުރެ މާ ކުރިން ގޮސް އެ ކަނޑި އޭނާގެ މޭ ފޫއަޅުވާލާފައި ގޮސް ވަނީ ހިތަށެވެ. އެއާއެކު ލައިރާގެ މެއިން އޮހޮރިގަތް ލެއާއެކު އޭނާ ފަހަތަށް ޖެހި ތަހުތަށް ވެއްޓުނެވެ. ހަރަކާތް އެއްކޮށް ހުއްޓިއްޖެއެވެ.
ތަހުތުގައި ދެމެމުން މުޅި އެތަނުގައި ލޭގެ ކޯރެއް ހެދެމުންދިޔައިރު ސަފަކް ގޮސް އަނެއްކާވެސް ހުއްޓި ހުރީ ކެމެރާގެ ފަހަތުގައެވެ. ހިތްފުރެން ދެން ފޮޓޯ ނަގާށެވެ. އޭނާ އެންމެ ބޭނުންވާ ޝޮޓް އަދިވެސް ނުލިބިގެން އުޅޭހެންނެވެ. ނުވަތަ އޭނާ ބޭނުންވި އަސްލު ޝޮޓަށް ފޯކަސްކޮށްލައިގެންނެވެ.
ލައިރާ އަކީ ސަފަކްގެ މި ޕާސަނަލް ޕްރޮޖެކްޓަށް ނުވަތަ އޭނާގެ މި އާދަޔާހިލާފު ކަލެކްޝަނަށް އިތުރުކުރި 11 ވަނަ މޮޑެލް އެވެ. އޭނާގެ އަމާޒަކީ ސަތޭކަ އެވެ. ނުވަތަ އެއަށް ވުރެ މައްޗަށް ނުދާންވީ ސަބަބެއް ވެސް ނެތެވެ.
ފޮޓޯނަގައި ނިމުމުން ލައިރާގެ ހަށިގަނޑު ނަގައިގެން ގޮސް ވެއްދީ ސަފަކްގެ މި ޕްރޮޖެކްޓްގައި އޭނާ ބައިވެރިކުރާ އަންހެން ކުދިންނަށް އޭނާ ހާއްސަކޮށްފައިވާ ފިނި ކޮޓަރިއަށެވެ. އެތަނުގެ ތެރޭގައި ހުއްޓިލައިގެން އެ އެންމެން ކޮޅަށް ތިބިއިރު ހީވަނީ ބުދުތަކެއް ހެންނެވެ. މޭކަޕްކޮށް ނަލަކޮށް އަތުގެ އިނގިލިތަކުގެ ނިޔަފަތިތައް ރަތްކުލައިން ޕޮލިޝްކޮށްފައެވެ. ސަފަކްގެ އިނގިލިތަކާ ހަމަ އެއްގޮތަކަށެވެ.
ލައިރާގެ ހަށިގަނޑު ނަގައި ކުރަހާ މޭޒު މައްޗަށް އަރުވައި ސެޓުކޮށްލުމަށް ފަހު ގޮނޑިއެއް އަޅައިގެން ކައިރީގައި ސަފަކް އިށީނެވެ. ލައިރާގެ ލެއިން ހަޑިވެފައިވާ ހެދުންތައް ކޮށައި އެއްލާލުމަށް ފަހު އާ ލިބާހެއް ލައްވައި މޭކަޕްކޮށް އަނެއްކާވެސް ނަލަ ހައްދާލިއެވެ. އެއަށް ފަހު ރަތްކުލައިގެ ނެއިލް ޕޮލިޝް ފުޅިއެއް ނަގައިގެން ނިކަން ފަރުވާތެރިކަމާ އެކު ކުލަ ޖައްސަން ފެށީ ފަރިކޮށްލާފައި އޮތް ލައިރާގެ ތުނި ނިޔަފަތިތަކުގައެވެ.
އެއަށް ފަހު އެ ފިނި ކޮޓަރިން ނުކުމެގެން ގޮސް އޮފީހަށް ވަދެ އޭނާ ހުޅުވާލީ ލައިރާއާ އެކު ނެގި ފޮޓޯތަކެވެ. އެ ފޮޓޯތައް ހާވައި ބަލަމުން ގޮސް ދެން ވަނީ އިންސްޓަގްރާމަށެވެ. އަދި ޓައިޕްކޮށް ސާޗްކޮށްލީ ކުރިއަށް އޮތް ޝޫޓަށް ދައުވަތު ދޭނެ މޮޑެލްގެ ނަމެވެ.